މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެމް.ޕީ.އެލް އިން ނިންމައިފައެވެ.
އެގޮތުން މި މަހު ހަތަކުން ފެށިގެން މައިގަނޑު ހަ ފިޔަވަޅެއް ވަނީ އަޅަން ނިންމައިފައެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް:
1. ޝިފްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކުރުން.
ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން މެންދުރުފަހު 14:00 އަށް ކަނޑައެޅުން. (ކުރިން މި މުވައްޒަފުން ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން 15:30 އަށް.)
2. އޮަޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުން.
3. ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުުރުތައް ހުއްޓާލުން.
ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރެއް ހުއްޓާލުމުގެ އިތުރުން، ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ހަމަޖައްސާ ދަތުރުތަކުގައިވެސް، ކުންފުނިން ކުރާ ހަރަދުތައް ވީހާވެސް ކުޑަކުރުން. އަދި ރާއްޖޭން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުން.
4. ރާއްޖޭން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިންތައް މި ވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން.
5. މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން.
މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރެވިފައިވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026″ ފަސްކުރުމަށް ވަނީ ނިންމައިފަ. މި ކޮންފަރެންސް މިހާރު ތާވަލްކޮށްފައިވަނީ މި އަހަރުގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް.
6. ކަރަންޓުގެ ހަރަދު ކުޑަކުރުން
ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި، ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަހުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގުން.
އަދި، ހަރަދު ކުޑަކުރުމަށް އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު އަށް ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ނިންމި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ. އަދި، މި ބަދަލާއެކުވެސް، މުދާ ބޭލުމާއި ކްލިއަރކުރުމުގެ ޚިދުމަތްތައް މިހާރެކޭ އެއް ގޮތަށް ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ.



advertisment

