Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ރިއާ ކަފާލާތަށް އެދުނު ލިޔުމުގައި ސުޝާންތާ ބެހޭ އިތުރު މައުލޫމާތުތަކެއް

މަޝްހޫރު ފިލްމީ ތަރި ރިއާ ޗަކްތަބަތީގެ ބަންދަށް ފުރަތަމަ ޖެހި 14 ދުވަސް ނިމުމާއެކު އަނެއްކާވެސް ރިއާ ކަފާލާތަށް ވަނީ އެދިފައެވެ. ކަފާލާތަށް އެދުނު ލިޔުމުގައި އޭނާ ބުނެފައިވާ ގޮތުން އޭނާއަކީ ކުށެއް ނެތް މީހެކެވެ. އަދި ސީ.ބީ.އައި އިން އުޅެނީ މައްސަލަ އޮތް ވަރަށް ވުރެ ބޮޑުކޮށްގެން ކަމަށް ބުނެ އޭނާއާއި އޭނާގެ އާއިލާއާ ދެކޮޅަށް ގަސްތުގައި ބޮޑު ހުކުމެއް ކުރަން އުޅޭ ކަމުގެ ތުހުމަތު ކުރިއެވެ. އަދި މިހުރިހާ ކަމެއްގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ކަމަށްވެސް އެ ލިޔުމުގައިވެއެވެ.

ކަފާލާތަށް އެދުނު ލިޔުމުގައި ސުޝާންތްގެ ދިރިއުޅުމުގެ ވާހަކަތަކެއް ވެސް ބަޔާންކުރިއެވެ. މިގޮތުން ސުޝާންތްގެ އާއިލާއިން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމާމެދު ނުވިސްނާ ކަމަށް އޭގައި ވެއެވެ. އަދި ސުޝާންތް އޭނާގެ އާއިލާއާއި އޭނާގެ ބަލިމަޑުމަކުގެ ވާހަކަތައް ހިއްސާކުރި ނަމަވެސް، އެކަމަށް އާއިލާއިން މާ ބޮޑު އަޅާލުމެއް ނުދޭ ކަމަށްވެސް ވެއެވެ.

މީގެ އިތުރުން ސުޝާންތްގެ ތިން ދައްތަވެސް އުޅުނީ ސުޝާންތް އަތުން ފައިސާ ހޯދުމަށް ކަމަށް ރިއާ ތުހުމަތު ކުރިއެވެ.

"ސުޝާންތްގެ ތިން ދައްތަ އައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ހަފްތާގައި. އައިސް ބުނި ޗަންދިގާ އަށް ބޭސް ކުރުމަށް ސުޝާންތް ގޮވައިން ދާން ކަމަށް އެމީހުން އައީ. އެކަމަކު ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ސުޝާންތް ރިއާ އަށް ގުޅާފަ ބުނި ނުދާނަމޭ ޗަންދިގާ އަކަށް. އެއީ އޭނާގެ ދައްތަމެން އުޅެނީ ފައިސާގެ ދަހިވެތިކަމުގަހެން ހީވާތީއޭ. ހަމަ އެރޭ ތިން ދައްތަވެސް ފުރައިގެން ދިޔައީ. އެއީ ސުޝާންތްގެ މާޔޫސްކަމުގެ ބަލި އެންމެ ބޮޑުވި ދުވަސްކޮޅު." ލިޔުމުން ރިއާ ބުންޏެވެ.

ސުޝާންތް އެއް އިރެއްގައި އޭނާ ދަނޑުވެރިކަން ކުރަން ޕޫނާއަށް ދާން ނިންމި ކަމަށްވެސް ކަފާލާތަށް އެދުނު ލިޔުމުގައި ރިއާ ބުންޏެވެ. އަދި މިކަމާ ގުޅިގެން ރިއާގެ އަމިއްލަ ގެއަށް ބަދަލުވާން އެދުމުން ބަދަލުވި ކަމަށްވެސް އޭގައި ވެއެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ސުޝާންތް ރިއާ އަށް ގުޅައި، އަލުން އަނބުރާ އޭނާއާ އެއްކޮށް ދިރިއުޅުމަށް އައުމަށް ބުނުމުން ރިއާ ވަނީ 10 ވަނަ ދުވަހު އެގެއަށް ބަދަލުވެފައެވެ. ސުޝާންތް އޭރު ބުނިގޮތުން ޖިމް ކެރީގެ ޑިޕްރެޝަންއާ ބެހޭ ވާހަކަކޮޅެއް އަޑުއެހުމަށްފަހު ސުޝާންތް އަމިއްލައަށް ރަނގަޅުވުމަށް މަސައްކަތް ކުރާނެ ކަމަށް އަޒުމް ކަނޑައެޅި ވާހަކަ ރިއާއާ އޭރު ހިއްސާކުރި ކަމަށްވެއެވެ.

ރިއާ ބުނާގޮތުގައި ކޮވިޑް-19ގެ ސަބަބުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުންއަށް ދިޔުމާ ގުޅިގެން ސުޝާންތްގެ މާޔޫސްކަމުގެ ބަލި އިތުރަށް ގޯސްވިއެވެ. "ލޮކްޑައުންގެ ފުރަތަމަ ދުވަސްކޮޅު ސުޝާންތް އެހާ ދަށެއް ނޫން. އެކަމަކު އިރްފާން ހާންއާއި ރިޝީ ކަޕޫރްގެ މަރާ ގުޅިގެން އޭނާ އަލުން އަނބުރާ މާޔޫސްވާން ފެށީ. އޭގެ ފަހުން ސުޝާންތް އޭނާގެ ބައްޔަށް އެއްވެސް ބޭހެއް ވެސް ފަރުވާއެއްވެސް ނުކުރޭ." ރިއާ އިތުރަށް ބުނެފައިވެއެވެ.

ރިއާ އެންމެ ކަންބޮޑުވީ މިއަހަރުގެ ޖޫން މަހު ސުޝާންތް އޭނާގެ މަރުވެފައިވާ މަންމަގެ އަޑު އޭނާއަށް އިވޭ ވާހަކަ ބުނުމުންނެވެ. ނަމަވެސް އޭރު އެކަމަށް ފަރުވާ ކުރަން ސުޝާންތް އެއްބަސްވި ކަމަށް ރިއާ ކަފާލާތަށް އެދުނު ލިޔުމުގައި ވެއެވެ.

ޑްރަގުގެ މައްސަލައެއްގައި ގާނޫނީ ބަންދުގައި ހުރި ރިއާގެ ބަންދުގެ މުއްދަތު އޮކްޓޯބަރ 6 އާ ހަމައަށް މިހާރު ވަނީ ދިގުކޮށްފައެވެ. ސެޕްޓެމްބަރު 8 ގައި އެން.ސީ.ބީ އިން ހައްޔަރުކުރި ރިއާ މީގެ ކުރިން ކަފާލާތަށް ދެ ފަހަރު މަތިން އެދުނެވެ. ނަމަވެސް އެ ދެ ފަހަރުވެސް ކަފާލާތުގެ ދަށުން ދޫކުރުމަށް ކޯޓުން ވަނީ ދެކޮޅުހަދައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *