Support Us

ދުންޔަވީ ޙަގީގަތް

ވިދާހައި ކޮންމެ އެއްޗެއް އަދި އެއީކީ ވެސް ރަނެއް ނޫނޭ
އިތާގެ ބަނޑުންވިހޭހައި ކޮންމެ އެއްޗެއް އަދި މުތެއް ނޫނޭ

ނިދީގައި ފެންނަ ހުރިހައި ހުވަފެނާ ތަސްވީރު ތަކަކީވެސް،
ނިދިން ހޭލައި އިރަށް ފުރިހަމަ ހަގީގީ ކަން ކަމެއް ނޫނޭ

އެދޭނަމަވެސް ލިބުން ތަޚްތާއި ތާޖާ ރަސްކަމާ ރަނިކަން
އެދޭހާ މީހަކަށް އެއަކީ ލިބޭނޭ ކަން ކަމެއް ނޫނޭ

ޚިޔާލުން ކުރެހިހައި ޗާޓާ "ޚިޔާލުން ކެއްކިހައި ފޮލަޔާ"
ޚިޔާލަށް އަންނަހެން ތަންފީޒު ވާނޭ ކަން ކަމެއް ނޫނޭ

ލިބޭ މުދަލާއި ފައިސާޔާ ކިތަންމެ ގިނައިން އަތަށްލިބުނަސް
ލިބޭހާ ކޮންމެ މީހެއް އަދި އެއީކީ މަހުޖަނެއް ނޫނޭ

ވިލާތައް އުޑުމަތީ ދައުރާ ވަމުންދާހައި ވިލާ ތަކަކީ
ވިލާގަނޑަކަށް ވެފައި ވާރޭ ވެހޭނެ ވިލާތަކެއް ނޫނޭ

މިތަނުގައި މިނެ ކިރައި ޙައްގާއިބާޠިލު އޮޅުވަމުންދިއަޔަސްް
"ކިރައި މަޙްޝަރުގެ މީޒާނުން" ޚިލާފެއް ހުރި ކަމެއް ނޫނޭ

މިތަނުގައި ގަނޑުވަރާ އަދި ޖާރިޔައިންނާ ޚާދިމުން ތިބެފައި،
ކިތަންމެ އުފާތަކެއް ލިބުނަސް އެއީކީ "ޖައްނަތެއް" ނޫނޭ

އިރާއި ހަނދަށް އެއޮތް ދައުރެއް އަދާކޮށް އޮއްސިގެން އެދަނީ
އިރާ ދަންފަޅި ވަގުތު ހަމަކޮށް އަލުން ނާރާކަށެއް ނޫނޭ

އެތައްހާސް މީޓަރެއްގެމަތީ އަރައި، އަދި އުދުހިފައި އުޅުނަސް
އެތައްފަހަރަކު އަރައި އަދި ފޭބިޔަސް އެއަކީ "އުޑެއް" ނޫނޭ

މަލުން ފޮނިބޮއެ އެއިން މާމުއި އުފައްދާ ކުޅަނދުރަށް ނޫނީ
މަލުން އަދިފޮނި ބުޔަސް ބޮވެނީ އަކީ ވެސް މާމުޔެއް ނޫނޭ

ބަދަލުދީގެން ޢަދުލުވެރި މާތް ޙުކުމްފުޅުތައް ބަދަލުކުރުމީ
ޢަދުލު އިންސާފު ގާއިމުވީ ކަމަށް ބެލެވޭ ގޮތެއް ނޫނޭ

މަރަށް ޙާޒިރުވެދާހިނދުގައި ބަލަން ގިނަ ބަޔަކު އަދިތިއްބަސް
ފަހަށް މަޑުކޮށްލުމުގެ ފުރުސަތު ލިބޭކަށްއޮތް ކަމެއްނޫނޭ

ޖެހޭ ބައްޔަށް ރަނގަޅު މޮޅު ޑަކުޓަރުން ފަރުވާދެމުންދިއަޔަސް
ޖެހުނު މަރު ބަލިކަމަށް ވަންޏާ ރަނގަޅުކުރެވޭ ކަމެއް ނޫނޭ

ހިތަށް އެރިހައި ކަމެއް ކުރަމުން ދުލަށް އައިހާ ބަހެއް ބުނަމުން
މިތަން މީ ދާއިމީ ތަނަކަށް ދެކެން ވާނޭ ތަނެއްނޫނޭ

ނެތީމާ ފެންނަ މީހަކު، ކަންކުރާއިރު ސިއްރަކަށް ބެލިއަސް،
އެއީ ﷲ އަށް ބަލަ! ސިއްރުވާނޭ ކަންކަމެއް ނޫނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *