Support Us

ހިތަދޫ އުތުރު ބައި އިލެކްޝަންގެ ޓިކެޓަށް ޕީ.އެން.ސީން ފުރުޞަތު ހުޅުވައިލައިފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަނަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީގެ) ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މި ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވައިލައިފައި ވަނީ މިއަދުން ފެށިގެން، އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމަޔަށެވެ.

"…ސުންގަޑި ހަމަވާއިރު، ޝަރުޠުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިޚާބުތަކާ ގުޅޭ ޓެކްނިކަލް ކޮމިޓީން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެ ފަރާތްތަކުގެ މެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަކުންނެވެ." ވެރިކަން ހިންގާ ޕާޓީގެ އިއުލާނެއްގައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. އަދި ހުށަހަޅާ ހުށައެޅުމާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދާ އެ ލިޔެކިޔުންތައްވެސް ހުށަހަޅާންވާނެއެވެ."

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގައި އިންނެވި ޕީ.އެން.ސީގެ މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމު ކޯޓުން ކަނޑައެޅީ ސާބިތު ދަރަންޏެއް ހުކުމުގެ މުއްދަތުގައި ނުދައްކާ އޮތުމުން މީހަކު އެ މައްސަލަ ހުށަހެޅުމުންނެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އޭނާ އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު 2024 ގައި ކުރި ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގަ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.

ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތުތައް

މި އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން، އަންނަނިވި ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރު ކުރަންވާނެއެވެ:

1. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭނެ ކަމަށް ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުޠުތައް ފުރިހަމަވެފައިވާކަން؛

2. އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތަކަށްވުން ނުވަތަ، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާތުތަކާ އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ފަރާތަކަށްވުން.

ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވޯޓުދިނުމުގެ ޝަރުތު

  • މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިދެވޭނީ، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، 13 އޭޕްރިލް 2026 ވީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް، ކޮންގްރެސް ޕާޓީގެ މެންބަރަކަށް ވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއާތުތަކާ އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ. މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބޭ ފަރާތްތަކުގެ ލިސްޓު، 20 އޭޕްރިލް 2026 ވާ ހޯމަ ދުވަހު ޕާޓީގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.

ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ބޭއްވުން

  • ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 2026 – ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ، 25 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ.
  • ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 2026 ގައި ވާދަކުރުމަށް (ޝަރުޠުތައް ފުރިހަމަވެގެން، އަދި ޕާޓީގެ އިންތިޚާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތިގެން) ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ، އިންތިޚާބުކުރުމަށް ކަނޑައަޅާފައިވާ ޢަދަދަށްކަމުގައިވާ ނަމަ، އެ ފަރާތަކަށް ކޮންގްރެސް ޕާޓީގެ ޓިކެޓު ކަނޑައެޅޭނެއެވެ.

ކޮންގްރެސް ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށްގެންދިޔުން

  • ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 2026- ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ކަނޑައެޅޭ ޙާލަތުގައި، ވޯޓުލުމުގެ ކަންކަން ޕާޓީގެ ފަރާތުން އިންތިޒާމުކުރާނެއެވެ. ޕްރައިމަރީގައި ކޮންގްރެސް ޕާޓީގެ މެންބަރުންނަށް ވޯޓު ލެވޭނީ، މި އިންތިޚާބުގައި ވޯޓު ލުމަށް ހިތަދޫ އުތުރު ދާއިރާގައި އަދި ވެރިރަށް މާލޭގައި ޕާޓީގެ ފަރާތުން ބަހައްޓާ ވޯޓު ފޮށިތަކަށެވެ. (ޕްރައިމަރީއެއް އޮންނަ ޙާލަތުގައި ޕްރައިމަރީގެ އިންތިޒާމުތަކާއި އުޞޫލުތައް، ކޮންގްރެސް ޕާޓީގެ އިންތިޚާބީ ކޮމިޓީއިން ޢާންމު ކުރާނެއެވެ).
  • އިންތިޚާބުގައި ވާދަ ކުރުމަށްއެދި ހުށަހަޅާނީ ޕާޓީގެ ވެބްސައިޓް، www.pnc.mv ގައި އެކަމަށް ކަނޑައެޅިފައިވާ އިންތިޒާމުތަކުގެ ތެރެއިންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *