އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭހެން ހުޅުމާލޭ ފޭސް އެކެއްގައި ގާއިމުކުރި 'N1 ސްޕޯޓްސް ޕާކު' ރޭ ހުޅުވައިފިއެވެ.
ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ގާއިމުކުރި މި ޕާކު ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކިކް އޮފް މެޗުތަކާއެކު އެ ޕާކު ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމެވެ.
މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ފެސިލިޓީތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމުކުރި ޕާކެކެވެ.
އެގޮތުން، އެ ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ވަނީ ތަރައްގީކޮށްފައެވެ. އަދި މިތަން މިހާރު ވަނީ އާންމުންނަށް ހުޅުވައިލައިފައެވެ.

"ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން، އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނިވެސް މިހާރު ވަނީ އާންމުންނަށް ހުޅުވައިލައިފައެވެ. މިފަދަ މަޝްރޫއުތަކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރަށް އިސްކަން ދީގެން އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ." އެޗް.ޑީ.ސީން ބުނެއެވެ.



advertisment

