Support Us

ބޭންކް ފަންޑުން ވޮކޭޝަނަލް އެޑިއުކޭޝަން ލެބު ތަރައްގީކޮށް ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފި

މިދިޔަ އަހަރު ބީ.އެމް.އެލްގެ ބޭންކު ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފިއެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަޔްތަކަށް މުޖުތަމަޢުގެ ކުރއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. މި ގްރާންޓުން ހޮވޭ ފަސް ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ.ގެ އެހީ ބޭންކުން ފޯރުކޮށްދެއެވެ.

މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސް އާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިން ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް ބީ.އެމް.އެލް އިން ބުނެއެވެ.

"އެ ސްކޫލުގައި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައެވެ. މި ސްޓޫޑިއޯގައި ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ." ބީ.އެމް.އެލް އިން ބުނެއެވެ.

"މި ޕްރޮޖެކްޓްގެ ދަށުން ފޭލި ޖަމިއްޔާއިން ވަނީ މި ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީ ކޮށްދީފައެވެ. އެގޮތުން އެ ތަނުގައި ކާޕެންޓްރީ ބައެއް ހިމަނައި، މިތަން ފަރުމާކޮށްފައިވަނީ ބޭނުންވާ ވަޑާން ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކާއި ސަލާމަތީ އިކުއިޕްމެންޓްވެސް ހިމަނައިގެންނެވެ. މި ލެބްގައި ފެހުމުގެ ބައެއް ތަރައްގީކޮށް، މިތަން ފަރުމާކޮށްފައި ވަނީ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީގެންނެވެ."

ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކަށް ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ކަމަށް ވެސް ބީ.އެމް.އެލް އިން ބުނެއެވެ.