Support Us

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކްލާހެއް ބީއެމްއެލްގެ އެހީގައި އަމީނިއްޔާގައި ގާއިމުކޮށްފި

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކްލާހެއް ބީއެމްއެލްގެ އެހީގައި އަމީނިއްޔާގައި ގާއިމުކޮށްފިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، "އައިވޮންޑަރ"ގެ ނަމުގައި ގާއިމުކުރި ސެންސަރީ ކްލާސްރޫމް ފަރުމާކޮށްފައި ވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގައެވެ. އެ ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައިވަނީ ބޭންކުންނެވެ. އެގޮތުން ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ ވަސީލަތްތައް ފޯރުކޮށްދީފައި ވެއެވެ.

އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި 170 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރެއެވެ.

"ބީއެމްއެލް އިން މީގެ ކުރިންވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިގޮތުން އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލް، ވޭމަންޑޫ ސްކޫލު އަދި ގާފަރު ސްކޫލްގެ ސެން ކްލާސް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވެއެވެ." ބީއެމްއެލްގެ ބަޔާނެއްގައިވެއެވެ.

"ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން ބީއެމްއެލްއިން އަބަދު ވެސް ޚާއްސަ އިސްކަމެއްދެއެވެ."