ޖުމްލަ 106 ވޭޕާއި 571 ވޭޕް ކާޓްރިޖު ގެންގުޅުނު މީހަކު ހުޅުމާލެއިން ފެނި، ދެހާސް ރުފިޔާއިން އޭނާ ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ ވޭޕް ގެންގުޅޭ ކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގެ ޗަނބޭލީ މަގުން ދެ މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕާއި 571 ވޭޕް ކާޓްރިޖު ފެނުނު ކަމަށެވެ. އެ ވޭޕްތަކާއި ކާޓްރިޖު ތަކުގެ ފޮޓޯވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
"މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި އޭނާ ވަނީ 2000ރ. އިން ޖޫރިމަނާކޮށްފައެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. "މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ."



advertisment