Support Us

ސީ.އެޗް.އެސް.އީ ހުޅުމާލެ ޓައީ (ކ) އާއި ސީ.އެޗް.އެސް.އީ މާލެ ޓައީ

އެއް ސްކޫލެއް، އެއް ބެޖެއް؛ އެކަމަކު މާލެ އާއި ހުޅުމާލެ ސީ.އެޗް.އެސް.އީގެ ޓައީ ތަފާތު

އޭ ލެވެލްގެ ކިޔެވުން ފެށުމަށް، އާ ޔުނީފޯމު ލައި، އާ ފޮތްދަބަސް ހިފައިގެން އަހުމަދު (ފުރިހަމަ ނަމެއް ނޫން) ސީ.އެޗް.އެސް.އީ/މާލެއަށް މިއަދު ހެނދުނު 9.45 އަށް ދިޔައީ ވަރަށް ދެރަވެ ހުރެއެވެ. އޭނާގެ މަންމަގެ މޫނުމަތިން ވެސް އުފާވެރިކަމެއް ނުފެނުނެވެ. އެކަމަކު ތައުލީމީ މަރުހަލާގެ މި އުފާވެރި ދުވަހު އެ ދެމައިންނަށް ހަގީގީ ހިނިތުންވުން ނުލިބުނީ ކީއްވެގެންހެއްޔެވެ؟ ދެރަވާންޖެހުނީ ކީއްވެގެންހެއްޔެވެ؟

ޖީ.ސީ.އީ އޯލެވެލް އިންތިހާނުގައި އެކަށީގެންވާ ނަތީޖާ ހޯދި ދަރިވަރުންނަށް ސީ.އެޗް.އެސް.އީ އަށް ވަންނަން ފުރުސަތު ލިބުނެވެ. މާލޭގައި، ލިލީމަގުގައި ހުންނަ ގަދީމީ ސީ.އެޗް.އެސް.އީ އަށާއި ހުޅުމާލޭގައި، އޯގަސްޓް 2023 ގައި ހުޅުވި ސީ.އެޗް.އެސް.އީ އަށެވެ. އެހެންވެ އެ ކުއްޖަކު ބޭނުން ތަނަކަށް ވަންނަން ފުރުސަތު އޮތީ ހުޅުވައިލައިފައެވެ. މި އަހަރު މާލޭ ސީ.އެޗް.އެސް.އީ އަށް ހަތަރު ސަތޭކައެއްހާ ކުދިން ވަނެވެ.

ސްކޫލަށް ވަނތް އާ ދަރިވަރުންނަށް ގިނަވެގެން 750ރ.ގެ ފޮތް ލިސްޓު ވައުޗަރެއް ސްކޫލުން ދިނެވެ. އަދި ޔުނީފޯމުގެ ނަމޫނާ ވެސް ދިނެވެ. ރަސްމީ ހުދު ޔުނީފޯމާއެކު އެންމެ މުހިންމު އެކައްޗަކަށް ވަނީ ޓައީއެވެ. އެހެންވެ ނޫ ޓައީއެއް ވެސް ލިބިގެން ނޫނީ ޔުނީފޯމް ފުރިހަމައެއް ނުވެއެވެ. ފުރަތަމަ ދުވަހު ހުރިހައި ކުދިން ވެސް ސްކޫލަށް ދާން އޮތީ ރަސްމީ ޔުނީފޯމުގައެވެ. (އެކްޓިވިޓީ ޔުނީފޯމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުދެއެވެ.)

"ޓައީ އެއް ނުލިބުނު. ޔުނީފޯމް ވިއްކާ ފިހާރައިން ބުނީ އެ ތަނުގައި ހުރީ ހުޅުމާލެ ސީ.އެޗް.އެސް.އީ ޓައީ އެކަނި ކަމަށް. މާލެ ސީ.އެޗް.އެސް.އީ ޓައީ ހުސްވީ ކަމަށް،" މާޔޫސްވެ ހުރެ، އަހުމަދުގެ މަންމަ ކިޔައިދިނެވެ.

