މާލެ ސިޓީގެ މޭޔަރުކަމަށް ޕީ.އެން.ސީގެ މޫސާ ޢަލީ ޖަލީލް ހޮވުމަށް، މަޝްހޫރު މަހުޖަނު ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފިއެވެ.
ޕީ.އެން.ސީގެ އޮފިޝަލަކު ބުނީ ޖެނެރަލް ޖަލީލް މިއަދު ވަނީ އުއްޗު އަރިހަށް، ޗަމްޕާގިރިއަށް ޒިޔާރަތް ކުރައްވައިފައި ކަމަށެވެ. މި ޒިޔާރަތުގަައި އުއްޗު ވަނީ ޖެނެރަލް ޖަލީލް އެންޑޯޒްކުރައްވައި މާލެ ސިޓީގެ މޭޔަރުކަމަށް ޖަލީލް އިންތިޚާބު ކުރުމަށް ތާއީދުކުރައްވާ ކަމާއި އަދި ވޯޓް ހޯއްދަވަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"މިއަދުގެ މި ބައްދަލުވުމުގައި އުއްޗު ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލް ކަމަށް ވަނީ ވިދާޅުވެފަައި. އަދި ވަކިން ޚާއްޞަކޮށް ސިފައިންގެ ޚިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ މޫސާ ޢަލީ ޖަލީލް ފަދަ ބޭފުޅުންގެ ޚިދުމަތް މި ޤައުމަށް ބޭނުންވާކަން ފާހަގަކުރެއްވި. އަދި ޤައުމީ ޚިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ މޫސާ ޖަލީލް ފަދަ ބޭފުޅުން ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާ ކަމަށް އުއްޗު ވިދާޅުވި،" ޖަލީލް ކޭމްޕުގެ އޮފިޝަލަކު ބުންޏެވެ.
ޖަލީލް ވަނީ، މި ދަޢުވަތު ދެއްވި ކަމަށްޓަކައި އަދި މި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ ގެނައުމަށް ތާއީދުކުރެއްވި ކަމަށްޓަކައި އުއްޗު އަށް ޝުކުރު އަދާކުރައްވައިފައެވެ.
މާލޭގެ ފުރަތަމަ މޭޔަރު، އެމް.ޑީ.ޕީގައި އިސްކޮށް އުޅުއްވި ސަރަނގު އާދަމް މަނިކު ވެސް ވަނީ އަންނަ ހޮނިހިރު ދުވަހުގެ ވޯޓުގައި ޖެނެރަލް ޖަލީލަށް ތާއީދު ކުރައްވަން ނިންމަވައި، މާލޭގެ ދޮރުންދޮރަށް ހަރަކާތަށް ވެސް ނުކުންނަވައިފައެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު، މަހުޖަނު ގާސިމް އިބްރާހިމް ވެސް މިދިޔަ ހަފުތާގައި ވަނީ ޖެނެރަލް ޖަލީލަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.



advertisment