މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮލޮމްބޯ ޕޯޓްގައި ނުގެނެވި ހުރި، 4،000 އަށްވުރެ ގިނަ ކޮންޓޭނަރު ރާއްޖެ ގެނެސްފިއެވެ.
އެމް.ޕީ.އެލް އިން ބުނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން، މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެ، ކޮލޮމްބޯ ޕޯޓުން މާލެއަށް ކޮންޓޭނަރ ގެނައުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ.
"މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމަށް ދަތިތަކެއް އުފެދުނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން މުދާ ހިފައިގެން އަންނަ ބޯޓުފަހަރުގެ އަދަދު އިތުރުވުމުންނެވެ. އަދި ބައެއް ބޯޓުފަހަރުން ކުރިން އެއް ފަހަރާ ގެންނަ އަދަދަށްވުރެ ގިނައިން، ކޮންޓޭނަރު ގެނައުމުގެ ސަބަބުން، ބަނދަރުގެ މުދާ ބޭލުމުގައި ހޭދަވާ ދުވަސްތައް އިތުރުވެގެންދިޔައެވެ. ބަނދަރުގެ ޖާގައިގެ ދަތިތަކަމާ ގުޅިގެން، އުފެދުނު ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވިއެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.
"އެހެން ނަމަވެސް، އެމް.ޕީ.އެލްގެ އޮޕަރޭޝަންސްގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުން، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮލޮމްބޯ ޕޯޓްގައި ނުގެނެވި ހުރި، 4000 އަށްވުރެ ޓީ.އީ،ޔޫ ވަނީ މިހާރު ރާއްޖެ ގެނެސްފައެވެ."
އެމް.ޕީ.އެލް އިން ބުނީ މާލޭ ބަނދަރާއި ކޮލޮމްބޯ ޕޯޓާދެމެދު މުދާ އުފުލާ ބޯޓުފަހަރުން މިހާރު ކުރަމުން އަންނަނީ "ނޯމަލް ޝެޑިއުލް" ދަތުރުތައް ކަމަށެވެ.
"މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް މި ވަގުތުން ވަގުތަށް ހޯދޭނެ ހައްލުތައް ދެނެގަނެ، ފިޔަވަޅުތައް އެޅުމަށް މި ކުންފުނިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންނެވެ. އެގޮތުން، ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލާއި އެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް ކުރުމަށް އެމް.ޓީ.ސީ.ސީ އާ ވަނީ މިހާރު ހަވާލުކޮށްފައެވެ. މިއީ ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މި ވަގުުތު ތަރައްޤީކުރާ ސަރަހައްދެކެވެ. މި ކުންފުނީގެ އަމާޒަކީ މި އަހަރުގެ އޮކްޓޯބަރު މަހަށް މި ސަރަހައްދުގެ މަސައްކަތް ފުރިހަމަކުރުމެވެ. އަދި މި މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.
"އެހެން ނަމަވެސް، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމް.ޕީ.އެލްގެ އުޅަނދުތަކަށް ޚާއްސަ ކުރެވޭ "ސަރވިސް ކީ"އެއްގެ ގޮތުގައެވެ. މި ކުންފުނީގެ އޮޕަރޭޝަންސްތަކަށް މިހާރު ދިމާވެފައިވާ މައްސަލަތައް ފުރިހަމައަށް ހައްލުކުރެވޭނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ރިލޮކޭޓްކުރެވުމުންނެވެ. ތިލަފުއްޓަށް ބަނދަރު ރިލޮކޭޓްކުރުމުގެ މަސައްކަތްތައްވެސް މި ކުންފުނިން ދަނީ ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ."



advertisment

