Support Us

މަސައްކަތުގެ މާހަލުގައި އިސްލާމީ ރިވެތި އަހުލާގާއި ސުލޫކަށް އަހުލުވެރިކުރުމުގެ ތަމްރީނެއް ފެނަކައިން ފަށައިފި

މަސައްކަތުގެ މާހަލުގައި އިސްލާމީ ރިވެތި އަހުލާގާއި ސުލޫކަށް އަހުލުވެރިކުރުމުގެ ތަމްރީނެއް ފެނަކައިން ފަށައިފިއެވެ.

"އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" މި ނަމުގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމަކީ ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް ރިސާޗާއި، ޖަމްއިއްޔަތުއްސަލަފްގެ އުޔޫން އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ފެނަކަގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ތަމްރީން ފްރޮގްރާމުގެ ފުރަތަމަ ބުރުގައި ފެނަކަ ހެޑް އޮފީހުގެ 17 މުވައްޒަފުން ބައިވެރިވެއެވެ.

"މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުންފުނީގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އިސްލާމީ ރިވެތި އަހުލާގާއި ސުލޫކީ މިންގަނޑުތަކަށް ތަބާވާ ބަޔަކަށް ހެދުމެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި އިސްލާމީ އުސޫލުތަކުގެ ތެރެއިން ކުރިމަތިލާނެ ގޮތްތައް މުވައްޒަފުންނަށް އުނގަންނައިދިނުމަކީވެސް މި ތަމްރީނުގެ މުހިންމު މަގްސަދެކެވެ. މި ޕްރޮގްރާމުގެ ސެޝަންތައް ނަގައިދެއްވާނީ އެ ކަމުގެ ފަންނީ ހުނަރު ހުރި ބޭފުޅުންނެވެ." ފެނަކައިން ބުނެއެވެ.

"މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ހެޑްއޮފީހުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ފެނަކަ ބްރާންޗުތަކުގެ މުވައްޒަފުންނަށްވެސް މި ތަމްރީން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ކުންފުނިން ދެމުންގެންދާ ޚީދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުންފުނި ރައިޓްސައިޒު ކުރުމަށްޓަކައި ގިނަގުނަ މަސައްކަތެއް ކުރަމުން އަންނައިރު މި ކަމަށް ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ."