ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިވަޑައިގެންފައިވާ ކަމަށް، މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލު ވިދާޅުވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމައްޗާއި ގަލްފުގައި ކުރަމުންދާ ހަނގުރާމައިގެ ޙާލަތު ގާތުން ވިލަރެސްކުރައްވައި، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނޭ އަސަރުތަކަށް، ދިވެހި ސަރުކާރުން ތައްޔާރުވަމުންގެންދާ ކަމަށެވެ. އެގޮތުން އަސާސީ ޚިދުމަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު އާންމުކޮށް ގެންނަ ބާޒާރުތަކުން ލިބުން ދަތިވެއްޖެ ޙާލަތެއްގައި ދެން އެ ތަކެތި ގެނެވިދާނޭ ބާޒާރުތައް ހޯދައި، އެ ފަރާތްތަކާއެކު، ރާއްޖޭގެ ކަމާބަހޭ ފަރާތްތަކުން މަޝްވަރާކުރަމުންގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު ތަފްޞީލު ދެއްވަމުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އަސާސީ 164 ބާވަތެއްގެ މުދާ ކޮންމެ ދުވަހަކު މޮނިޓަރކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، މިހާތަނަށްވެސް، އެއްވެސް އަސާސީ ބާވަތެއް ހުސްވިޔަ ނުދީ މެނޭޖުކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް، ހުރިހާ އިމްޕޯޓަރުންނާ ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އެލް.ޕީ.ޖީ ނުވަތަ ކައްކާ ގޭހުގެ ޚިދުމަތްދޭ ވިލާ ގޭހުން، ގޭހުގެ އަގުބޮޑުކުރުމަށް ނިންމި ނިންމުން އެނގިވަޑައިގެންނެވި ހިސާބުން، އެ ކުންފުންޏާއި އެސް.ޓީ.އޯ އާއެކު ފަންނީ މަޝްވަރާކުރައްވައި، މި ކަމަށް ޙައްލެއް ހޯދުމާމެދު ނިންމަވާ ގޮތެއް، ވަރަށް އަވަހަށް އިޢުލާންކުރައްވާނޭކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ކަރަންޓުގެ ޓެރިފް ބޮޑުކުރެއްވުމުގެ ވިސްނުމެއް އަދި ނެތްކަމަށް ވިދާޅުވެފައެވެ. ފަތުރުވެރިކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހަނގުރާމައިގެ މި ހާލަތުގައިވެސް ރާއްޖޭގެ ޑިމާންޑް ދަށްނުވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރާ އަޅައިބަލާއިރު، މާރިޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ނިސްބަތުން ދަށް ކަމުގައި ވީނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ސީޓް އޮކިއުޕަންސީ އިތުރުވަމުން އަންނަކަމީ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މާލީ ވުޒާރާއިން އިޢުލާންކުރި ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި ކޮމިޓީގެ ޗެއަރ ވަނީ، ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުއްވުމަށް ގަސްދުކުރައްވާފައިވަނީ، ދިވެހި އެއްވެސް ރައްޔިތަކަށް ބުރައެއް އުފުލަން ނުޖެހޭނޭ ގޮތަށް ބައްލަވައިގެން ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން، އެއްވެސް ކޮންފްލިކްޓް ޒޯނަކަށް ދާ އުޅަނދަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް، މިހާތަނަށް ހުއްދަ ދެއްވާފައި ނުވާނޭ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހުއްދައެއް ނުދެއްވާނޭ ކަމަށް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
މި ކޮމިޓީގެ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވައި، އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކެއްކަން ކޮމިޓީން ފާހަގަކުރިއެވެ. އަދި މި ދަނޑިވަޅުގައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ސިނާޢަތްތައް ތަމްސީލުކުރައްވާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުން، ގުޅިގެން، އެކުގައި ކުރައްވާ މަސައްކަތްތައްވެސް ކޮމިޓީން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.



advertisment