ސީ.އެޗް.އެސް.އީ އަކީ ހަމައެކަނި އޭ ލެވެލް އަށް ކިޔަވައިދޭ، ސަރުކާރުގެ މައި ސްކޫލެވެ. މާލެ އާއި ހުޅުމާލޭ ސީ.އެޗް.އެސްގެ ޔުނީފޯމާއި ފޮތް ލިސްޓުވެސް އެކައްޗެކެވެ. ބެޖުވެސް ތަފާތެއް ނެތެވެ. އެކަމަކު މާލެ އާއި ހުޅުމާލޭ ސީ.އެޗް.އެސްގެ ޓައީ ތަފާތެވެ.

"މާލޭ ސީ.އެޗް.އެސް.އީގައި އަޅަންޖެހެނީ ތަފާތު ޓައީއެއް. އެ ޓައީ ހުރީ ހުސްވެފައި. މާލެ އާއި ހުޅުމާލޭގެ ވެސް ހުރިހާ ތަނެއް ބެލިން. ސީ.އެޗް.އެސް.އީން ވައިބަރ ގްރޫގައި ބުނީ ޓައީ ހުންނާނީ ކަލާފާނު ކުރިމަތީގައި ހުންނަ "އެޗް.އެމް.އެފް މޯލްޑިވްސް ޔުނީފޯމް" ފިހާރައިގައި ކަމަށް. އެތަނުން ބުނީ ޓައީ ހުސްވެފަޔޭ، 10 ދުވަސް ފަހުންނޭ ލިބޭނީ. ފޮތި ވެސް ނެތީއޭ. މިއީ ވަރަށް ދެރަކޮށް ދިމާވި ކަމެއް،" އަހުމަދުގެ މަންމަ ބުންޏެވެ. "އެތަނުގައި ވެސް ސީ.އެޗް.އެސް.އީ ހުޅުމާލެ ސްކޫލްގެ ޓައީ އެބަހުރި. އެކަމަކު އެ ޓައީ މާލޭ ސްކޫލަކަށް ކަމަކުނުދޭ. ފުރަތަމަ ދުވަހު ސްކޫލަށް ނުކުންނައިރު ޔުނީފޯމް ފުރިހަމަނުވެ ސްކޫލަށް ގެންދަން ޖެހުމަކީ ވަރަށް ދެރަވި ކަމެއް. ދަރިފުޅު ގްރޭޑް 10 ނިންމިއިރު ވެސް މިކަހަލަ ކަމެއް ދިމާނުވޭ. މިއަދު ސްކޫލަށް ގެނައި ފަހުން މި އެނގުނީ ޓައީ ނެތީ އަހަރެންގެ ދަރިފުޅުގެ އެކަނި ނޫންކަން."

ތެދެކެވެ. ޓައީގެ މައްސަލަ ކުރިމަތިވެގެން އުޅެނީ ހަމައެކަނި އަހުމަދަށް އެކަންޏެއް ނޫނެވެ. މާލެ ސީ.އެޗް.އެސް.އީ އަށް މިއަދު ދިޔަ ގިނަ ކުދިންތަކެއްގެ ޓައީއެއް ނެތެވެ.

ސީ.އެޗް.އެސް.އީގެ ޔުނީފޯމް ވިޔަފާރި ހިންގަން ހަވާލުވެގެން އުޅޭ "އެޗް.އެމް.އެފް މޯލްޑިވްސް ޔުނީފޯމް"ގެ ބަންގާޅީ ސޭޓު ބުނަނީ ސްކޫލް ހުޅުވެންވާ އިރަށް މާލޭ ސީ.އެޗް.އެސް.އީ ޓައީތައް ހުސްވީ ކަމަށެވެ. އާ ޓައީ ލިބެން 10 ވަރަކަށް ދުވަސް ވާނެ ކަމަށެވެ. ޓައީ ހުސްވީ ފޮތި ނެތިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"ޓައީ ފޮތި ނުލިބޭ. ބޮޑު މީހާ ވީ ބޭރުގައި،" ބަންގާޅީ ސޭޓު ބުންޏެވެ.

ސީ.އެޗް.އެސް.އީގެ ވާހަކަ:

ސީ.އެޗް.އެސް.އީ އަކީ އޭލެވެލް އިންތިހާނު ރާއްޖެއަށް ތައާރަފުކުރުމުގެ ގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޒައާމަތުގައި، 3 ޖުލައި 1979 ގައި ހުޅުވި ސްކޫލެކެވެ. އަމީނިއްޔާ ސްކޫލްގެ އިރުމަތީ ފަރާތުގައި ހުޅުވި މި ސްކޫލުގެ ފުރާޅުދަށުން އެތައް ހާސް ދަރިވަރުންނެއް ތައުލީމު ހާސިލް ކުރިއެވެ. ނަމަވެސް ޖާގައިގެ ދަތިކަން ކުރިމަތިވުމާއެކު މާލޭގެ ސީ.އެޗް.އެސް.އީ ބަންދުކޮށް ހުޅުމާލެއަށް ބަދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 6 އޯގަސްޓް 2023 ގައެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަލުން މާލޭ ސީ.އެޗް.އެސް.އީ ހުޅުވީ 1 ސެޕްޓެމްބަރު 2024 ގައެވެ. އޭގެ ފަހުން ސީ.އެޗް.އެސް.އީ ހިނގަމުން އަންނަނީ މާލެ އާއި ހުޅުމާލޭގައެވެ.

ހުޅުމާލޭ ސީ.އެޗް.އެސް.އީ ކުދިންގެ ޓައީ

ޓައީ ބަދަލުވުން:

ހުޅުމާލެ އަށް ބަދަލުވި ނަމަވެސް ސީ.އެޗް.އެސް.އީ ކުދިންގެ ޓައީ އަކަށް ބަދަލެއް ނާދެއެވެ. ހުޅުމާލޭ ސީ.އެޗް.އެސް.އީ ކުދިން ވެސް އަޅަމުން އައީ މާލޭ ސީ.އެޗް.އެސް.އީގައި އޭރު ބޭނުންކުރި ހުދު ހުރަސް ރޮނގުތަކެއް ދެމި ޓައީއެވެ. ނަމަވެސް 2024 ގައި މާލޭގައި އަލުން ސީ.އެޗް.އެސް.އީ ހުޅުވުމުން ޓައީއަށް ބަދަލު ގެނައެވެ. ހުދު ހުރަސް ރޮނގުތައް މަދުކޮށް، އެންމެ ދެ ރޮނގަށް ބަދަލުވިއެވެ.

2024ގައި އަލުން ހުޅުވި މާލޭ ސީ.އެޗް.އެސް.އީ ކުދިން ބޭނުންކުރި ޓައީ

އޭގެ ފަހުން މި އަހަރު އަނެއްކާ ވެސް މި ވަނީ މާލޭ ސީ.އެޗް.އެސް.އީގެ ޓައީ ބަދަލުކޮށްފައެވެ. މި ފަހަރު އެންމެ ރޮނގުބުރިއެއް ވެސް ނެތެވެ.

މި އަހަރު އަނެއްކާ ވެސް މި ވަނީ މާލޭ ސީ.އެޗް.އެސް.އީގެ ޓައީ ބަދަލުކޮށްފައި.

މާލޭ ސީ.އެޗް.އެސް.އީގެ ވައިބަރ ގްރޫޕުގައި ވާގޮތުން އެ ސްކޫލްގެ ޓައީ ވިއްކުން ހަވާލުކޮށްފައި އޮންނަނީ "އެޗް.އެމް.އެފް މޯލްޑިވްސް ޔުނީފޯމް" އާއެވެ. އެ ތަނުން ޓައީއެއް ވިއްކަނީ 125ރ. އަށެވެ. ނަމަވެސް ސީ.އެޗް.އެސް.އީގެ ކުރީގެ ޓައީ އޭ.ޑީ.ޖީން ވިއްކީ 75ރ. އަށެވެ. އާދައިގެ ނޫ ފޮތިކޮޅަކުން ފަހައި، ހުދުން ލޯގޯ ޖަހައިފައި އޮންނަ ޓައީއެއް، ގާތްގަނޑަކަށް ދެ ގުނަ ބޮޑުކޮށް އެޗް.އެމް.އެފް އިން ވިއްކަން ދިނީ ކިހިނެއް ކަމެއް ނޭނގެއެވެ. އަމުދުން ދިރާސީ އައު އަހަރު ފެށެންވާއިރަށް ޓައީ ތައްޔާރުނުކުރެވޭ ބަޔަކަށް އެ ވިޔަފާރި ދިނީ ކީއްވެގެން ކަމެއް ވެސް ނޭނގެއެވެ. މާ ފުޅާ ދާއިރާއެއްގައި ސްކޫލް ޔުނީފޯމުގެ ކަންތައްތައް ކުރާ އެތައް ބައިވަރު ވިޔަފާރިވެރިން ތިއްބައެވެ.

