Support Us

ރޮބޮޓް ޓްރެފިކް ފުލުހުން މަގުތަކަށް ނެރުނު ފުރަތަމަ ގައުމަކަށް ޗައިނާ

ޓްރެފިކް ފުލުހުންގެ ގޮތުގައި ރަސްމީ ގޮތުން ރޮބޮޓް ބޭނުންކުރާ ފުރަތަމަ ގައުމަކަށް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިފައިވާ ޗައިނާ ވެއްޖެއެވެ.

މި މަހު ކުރީކޮޅު ދިމާވި މޭ ޑޭ ޗުއްޓީއާ ދިމާކޮށް ޗައިނާގެ ދެކުނުގެ ޖެޖޭންގް ޕްރޮވިންސްގެ ޓެކްނޮލޮޖީ ސިނާއީ ހަބެއް ކަމަށްވާ ހޭންގްޖޯ ސިޓީގައި ފަތުރުވެރިން މެނޭޖްކުރަން، އިންސާނުންގެ ހަށިގަނޑުގެ ބައްޓަމަށް ހަދައިފައިވާ 15 ރޮބޮޓް ވަނީ މަގުތަކަށް ނެރެފައެވެ. މި ރޮބޮޓްތަކުގެ ޓީމަށް ދީފައިވާ ނަމަކީ ހޭންގްޖިންގްޖާޝިންގްއެވެ.

ޓްރެފިކް ގަވައިދާ ހިލާފުވާ މައްސަލަ ބެލުމުގެ އިތުރުން އުޅަނދުތަކާއި ޓޫރިސްޓުން ދާން ވީ ދިމާތައް ވެސް މި ރޮބޮޓްތައް ބުނެދެއެވެ.

ޓްރެފިކް މައްސަލަތަކުގެ ތެރޭގައި ހެލްމެޓް ނާޅާ ސައިކަލު ދުއްވާ މީހުން ފާހަގަކޮށް، ވަގުތުން އަޑުން އިންޒާރު ދިނުން ހިމެނެއެވެ.

ޓްރެފިކް ފުލުހުންގެ ބެލުމުގެ ދަށުން މި ރޮބޮޓްތައް ފުރަތަމަ ޓެސްޓްކުރީ މެރެތަން ރޭސްތައް ބެލެހެއްޓުމުގައެވެ.

މެދުނުކެޑި ގާތްގަނޑަކަށް ނުވަ ގަޑިއިރު އޮޕަރޭޓްކުރެވޭ މި ރޮބޮޓްތައް އަޑުން އިންޒާރުދެނީ މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ގެ އެހީގައެވެ. ޓްރެފިކް ގަވައިދުތަކާ ހިލާފުވާ މަންޒަރުތައް ވެސް ވީޑިއޯކުރެއެވެ. މި ފަދަ މައުލޫމާތުތައް ސީދާ ޓްރެފިކް ފުލުހުންގެ މަރުކަޒަށް ފޮނުވައިދެއެވެ.

"ޗުއްޓީ ދުވަސްވަރު މަގުމަތީގައި ޓްރެފިކް އާދަޔާހިލާފަށް ގިނަވުމުން މި ރޮބޮޓްތަކުގެ ސަބަބުން ޓްރެފިކް ފުލުހުންނަށް އެހީއަކަށްވޭ،" އޮފިޝަލަކު ބުންޏެވެ.

ރޮބޮޓްތައް މަގުތަކަށް ނެރުނު ފުރަތަމަ ތިން ދުވަސް ތެރޭގައި ޓްރެފިކް ގަވައިދާ ހިލާފުވި 11،897 ފަހަރެއްގައި އަޑުގެ ޒަރީއާއިން އިންޒާރުދީފައިވެއެވެ.

ރޮބޮޓް ޓްރެފިކް ފުލުހުން މަގުތަކަށް ނެރުމަކީ އޭ.އައި އާއި ރޮބޮޓް ޓެކްނޮލޮޖީ މަސްހުނިކޮށްގެން އާއްމުންނަށް ހިދުމަތް ދިނުމުގައި ޗައިނާ ސަރުކާރުން ކުރި ކަމެކެވެ. އަދި މިއީ އެ ގައުމުގައި ޓްރެފިކް މެނޭޖްކުރުމުގެ މަސައްކަތް ފަސޭހަކުރަން ވެސް ކުރި ކަމެކެވެ.

ހޭންގްޖޯއަކީ ރޮބޮޓް ޓްރެފިކް ފުލުހުން ރަސްމީކޮށް ބޭނުންކުރަން ފެށި ސިޓީއެވެ. ނުރަސްމީކޮށް ޗައިނާއިން ވަނީ ޝޭންގްހާއީ މުނިސިޕަލިޓީ، މިއަންޔޭންގް ސިޓީ އަދި ޗޭންޖޯ ސިޓީގައި އިންސާނުން ސިފައިގައި ހަދައިފައިވާ ޓްރެފިކް ބޮޓުން ޓެސްޓްކޮށް ނުވަތަ ބޭނުންކުރަން ފަށައިފައެވެ.

މި ދިޔަ މަހު ތައިލެންޑްގައި އޭ.އައި ފުލުސް ރޮބޮޓްތައް ޓެސްޓު ކުރިޔަސް ޓްރެފިކް ބެލެހެއްޓުމަށް ރޮބޮޓް ޓީމުތައް މަގުތަކަށް ނެރުނު ފުރަތަމަ ގައުމަކީ ޗައިނާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *