ޙިކުމަތުގެ ބަސްތައް ފެނިދެޔޭ ބަސްފޮތް ބަލައި ހޯދައިލިޔަސް
ޒިކުރާ ކުރާނަން ނަޒުމަކުން އެ ތަނުން ބައެއް ޙިކުމަތުގެ ބަސް
ފޮންޏެއް ނުވާނޭ ހިތި ކަދޫ، ފެންދޭ ގޮތަށް މާމުއި ދިނަސް
އުންޏެއް ނުވާނޭ ހިތި ކަމެއް، މޭވާއަކުން ފަތަކުން ވިޔަސް
އުކުޅެއް ހަދަން ހަމަ ނޭނގުނަސް ރެކުމަށް ނަސޭހަތް ނުދިނަކަސް
ކުކުޅެއްގެ ފައި ދޮށުގައި ވެގެން ނުވެޔޭ މަރެއް ހަމަ ފިޔޮކަކަސް
އެދުރެއް ނުވާނޭ ފޮތް އޮތަސް ޢަޒުމެއް ތިމާ މޮޅުވަން އޮތަސް
ތެދުވެރި ވަފާތެރި ޓީޗަރުން ނެތި ފޮތް ބަލަން އަބަދަށް އޮތަސް
ފުމުނަސް މެކުނު މާ ހަލުވިކޮށް އެ ގޮތަށް ފުމެން ހަމަ އެދުނަކަސް
ފުމެވޭކަށެއް ނޯންނާނެޔޭ، ގާހަކަ ފުމެން ހަމަ އުޅުނަކަސް
ފުރިފައި ހުރިއްޔާ ގުޑުގުޑެއް ނާޅާނެޔޭ ހަމަ ތެޅުވިޔަސް
ހުރިވަރު އެނގޭނޭ ތެޅުވުމުން މަތި ބާރުކޮށްފައި ހުއްޓަކަސް
"މާޒީ"ގެ ގަލަމުން ބަސްތަކެއް ޙިކުމަތުގެ މޮޅު މީ އިއްވިޔަސް
މާ ޒީނަތޭ ނަފުސަށް ލިބޭނީ ވިސްނި ނަމަ ޙިކުމަތުގެ ބަސް