Support Us

ލަންކާގެ ފޮރިން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި، ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ. ހަމަމިއާއިއެކު ދެ ޤައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް އަރުވިއެވެ.

މީގެ އިތުރުން، ތަރައްގީގެ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި، ޚާއްޞަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މި މަހުގެ 3-6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *