ވޭތުވެދިޔަ ދެ ދުވަސް ތެރޭ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ހަ މީހުން ޝަހީދުވެއްޖެއެވެ.
ހުކުރު ދުވަހު ދައިރުލްބަހަލުގެ މަޣާޒީ ރެފިއުޖީ ކޭމްޕްގެ ވެހިކަލަކަށް ޑްރޯނުން ދިން ހަމަލާއެއްގައި ތިން ފުލުހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ކެޕްޓަން މަންސޫރު ސާމީ ޝާހުތޫތު، ކެޕްޓަން މުހައްމަދު ހާލިދު ނައުފަލް އަދި ފަސްޓް ސާޖަންޓް މަހްދީ ނާދިރު ޖަބްރުއެވެ. މީގެ އިތުރުން ގިނަ ބަޔަކު ޒަހަމް ވެސް ވިއެވެ.
އޭގެ ފަހުން އިއްޔެ ދިން ހަމަލާއެއްގައި މަރުވީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ އިސްލާމް މޫސާ އާއި އޭނާގެ އުމުރުން 30 އަހަރުގެ ބޭބެ އަބްދުﷲ މޫސާއެވެ. އެއީ ދެބެއިން ޚާން ޔޫނިސްގެ ހުޅަނގުން އޮންނަ ރައްކާތެރި ސަރަހައްދެއް ކަމަށްވާ އަލް-މަވާސީގައި ދިރިއުޅެމުންދިޔަ ވަގުތީ ޓެންޓަކަށް ޑްރޯނުން ހަމަލާދިނުމުންނެވެ. ދެބެއިން މަރުވި ސަރަހައްދުގައި އިތުރު ހަތް މީހުން ޒަހަމްވިއެވެ.
"ފުލުހުންގެ ވެހިކަލަށް އަހަރެމެންގެ ބިންތައް ހިފައިގެން ތިބި އިސްރާއީލުގެ ސިފައިން ވަނީ ގައްދާރުވެރި ގޮތަކަށް ބޮންއަޅައިފައި،" ފަލަސްތީންގެ ދާހިލީ އަދި ގައުމީ ސަލާމަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ ފުލުހުންނަށް ދިން ހަމަލާއަކީ "ނުބައިކަން ބޮޑުވެގެންވާ ޖިނާއީ ކުށެއް" ކަމަށެވެ. އަދި އިސްރާއީލާއި ޣައްޒާ ހިންގާ ހަމާސްއާ ދެމެދު، ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން ސޮއިކުރި ސީޒްފަޔާ ނަގަހައްޓާ ފަރާތްތަކަށް ގޮވައިލީ އިސްރާއީލުން ތަކުރާރުކޮށް ފަލަސްތީން ފުލުހުންނަށް ދެމުންދާ ހަމަލާތައް ހުއްޓުވައިލަދިނުމަށެވެ.
ފުލުހުންތައް ޝަހީދުކޮށްލި ހަމަލާ އާއި ދެބެއިން ޝަހީދުކޮށްލި ހަމަލާއާމެދު ވެސް އިސްރާއީލުން ބުނީ އިސްރާއީލު ސިފައިން ހަމަލާތައް އަމާޒުކުރީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ.
ދެބެއިން ޝަހީދުކޮށްލި ހަމަލާ މި އައީ އިސްރާއީލުން ފަލަސްތީން ނަސްލު ނައްތައިލަން ކުޑަކުދިން އަމާޒުފަތްގަނޑަކަށް ހަދައިފައިވާ ކަމަށް ދާދި ފަހުން އދ.އިން ދެ ފަހަރަކު ބުނެފައިވަނިކޮށެވެ.
އދ.އިން ދާދި ފަހުން ބުނީ ދެ އަހަރު ވީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި 73،000 މީހުންގެ ތެރެއިން 30 ޕަސެންޓަކީ ކުޑަކުދިން ކަމަށެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ ސީޒްފަޔާ ގާއިމުކުރުމަށްފަހު އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ބުރާސްފަތި ދުވަހާ ހަމައަށް 1،031 މީހުން ޝަހީދުވެ، 3،309 މީހުން ޒަހަމްވެއްޖެ ކަމަށެވެ.



advertisment