Support Us

ތިޔަ ކުދީން ތިބެގެން ޚިޔާނާތްތެރި ވަނީ!

ކޮން ކުށެއް ކޮށްގެން ތިހެން އަހަރެން ކޮށައި ކާޅަށް ދެނީ
އޮންނަ އިޙުސާންތެރިކަމާ ހެޔޮ ކަމުގެ ބަދަލެއް ނުލިބެނީ

ގޭގެ ހުރިހާ ސިއްރަކާ ހުރިހާ ކޮޓަރިތައް ހާމަކޮށް
އޭގެ ހުރިހާ ޙުރުމަތެއް ހަމަ ގަސްތުގައި ކަނޑަމުން ދަނީ

މައިފުށުން ވާރުތަވެފައިވާ ތަރިކަތައް ވެސް ހަމަ ހިލޭ
ހައިނުކޮށް ޖެހިގެން އެހެރަ ގޭ މީހުނަށް ބަހަމުން ދަނީ

ބިންކޮޅުން ގޯތީގެ ކުޑަކުޑަ ކައިވަތުން ރިޔަނުން ބަހައި
ބިން ބޮޑޭ އެ ބުނާ ގެއަށް ވިއްކައި ތިއޮއް ނަގަމުން ދަނީ

ގޯތިތެރެއާ ގޭގެ ކުރިމަތި ސާފުކޮށް ބަލަހައްޓަމުން
ހޯދި ގިނަގުނަ ތަޖުރިބާ ވެސް ހަމަ އެ މީހުންނަށް ދެނީ

އެންމެ އުތުރާ މެދުތެރޭގައި އަދި ދެކުނު ފެންޑާގަޔާ
ދެންމެ ބުނި ގޭ މީހުނޭ އަގަކާ ނުލައި ދިރި އެ އުޅެނީ

މަންމައަށް ވުރެ ބާރުމާ ގަދައޭ މިއަދު ދޮން ހަސަނު ވެސް
ދަންމަމުން އެ ވެރީންގެ ބާރޭ މިއަދު މިގެޔަށް ވެރިވަނީ

ތިން ދިމާއެއްގައި މި ގޯތީން ބިން ކަނޑައި އެ ބިނާކުރާ
ތިން ހަތަރު ކޮޓަރީގެ މައްޗަށް ބާރު ވެސް ނުމެ ފޯރަނީ

މާދަމާކަން ނޭނގެޔޭ އިތުރަށް އެބައިމީހުން އައިސް
ވާދައަށް ގިނަ ކޮޓަރިތައް އެ ގޮތަށް ބިނާކޮށްލާނެނީ

ތިޔަ ކުދީން ވިސްނައިނުލައި މުޅި ގޯތި ބައިކޮށް ބެހުމުގައި
މިއަދު ކުރެވޭ ކަންކަމުން މާދަން ނަތީޖާ ހިތިވަނީ

ބާރު ކަނޑުވައި ތިޔަ ކުދީން ވެސް ބޭރުކޮށްލާން ގަސްތުކޮށް
ބާރުގަދަކޮށް އާ އިމާމާރާތްތައް ބިނާ ކުރަމުން ދަނީ

ވިސްނުމެއް ނެތި ނިންމަމުންދާ ކަންކަމުން ފަސްމަންޒަރުން
ގިސްލުމާއި ހިތާމަ ނޫންހޭ އަބަދު ވެސް ފެނިފައި ވަނީ

މަންމަ މި ގެޔާ ގޯތި ވެސް ހަމަ ތިޔަ ކުދީންނަށް ރައްދުކޮށް
ދަންމަމުން މި ގެނައި އަމާނާތް ރީތިކޮށް ދީފައި ވަނީ

ކާފައާ އަދި އެންމެ އިހު ދަރިފަސްކޮޅުން އައި ތަރިކައަށް
މާ ފަހުން އައި ތިޔަ ކުދީން ތިބެގެން ޚިޔާނާތްތެރި ވަނީ

ގޭ ކުދީންގެ ތެރޭން ބައެއް "ލާނެތް" ކުދީން އެކޮޅަށް އަރައި
"ފޭކު" ވާހަކަ ދައްކަމުން ދާއިރު ނަގޫ ފިތިފައި ވަނީ

އަދު "އަޒީ"ގެ ޝުޢޫރެކޭ އިއްވޭ މިއީ މުޚުލިޞް ހިތުން
މަދު ނުވާނޭ ޢިބްރަތޭ ވިސްނައިފި ނަމަ އޭގައި ވަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *