ބީ.އެމް.އެލްގެ ވިލިމާލޭ 300 ހައުސިން ޔުނިޓުގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިރޭ ވިލިމާލޭގައެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ)އާ ޙަވާލުކޮށްގެން ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓުގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ބީ.އެމް.އެލްއާއި އާރް.ސީ.ސީގެ އިސްވެރިންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ.
މިރޭ ފެށި މި މަޝްރޫޢުގެ ދަށުން، 17 ފަންގިފިލާގެ ތިން ޓަވަރު، ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން ތަރައްޤީކުރެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
"އެފޯޑަބަލް ހައުސިން" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދީފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފެބުރުވަރީ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރޭގައި، އަތްމަތި ތަނަވަސް ޢާއިލާތަކަށް ރިއަލް އެސްޓޭޓް އުޞޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު އިތުރުކުރުމާއި، މެދުފަންތީގެ ޢާއިލާތަކަށް ބޭންކް މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ ޢާއިލާތަކަށް ސޯޝަލް ހައުސިންގ ޢިމާރާތްކޮށްދިނުން ހިމެނޭކަމުގައި ވިދާޅުވެފައެވެ. ހަމަ މިއާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ.



advertisment

