މިއަދު ނެތް ދުނިޔޭގައެއް މީހުން އުޅޭކަށް ވަކި ގޮތެއް
މިއަދު އޮތް މުޖްތަމަޢު ގައިވެސް ނެތޭ ހެޔޮ އެއް ގޮތެއް
ލޯއެކީ ދިލުވައިލި ނަމަ ފެންނާކަށެއް ނެތް ހެޔޮ ތަނެއް
ލޯ މަރައިލީމާ އަލުން ފެންނާނެ ނެތް އެއްވެސް ތަނެއް
އަޑު އަހައިނަމަ އަޑުއަހަން ކެތްވާނެ ނެތް އެއްވެސް އަޑެއް
އަޑުއަހަން ބޭނުން ނުވަންޏާ ނެތް އިވޭ އެއްވެސް އަޑެއް
ތަންތަނަށް ގޮސްގެން އުޅެންޏާ "ބޯ ހަލާކުވެ ދާވަރެއް"
ތަންތަނަށް ނުމެގޮސް ހުރިއްޔާ ސާފުވާ ނެތްއެއް ކަމެއް
އަނގަތަޅައި ކަން ކަމުގެ ތެރެއަށް ބެހި އުޅެންޏާ ބޮޑުކަމެއް
އަނގަ ނުތަޅުވާ ހަނު ހުރިއްޔާ ދެން ދެނީ މާބޮޑު ލަނޑެއް
ޢާލިމެއްވެސް ޙާކިމެއްވެސް "ލާރި ދީފައި ބުނި ގޮތެއް"
ޖާހިލުންނަށް ވުރެ ނުބައި ކަންތައް ކުރަން ހިތުހުރި ގޮތެއް
މިއަދު ދުނިޔޭގައި މިވާހައި "ޢަދުލުވެރި މީޒާން ތަކެއް"
މިއަދު ހަމަހަމަ ކޮށްދެނީ، ޑޮލަރާއި، ޔޫރޯ، އެޅި ކޮޅެއް
މިއަދު ދުނިޔެއިން ޙައްގުހޯދަން މިއުޅެނީ ގަދަފަދަ ބައެއް
މިއަދު ދުނިޔެއިން ޙައްގު ހޯދަން ފޮނުވަނީ، ރާސްތާ މިސައިލެއް
އަޑުނުއިވި ދެލޮލުން ނުދެކި ބަސް ނުމޮށެ ކިހިނެއް އުޅެވެނީ
އަބުރުވެރި ކެތްތެރިޔަކަށް ވުމަކުން ނެތޭ އަދު އިޙްތިރާމެއް
ހެޔޮކަމެއް ނޫނީ ކުރާކަށް ހެޔޮނުވެސް ވާނޭ ކަމެއް
ހެޔޮކަމެއް ކުރިޔަސް ބަލަން ތިބެގެން ކުރާނީ މަލާމަތެއް
ހިތުގެ ވަރުގަދަވީ ޢަޤީދާގައި ހުރުން ދެން އޮތް ގޮތެއް
ހިތުގެ އީމާނުގެ ޢަޒުމް ވަރުގަދަ ކުރުން ނޫން، ނެތް ގޮތެއް
