ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް، ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހަކޖ ވެސް އާޢަޒުމަކާއެކު ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކު ސްކޫލުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ މިއަދު މި ފެށެނީ ދުންފަތާ ދުރުހެލިވުމުގެ ޚާއްޞަ ޤައުމީ ކެންޕޭނެއް ކަމަށާއި، މިއީ ނަތީޖާ ފެންނާނެ ހެޔޮ މަސައްކަތެއް ކަމުގައެވެ. އަދި މި ކެންޕޭނުން، މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރުގައި ބާރުއަޅާ ކަންކަމަށް ޚާއްޞަ އިސްކަމެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
މި މޭރުމުން އެކަމަނާ ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އެކަމަށް ހިތްވަރުދޭ ގޮތަށް މަގުފަހިވެފައިވާ ކަންތައްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައި، މި ބޮޑު ޤައުމީ މައްސަލައިން ދިވެހި ޤައުމު ސަލާމަތްކުރުމަށް، ހުރިހާ ދިވެހީން އަތުގުޅާލުމަށް ގޮވާލައްވާފައެވެ. އަދި، ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. ހަމަ މިއާއެކު، ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތްކުރެއްވުމުގައި ވިޔަފާރިވެރީން އިސްނެގުމަށްވެސް އެކަމަނާ ވަނީ ބާރުއަޅުއްވައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، "އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ"ގެ ލޯގޯ އިފްތިތާޙްކޮށްދެއްވައިފައެވެ. މި ކެމްޕޭނަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމުގައިވާ މެއި 31ގައި އިޢުލާންކޮށް، މިއަދު ރަސްމީކޮށް އިފްތިތާޙްކުރި ފަސް އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެކެވެ.
މީގެ އިތުރުން މި މުނާސަބަތާ ގުޅޭ ލައިވް ކެންވަސްގައި ކުލަޖައްސަން ފައްޓަވައިދެއްވައި، ޕްލެޖް ބޯޑުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ލިޔުއްވައިފައެވެ. އެގޮތުން، ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، ދުންފަތަށް ނޫނެކޭ ބުނުމަށް އެކަމަނާގެ މެސެޖުގައި ވަނީ ގޮވާލައްވައިފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅުން ހުރި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ "ހެލްތު މިނިސްޓަރޒް އެވޯޑް ފޮ ޓޮބޭކޯ ކޮންޓްރޯލް އެކްސަލަންސް" ލިބިވަޑައިގެންނެވި ފަރާތްތައް އިޢުލާންކުރުންވެސް، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އޮތެވެ.
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދުވަހާ ގުޅުވައިގެން، މުލަކު ސްކޫލުގެ ދަރިވަރުންގެ މެދުގައި ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ހުށަހެޅުންތައް ބައްލަވާލައްވައި، މުބާރާތުން އެކި ވަނަތައް ހޯދި ދަރިވަރުންނާއެކު ފޮޓޯއެއް ނަންގަވައިފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންނާއި ޓީޗަރުން ގުޅިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތައްވެސް އެކަމަނާ ބައްލަވައިލެއްވިއެވެ.
މުލަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަނާ ވަނީ، މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. ސެންޓަރު ހުޅުވައިދެއްވުމަށްފަހު އެކަމަނާ ވަނީ، އެ ސެންޓަރު ބައްލަވައިލައްވާފައެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓް-ޑޯ ޖިމް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.



advertisment