Support Us

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކޮށްދެއްވައިފި

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ.

މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ އިފުތިތާހީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. މިރެއިން ފެށިގެން 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެއެވެ. ޚިދުމަތަށް ޚާއްޞަ ހޮޓްލައިން، 1655 ވެސް މިރޭ ވަނީ ތަޢާރަފުކުރައްވައިފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚިދުމަތް ފޯރުކޮށްދޭ އެމް.ޓީ.ސީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީ ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނޭ ޚިދުމަތެއް ކަމުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ، މި ފެށި ޚިދުމަތުގެ ސަބަބުން މިހާރުވެސް ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޚިދުމަތް ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނޭކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި މި އަހަރުގެ ތެރޭގައި، އައްޑޫ ސިޓީގައިވެސް މި ޚިދުމަތް ތަޢާރަފުކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ޓެކްސީ ލައިންގައި ޚިދުމަތްދިނުމަށް ބޭނުންކުރާ ކާރުތައް ބައްލަވައިލައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *