ޢިއްޒަތުއްނަފުސަށް ވަނީ ﷲ ހެއްދެވި ކޮންމެ ނަފުސެއް
ޢިއްޒަތާ އަބުރާ ނަގާލަން މީހަކަށް ނެތް ހުއްދައެއް
ކޮންމެ ނަފުސެއްވެސް އަނެއް ނަފުސެއްގެ ޤަދަރާ ޢިއްޒަތަށް،
ކޮންމެހެންވެސް އިޙްތިރާމު ނުކޮށް އުޅުން، ނެތް ހުއްދައެއް
ވެރިކަމާ، ޖާހާ ޤަދަރު، ދެއްވުން އިލާހީ ނިޢްމަތެއް
ވެރިކަމާމެދު ނުރުހުނަސް، ފަސާދަޔަށް ނެތް ހުއްދައެއް
ފިތުނަޔާ އަދި ޙަސަދަޔާ މާއްދިއްޔަތަށް ދަހިވެތި ވިޔަސް
ފިޠްރަތާއި ޚިލާފު ކަންކަން ކުރުމަކަށް ނެތް ހުއްދައެއް
ކަންކަމުގެ ފުރިހަމަ ޙަގީގަތް ބަދަލުކޮށް ބޭނުން ގޮތަށް
ދަންނަހާ މީހުންގެ އަބުރު، ނަގާލުމަށް ނެތް ހުއްދައެއް
ހައްދަވާ އަޅަމެން ވުޖޫދު ކުރެއްވި މަތިވެރި ޙަޒްރަތުން
އަންގަވާފާ ވާގޮތާއި ޚިލާފުވާން ނެތް ހުއްދައެއް
ހައިނުކޮށް މީހުންގެ އަބުރާ ޢިއްޒަތާ ޝަރަފާ ނަގާލަން،
"ލައިސަނެއް، ސަނަދެއް" ނެތޭ، މަޚްލޫޤަކަށް އޮތް ހުއްދައެއް
"ވެރިޔަކާ އަދި ގެރިޔަކާ އެއްވަރު ނުވާނެ ކަމަށް ބަލައި
ވެރިޔަކަށް ޢިއްޒަތް ނުދެން ޤާނޫނަކުން ނެތް ހުއްދައެއް"
ވީޑިޔޯ އަދި އޯޑިޔޯއިން ޢިއްޒަތުއްނަފުސުގެ ކަރާމާތް
ދީގެނެއް ނުމެވާނެ "ވެއްޔާ މޮޑެލުމަށްވެސް" ހުއްދައެއް
ސާބިތެއް ނުހިފޭ ގޮތަށް މީހުންގެ އަބުރާ ޢިއްޒަތާ
ޤާތިލެއްގެ ގޮތަށް ނިކުމެ "ކަތިލާކަށެއް" ނެތް ހުއްދައެއް
"މުޖްތަމަޢުގައި އިޖްތިމާޢީ މަޞްލަޙަތު ގެއްލޭ ގޮތަށް،
މުޖްތަމަޢު ފަސާދަކުރުމަށް ތަން ދިނުން ނެތް ހުއްދައެއް"