ސީ.އެޗް.އެސް.އީ ކުދިން ރަސްމީ ހުދު ޔުނީފޯމުގައި ޓައި އަޅައިގެން މިއަދު ސްކޫލަށް ދާންޖެހުނު ނަމަވެސް، ސަރުކާރުގެ އެހެން ސްކޫލްތަކަށް މިއަދު ދާން އޮތީ އެކްޓިވިޓީ ޔުނީފޯމުގައެވެ. މި ދުވަސްވަރު ހޫނު ގަދަކަމުން، މިދިޔަ މަހު އެއްކޮށް ވެސް ރަސްމީ ޔުނީފޯމް ބޭނުންކުރާކަށް ނުޖެހެއެވެ. އަނެއްކާ ޖޫން ފެށުމާއެކު ވެސް އެކަން އޮތީ އެ ގޮތުގައި ދަމަހައްޓައިފައެވެ.

"ބެލެނިވެރިންގެ ސަމާލުކަމަށް… މެއި މަސް ނިމުނު ކަމުގައިވިޔަސް އިހްސާސްކުރެވޭ ހޫނުމިން އަދިވެސް މަތިކޮށް އުޅޭތީ، ވަކި ގޮތަކަށް އަންގަންދެން ހަފްތާގެ ކޮންމެ ދުވަހަކުވެސް ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް އާދެވޭނެ ކަމުގައި ތަޢުލީމީ ވުޒާރާއިން އިރުޝާދު ދެއްވާފައި ވާތީ ދެންނެވީމެވެ." މާލޭގެ ސެކަންޑްރީ ސްކޫލެއްގެ ވައިބަރ ގްރޫޕަށް ފޮނުވައިފައިވާ މެސެޖެއްގައި އޮތެވެ. އެ މެސެޖު އައިސްފައި އޮތީ އަހުމަދުގެ މަންމައާއެކު ވާހަކަ ދައްކަމުންދިޔަ ޝެހޭގެ ފޯނަށެވެ.

"މާލެ ސީ.އެޗް.އެސް.އީ އަށް ވަކި ޓައީއެއް. ހުޅުމާލެ ސީ.އެޗް.އެސް.އީ އަށް ވަކި ޓައީއެއް. ސެކަންޑްރީ ސްކޫލް ކުދިންނަށް ހޫނު ގަދަ. ސީ.އެޗް.އެސް.އީ ކުދިން ރަސްމީ ޔުނީފޯމުގައި. އެ ކުދިންނަށް ހޫނެއްނުވޭ. މީ ކޮން އުސޫލެއް؟" ހޫނުވެފައި ހުރި ޝެހޭ ބުންޏެވެ. އެކަމަށް އެ ގްރޫޕުގެ އެހެން މަންމަތައް ވެސް ތާއީދުކުރިއެވެ.

އެހެންވެ ތައުލީމީ ހަޔާތުގެ އާ ދުވަހު ސްކޫލަށް ދިޔައިރު ހަގީގީ ހިނިތުންވުން ނުފެނި ދެރަވާންޖެހުނީ އަހުމަދު ފަދަ އެންމެ ކުއްޖެއް ނޫނެވެ. އެތައް ކުދީންނެކެވެ. އެތައް ބެލެނިވެރީންނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *