Support Us

ހިޒްބުﷲއަށް ތާއީދުކުރާ މީހުން ހޮނިހިރު ދުވަހު ބައިރޫތުގައި މުޒާހަރާކުރަނީ

އިސްރާއީލާއެކު ސުލްހައިގެ އޮނިގަނޑެއްގައި ސޮއިކުރުމުން ލުބްނާންގައި މުޒާހަރާ

އެމެރިކާ މެދުވެރިވެގެން ލުބްނާނާއި އިސްރާއީލާ ދެމެދު ގާއިމުކޮށްދިން ސުލްހައިގެ އޮނިގަނޑާ ދެކޮޅަށް ލުބްނާންގައި މުޒާހަރާކޮށްފިއެވެ.

ހުކުރު ދުވަހު ސޮއިކުރުމާއެކު ހިޒްބުﷲއަށް ތާއީދުކުރާ މީހުން ވަނީ ވެރިރަށް ބައިރޫތުގައި ހޮނިހިރު ދުވަހު މުޒާހަރާކޮށްފައެވެ.

އީރާނުން ވާގިވެރިވާ، ލުބްނާން ސަރުކާރުން ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲއިން ވަނީ ސުލްހައިގެ އޮނިގަނޑަށް ފާޑުކިޔައިފައެވެ.

"މިއީ ލަދުވެތި ގޮތެއްގައި ލުބްނާންގެ ސިޔާދަތުގެ ރައްކާތެރިކަން ގެއްލުވައިލުން. އޭގައިވާ ނުކުތާތައް އަހަރެމެން ބަލައެއްނުގަންނާނަން،" ހިޒްބުﷲގެ އަމީން އާއްމު ނައީމު ގާސިމު ބުންޏެވެ.

ހިޒްބުﷲއިން ކުރިން ވަނީ އެމެރިކާއިން އިސްރާއީލާއި ލުބްނާނާ ދެމެދު ބޭއްވި ވާހަކަތަކުގައި ބައިވެރިނުވުމަށް ލުބްނާން ސަރުކާރަށް ގޮވައިލައިފައެވެ.

އެމެރިކާއިން ވެސް ބައިވެރިއެއްގެ ގޮތުން ސޮއިކުރި އެ ސުލްހައިގެ އޮނިގަނޑަށް ސިޔާސީ ފާޑުކިޔުން އަމާޒުވެފައިވާއިރު މުޒާހަރާކުރުންތެރިން ބުނީ އެއީ ލުބްނާނުން އިސްރާއީލަށް އަމާންދިނުން ކަމަށެވެ.

ސުލްހައިގެ އޮނިގަނޑަށް ތާއީދުކުރާ ފަރާތްތަކުން ބުނީ އޭގެ ސަބަބުން ލުބްނާނަށް ހަމަޖެހުން ލިބުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެ ގޮތުން، ސުލްހަ ގާއިމު ކުރެވުމުގެ އިތުރުން ލުބްނާންގެ ދައުލަތް ހަރުދަނާކޮށް، ހިޒްބުﷲގެ އަސްކަރީ ގާބިލުކަން ކުޑަކުރެވޭނެ ކަމަށެވެ.

ލުބްނާންގެ ރައީސް ޖޯސެފް އައުން ސުލްހައިގެ އޮނިގަނޑު ދިފާއުކުރެއްވިއެވެ.

"ސުލްހައިގެ އޮނިގަނޑުގެ ސަބަބުން ދައުލަތުގެ ސިޔާދަތު ރައްކާތެރިކޮށް، ދާއިމީ ސަލާމަތްތެރިކަން ގާއިމުކުރަން ހަގީގީ ފުރުސަތެއް ލިބިއްޖެ،" އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ލުބްނާނާއެކު ހެދި އެ ޑީލުގެ ސަބަބުން އިސްރާއީލުގެ ސަލަމާތްތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

"އަދި ލުބްނާނާއެކު ގުޅުން އިތުރަށް ރަނގަޅުކުރަން ދޮރު ހުޅުވިގެންދާނެ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *