Support Us

ޕޮލެންޑްގެ ޒެޝޫފް ޔުނިވާސިޓީގައި މި ދިޔަ ހޯމަ ދުވަހު ބޭއްވި ސަލާމަތާ ބެހޭ ޖަލްސާއެއްގައި ރޮބޮޓެއްގެ ހަރަކާތްތައް ބަލައިލަނީ

"އޭ.އައި ސިފައިން" ހަނގުރައިމައިގެ މައިދާން ބަދަލުކޮށްލާނެ

މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީ ހިމަނައިފައިވާ ރޮބޮޓް ނުވަތަ "އޭ.އައި ސިފައިން" ހަނގުރައިމައިގެ މައިދާން ބަދަލުކޮށްލާނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެފިއެވެ.

މި ކަން މިހާރު އެންމެ ބޮޑަށް ފާޅުވަމުންދަނީ ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފަން ކުރަމުންދާ ހަނގުރައިމައިގައި ޔޫކްރެއިނުން އޭ.އައި ރޮބޮޓް ބޭނުންކުރަން ފެށުމުންނެވެ.

ޔޫކްރެއިންގެ އޭ.އައި ސިފައިން ކުރާ ކަމަކީ ހަމައެކަނި އެއްޗެހި ސަޕްލައިކުރުމާއި ޒަހަމްވެފައިވާ ސިފައިން އިވަކުއޭޓް ކުރުމެއް ނޫނެވެ. ނަމަވެސް ސީދާ ހަމަލާދިނުމުގައި ވެސް ބައިވެރިވެއެވެ.

"އެއްގަމު މަގުން ރޮބޮޓްތައް ތިން މަސް ތެރޭގައި 22،000 މިޝަން ހިންގައިފި. މި ހަނގުރައިމައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިންސާނުން ނޫން މެޝިންތަކުން ރަޝިޔާގެ ސަރަހައްދެއް ހިފައިފި،" ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ މި ދިޔަ މަހު ވިދާޅުވެފައިވެއެވެ.

ޔޫކްރެއިން ހަނގުރައިމައިގައި ޔޫކްރެއިންގެ ސިފައިންގެ ސަފުތަކަށް ތަކެތި ގެންގޮސްދިނުމުގައި މިހާރު 70 ޕަސެންޓް މަސައްކަތްކުރަނީ ރޮބޮޓްތަކެވެ.

މި ފަދަ މެޝިންތައް ޔޫކްރެއިނުން ގިނައިން ބޭނުންކުރަނީ ރިމޯޓް ކޮންޓްރޯލުންނެވެ. އެކަމަކު ތަޖުރިބާކާރުން ބުނީ އޭ.އައި ޓެކްނޮލޮޖީ ބޭނުންކުރާތީ ހަނގުރައިމައިގެ މައިދާނުގައި މި ފަދަ ރޮބޮޓްތައް އެ ތަކެއްޗަށް މަސްނޫއީ ގޮތުން ވިސްނޭ އަމިއްލަ ނިންމުންތައް ނިންމުމާ ކައިރިވަމުންދާ ކަމަށެވެ.

ޔޫކްރެއިނުން ބުނީ އެ ގައުމުން އޭ.އައި ސިފައިން ބޭނުންކުރުމުގެ އަމާޒަކީ ހަނގުރައިމައިގައި ބައިވެރިވާ އިންސާނުންގެ ފުރާނަ ސަލާމަތްކުރުން ކަމަށެވެ.

"އެންމެ ނުރައްކާތެރި މަސައްކަތްތައް ހަވާލުކުރަނީ މި ފަދަ ރޮބޮޓްތަކާ. ބޭނުމަކީ އަހަރެމެންގެ ސިފައިން ނުރައްކަލަށް ހުށަހެޅުން ކުޑަކުރުން،" ޔޫކްރެއިންގެ ދިފާއީ އޮފިޝަލެއް ބުންޏެވެ.

އަސްކަރީ ތަޖުރިބާކާރުން ބުނީ ޔޫކްރެއިންގެ މިސާލު ނަގައިގެން ދުނިޔޭގައި ކުރާ ހަނގުރާމަތަކުގައި، މަސްނޫއީ ވިސްނުން ބޭނުންކޮށްގެން "އަމިއްލަ ނިންމުންތައް ނިންމާ ހަތިޔާރު" ހޯދުމަށް ގައުމަތަކުން ވާދަކުރަން ފަށައިފައިނެ ކަމަށެވެ.

"ހަލުއިކަމާއި މައުލޫމާތަކީ މިހާރު ހަތިޔާރުހާ ވެސް މުހިންމު އެއްޗެހި. ހަނގުރާމަކުރާ ގޮތް ޓެކްނޮލޮޖީން ދަނީ ބަދަލުކުރަމުން،" އަސްކަރީ ތަޖުރިބާކާރަކު ބުންޏެވެ.

އޭ.އައި ސިފައިންނަކީ އުއްމީދީ ޓެކްނޮލޮޖީއެއް ކަމަށްވިޔަސް، އެއީ ސުލޫކީ ގޮތުން ބޭނުންކުރަން ރަނގަޅު ޓެކްނޮލޮޖީއެއްތޯ އާއި މެޝިންތަކެއްގެ މައްޗަށް އިންސާނުން ބާރު ހިންގަންވާނީ ކިހާ ވަރަކަށްތޯ މިއީ މިހާރު ކުރެވޭ ސުވާލެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *