އެންމެ ހަ ދުވަސް ތެރޭގައި އޭގެ އަސާސީ މާއްދާއަށް ބަދަލުވެ، ޕްލާސްޓިކްގެ އަސްލު ގޮތުގައި "ނެތިގެންދާ" ޕްލާސްޓިކެއް، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިފައިވާ ޗައިނާގައި އުފައްދައިފިއެވެ.
ސައިންސްވެރިން ބުނީ މި އާ ޓެކްނޮލޮޖީގެ ސަބަބުން ނުރައްކާތެރި މައިކްރޯޕްލާސްޓިކްގެ ކިބައިން ތިމާވެށި ސަލާމަތްކުރެވޭނެ ކަމަށެވެ.
މި ޕްލާސްޓިކް "ނެތިގެންދާ" ގޮތް ހަދައިފައިވަނީ އޭގެ ތެރެއަށް ހާއްސަ ގޮތަކަށް އިންޖިނިއަރުކުރި ބެކްޓީރިއާ ނުވަތަ ޖަރާސީމު ލައިގެންނެވެ. އެ ޖަރާސީމު ހަރަކާތްތެރިވާން ފަށަނީ ހޫނާއި ކާނާ އެ ސޮރުމެންނަށް ލިބެން ފެށުމުންނެވެ.
ޝެންޒެން އިންސްޓިޓިއުޓް އޮފް ސިންތެޓިކް ބަޔޮލޮޖީގެ ސައިންސްވެރިން ބުނީ މި ގޮތަށް ޕްލާސްޓިކް ނައްތައިލެވުމުން ދުނިޔޭގެ ތިމާވެށި ތަޣައްޔަރުވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"ޕްލާސްޓިކަކީ އެތައް ގަރުނެއް ވަންދެން ދެމިހުންނަ އެއްޗަކަށްވާތީ އަހަރެމެންގެ ސިކުނޑީގައި ސުވާލު އުފެދުނީ ޕްލާސްޓިކް އޭގެ އެންމެ އަސާސީ މާއްދާއަށް ބަދަލުވެ، ތިމާވެށިން ނެތިގެންދާނެ ގޮތް ހަދާނީ ކިހިނެތްތޯ،" ސައިންސްވެރިއެއް ކަމަށްވާ ޖޯޖޫން ޑައި ބުންޏެވެ.
އިންޖިނިއަރުކުރި ޖަރާސީމު ޕްލާސްޓިކް އޭގެ އެންމެ އަސާސީ މާއްދާއަށް ބަދަލުކުރަނީ އެންޒައިމްތަކެއް ޕްލާސްޓިކް ތެރެއަށް ދޫކޮށްލައިގެންނެވެ.
ސައިންސްވެރިން ބުނީ މި އާ ޓެކްނޮލޮޖީގެ އެހީގައި ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލަ ހައްލުކުރާށާއި ކަނޑުތަކުން ޕްލާސްޓިކް ނައްތައިލުމަށް ބޭނުންކުރަން އުއްމީދުކުރާ ކަމަށެވެ.



advertisment