Support Us

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރުން ހާމަކޮށްދެނީ އެ ޤައުމެއް ތަހުޒީބުވެފައިވާ މިންވަރު: މެޑަމް ސާޖިދާ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރުން ހާމަކޮށްދެނީ އެ ޤައުމެއް ތަހުޒީބުވެފައިވާ މިންވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ބޭއްވި ރަސްމީ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީ ރައްކާތެރިކަމުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އެންމެހާ ފަރާތްތަކަށް ފޮނުއްވައިފައެވެ. މިއަދުގެ ހަފުލާގައި މެޑަމް ސާޖިދާ ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ.

މި ހަފުލާގައި މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ބައެއްގެ ޞިއްހަތާ ގުޅޭ ކަމަކަށް ވުރެ މާނަފުޅާ ކަމެއްކަން ފާހަގަކުރައްވާ، ޤައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ފެންވަރެއްގައި ކަށަވަރުކޮށްދެއްވިފައިވުމުން ބުނެދެނީ އެ ޤައުމެއް ތަހުޒީބުވެފައިވާ މިންވަރު ކަމުގައި ވިދާޅުވިއެވެ. އެގޮތުން އެޤައުމެއްގައި އިންސާނީ އަޚުލާޤު ހަރުދަނާ ކުރެވިފައިވާ މިންވަރާއި ދިރިއުޅުމުގެ އާދަތައް ރީތިކުރެވިފައިވާ މިންވަރު އެކަމުން ހާމަކޮށްދޭ ކަމަށާއި ކާބޯތަކެތީގެ ޙަޤީޤީ ރައްކާތެރިކަމަކީ ޤައުމެއްގެ ހޭލުންތެރިކަމާއި އަޚުލާޤާއި ތަހުޒީބާ ވެސް ގުޅިފައި އޮންނަ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މިއަހަރުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން، މިއަދަށް ޚާއްސަކުރެވިފައިވާ ޝިއާރު ކަމަށްވާ "ފްރޮމް ބަރޑަން ޓު ސޮލިއުޝަންސް– ސޭފް ފުޑް އެވްރީވެއަރ" ނުވަތަ "ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި– ބަލިމަޑުކަމަށް ޙައްލެއް" މި ޝިޢާރުން ކާބޯތަކެތީގެ ރައްކާތެރިކަމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ޞިއްޙަތާ ގުޅިފައިވާ ކަމެއްކަން ދޭހަވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ދިރިއުޅުމުގެ ވައްޓަފާޅިޔަށް އިޝާރާތްކުރައްވައި ވިދާޅުވީ ދިރިއުޅުމުގެ ރީތި އާދަތައް ޙަޤީޤަތުގައި ފެށެނީ ޅަފަތުގެ ތަރުބިއްޔަތުން ކަމަށާއި މި ކަން އަށަގަންނަވައި ހަރުލައްވަނީ މަދަރުސާގެ ތެރެއިންނާއި އެއަށްފަހު ދެން މުޖުތަމަޢުން ކަމުގައެވެ. އެކަމަނާގެ ވާހަކަފުޅުގައި، ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ޤާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު އެކުލަވާލަމުންދާ ޤަވާއިދުތަކާއި އުސޫލުތަކަކީ ކުރިޔަށްވުރެ ރަނގަޅަށް މިކަން ހަރުދަނާ ވެގެން ދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެ ޖިއޮގްރަފީގޮތުން އުފެދިފައި އޮންނަ ގޮތުންނާއި އެ ނޫން ވެސް ބައެއް ސަބަބުތަކާ ހުރެ، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދައި ބޭރުގެ ބޮޑެތި މާރކެޓުތަކަށް އެކްސްޕޯޓުކުރުމުގެ ފުރުޞަތު އަބަދުވެސް އޮންނަނީ ހަނިކޮށްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިޒަމާނުގައި ޓެކްނޯލޮޖީ ފަހިވެފައިވާ މިންވަރަށް ބަލާ އިރު، މަސްވެރިކަމުގެ ބައެއް ބާވަތްތައް ވެސް، އަދި ޚާއްޞަކޮށް ދަނޑުވެރިކަމުގެ ބައެއް ވިޔަފާރި ވެސް ހަމަ އާންމު ގޭގެ ފެންވަރުގައި ކުރާކަށް ދައްޗެއް ނޫންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތަށް، ވަން-ގަވް ޕޯޓަލް މެދުވެރިކޮށް މިއަދު އިފްތިތާޙްކުރެވިގެންދިޔަ ދަފްތަރުން އިތުރަށް މަގުފަހިކޮށްދޭކަން ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ.

މި ހަފުލާގައި ވަނީ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގާ ފަރާތްތައް، ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް، "ސަމާވަރު" އިފްތިތާޙްކޮށްދެއްވާފައެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ އެވެ. މީގެ އިތުރުން، މިއަދުގެ ހަފުލާގައި، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ވަން-ގަވް ޕޯޓަލް މެދުވެރިކޮށް ދަފްތަރުކުރުން އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *