ލ. ގަމުގައި ބޭއްވި މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕު ކާމިޔާބު ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސްޕެޝަލިސްޓް ޞިއްޙީ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް ގަމު ރީޖަނަލް ހޮސްޕިޓަލާއި ގަމު ކައުންސިލްގެ އިތުރުން ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ޖޫން 19 އިން 20 އަށް ބޭއްވި މި ކޭމްޕުގައި ޖުމްލަ 492 މީހަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަޝްވަރާ އާއި ފަރުވާ ދީފައިވާ ކަމަށް ޓްރީ ޓޮޕުން ބުނެއެވެ.

"މި ކޭމްޕްގައި ހިތުގެ ބަލިތައް، ހަކުރުބައްޔާއި ހޯރމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު އޮޕަރޭޝަން، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބަލައި، ޞިއްޙީ ސްކްރީނިން އާއި ހޭލުންތެރިކުރުވުމުގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެ ސަބަބުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށުގައި ތިބެގެން މާހިރުންގެ ޞިއްޙީ ހިދުމަތް ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދިޔައެވެ." ޓްރީ ޓޮޕުން ބުނެއެވެ.
"ބަލިމީހުން ބެލުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި ޞިއްޙީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގަމުގެ ދަރިވަރުންނަށް ޚާއްސަ ސެޝަނެއް ވެސް ކުރިއަށްގެންދެވުނެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި މައުލޫމާތު ހިއްސާކުރުމަށްޓަކައި ހާއްސަ ތަމްރީނު ސެޝަނެއް ވެސް ވަނީ ބާއްވައިފައެވެ."
މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ގަމު ރީޖަނަލް ހޮސްޕިޓަލާއި ގަމު ކައުންސިލާއި ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން، ކަމާބެހޭ އިދާރާތަކުންނާއި، ވޮލަންޓިއަރުން އަދި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ޝުކުރު އަދާކުރެއެވެ.
"މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ބޭއްވި 18 ވަނަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެވެ. މީގެ ކުރިން މ، ދ، ތ، ގއ، ގދ، ހއ، ލ، އަދި ށ. އަތޮޅުގައި ވެސް މިފަދަ ކާމިޔާބު ކޭމްޕްތަކެއް ވަނީ ބާއްވައިފައެވެ." ޓްރީ ޓޮޕުން ބުނެއެވެ.
"ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަގުސަދަކީ ފެންވަރު ރަނގަޅު ޞިއްޙީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ގާބިލުކަން އިތުރުކުރުމާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ."



advertisment

