ޤިޔާމަތް ދުވަހަކީ އަންނާނެކަން ކަށަވަރު އެނގޭ ދުވަހެއް
ޤިޔާމަށް ތެދުވެ އިސްޖެހިފައި ބިރުން އެންމެން ތިބޭ ދުވަހެއް
މަރަށް ޙާޒިރު ވުމާ ހަމައިން ފެށޭ މަލަކޫތު ޢާލަމްގައި
މަރަށް ފަހުގައި އަލުން ދިރިގެން ޢަދާލަތު ޤާއިމްވާ ދުވަހެއް
ތިމާގެ ޢަމަލު ލިޔުއްވި ދެފަތް ކިރައި މީޒާނުގައި ދާއިރު
ތިމާޔަށް ވާނެގޮތްވެސް ނޭނގި އިސް ޖެހިފައި ތިބޭ ދުވަހެއް
ޢަޒާބާ އަދި ސަވާބާ ދަރުމަޔާ ޖައްނަތު، ޖަހައްނަމައިން
ޤަރާރު ވެގެން އެތަން ތަނުގައި ތިބުން ކަނޑައެޅި ފެށޭ ދުވަހެއް
ތަފާތެއް އެންމެ ޒައްރެއްވެސް ޢަދުލުވެރިކަމުގެ މީޒާނުން
ތަފާތެއް ވެސް ނުވާ ގޮތުގައި ބަދަލު ފުރިހަމަ ލިބޭ ދުވަހެއް
އިލާހީ ޙައްޤުފުޅު މެނުވީ ނުވާނޭ ޙާކިމެއް ކޯޓެއް
ނިޔާފުޅު އިއްވަވާ ފުރިހަމަ ޢަދުލު ދަރުބާރު އޮތް ދުވަހެއް
ޢަމަލުކުޅަ ގުނަވަނުންވެސް ހެކިދެނީ މީހައިގެ ޙާޒިރުގައި
ޢަމަލުތައް ސިއްރު ކުރުމަށްވެސް ދޮގެއް ނުހެދޭ އެއީ ދުވަހެއް
ނުބައިވީހާ ޢަމަލު ތަކުގައި ދުނިޔެ ނިންމާލި މީހުންނަށް
ވުމަށް ތައުބާ އަލުން އަނބުރައި ދެވަނަ ފުރްޞަތު ނުވާ ދުވަހެއް
ޞިރާޠުމަގާ ޖަހައްނަމަޔާ އެހާބިރުވެރި އެތައް ކަމަކާ
ހިނގައި ނުހިނގާނެ ގޮތް ނޭނގޭ ވަރަށް ބިރުވެރި އެއީ ދުވަހެއް
ތިބޭ ފިޔަވަޅުމަތިން ހެލިފެލި ވުމުގެ ބާރެއް ނުވާ ޙާލުން
ނިދާ އަންނާނެ ގޮތަކާ މެދު ބިރުން ތުރު ތުރު އަޅާ ދުވަހެއް
އެހީވާކަށް މައެއް ބަފައެއް ދަރީންނާ ރައްޓެހީންނާ އަދި،
އެހީ ވާނޭ އެކަކު ވެސް ނެތި އެކަނި ޙާލާ ތިބޭ ދުވަހެއް
ރަނގަޅު ޞާލިޙު ޢަމަލުތަކުގައި ޢުމުރު ނިންމާލި މީހުންނަށް
އަބަދު އުފަލާއި ނިޢްމަތް ސުވަރުގޭޤައި ދެއްވަވާ ދުވަހެއް
ދަރީންނޭ! ހެޔޮނުވާނޭ ހެޔޮަ ޢަމަލު ނޫނީ ކުރަން ދުނިޔެއިން
ނަތީޖާ ރަނގަޅު ނުވިނަމައީ ވަރަށް ނިކަމެތި އެއީ ދުވަހެއް
