Support Us

މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނަށާއި އަންހެނުންނަށް ދޭން ގާނޫނު އިސްލާހުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައަޅައި އަދި ވަކި އިންސައްތައެއް އެއީ އަންހެނުން ކަމުގައި ކަނޑައެޅުމަށް ހުށައެޅުއްވުމާމެދު ދިރާސާކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާބާދީ އިތުރުވާ މިންވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ވެސް އިޞްލާޙުކުރެއްވުމަށް ހުށަހެޅުއްވުމަށް ނިންމަވައިފައިވާ ކަމަށެވެ. އަދި މި ކަންކަން ވާނީ އަންނަ އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ އިންތިޚާބުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދެހާސް އަށާވީހުގެ ރިޔާސީ އިންތިޚާބާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނަމަ، ހިނގަމުންދާ މަޖިލީހުގެ ޢުމުރަށް ބަދަލު އަންނާނޭ ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބަކީ، ހިނގަމުންދާ މަޖިލީހުގެ ޢުމުރަށް ބަދަލު އަންނާނޭ ޙާލަތެއް މެދުވެރިވެދާނެ އިންތިޚާބެއްކަމުގައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުން ނިންމަވައިފިނަމަ، ސަރުކާރުގެ ރީފޯމް ޕެކޭޖުގައި ހިމެނޭ އެހެނިހެން އިޞްލާޙުތަކެއްވެސް ހުށަހެޅުއްވުމަށް ގަސްދުކުރައްވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، އެއްބުރުން ރިޔާސީ އިންތިޚާބު ބޭއްވުމާބެހޭ ޕްރިފަރަންޝަލް ވޯޓިން ސިސްޓަމްގެ ދިރާސާވެސް ކުރައްވަމުން ގެންދަވާ ކަމަށާއި، ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެންބަރު މަހުގެ އެގާރަވަނަ ދުވަސްކަމުގައި ކަނޑައެޅުއްވުމާ ގުޅޭ އިޞްލާޙާ ބެހޭ މަސައްކަތްތައްވެސް، ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޅި ނިޒާމަށް ގެންނަންޖެހޭ އިޞްލާޙުތަކުގައި ހިމެނިގެން، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އިތުރުކުރުމަށާއި، ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ކަށަވަރު ކުރުމަށް، ޤާނޫނުތަކަށް ގެނެވޭ އިޞްލާޙުތައްވެސް ހުށަހަޅުއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި ސިޓިޒެންސް ކޮމްޕްލެއިންސް ބިއުރޯގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، ޖުލައިމަހު، އެ އިދާރާ އުފައްދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *