މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރިއަށްދާ ހަނގުރާމައަށް، އިންތިޒާމީ އަދި ޚާރިޖީ ކަމެއްގައިވެސް ދިވެހިރާއްޖެ ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ މަންދޫބެއް ރާއްޖެ ވަޑައިގެން އުޅުއްވާ ކަމަށް ބުނެ ނިއުޅެމުންދާ ޚަބަރަށް އިޝާރާތްކުރައްވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްރާއީލު ނޫން އެހެން ޤައުމެއްގެ މަންދޫބެއް ރާއްޖެ ވަޑައިގެން މަޝްވަރާކުރައްވަން އެދިވަޑައިގެންފި ކަމުގައިވާނަމަ، އެ ފުރުޞަތު ދެއްވާނޭ ކަމަށެވެ. ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް އެމެރިކާއިން ކަނޑައަޅައިފައި ހުންނަވާ ޚާއްޞަ މަންދޫބު ސަރޖިއޯ ގޯ، ދިވެހި ސަރުކާރާއެކު އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށާއި، އެހެންނަމަވެސް، ބައްދަލުވުމަކަށް އެދިވަޑައިގަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މަންދޫބާއެކު ކުރައްވާ މަޝްވަރާގައިވެސް، މި ހަނގުރާމައިގެ މައުޟޫޢު ފެންމަތިވިކަމުގައިވިޔަސް، ރާއްޖެއިން ދައްކާނޭ ވާހަކައެއް ނޯންނާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި ރާއްޖޭގެ ބިމުގެ ސަރަޙައްދެއްވެސް، ކަނޑުގެ ސަރަޙައްދެއްވެސް އަދި ވައިގެ ސަރަހައްދެއްވެސް، އެއްވެސް ހަނގުރާމައަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް ބޭނުންކުރާނޭ ފުރުޞަތު، އެއްވެސް ޤައުމަކަށް ނުދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރަމުންދާ ހަނގުރާމައާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށާއި، އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލާގޮތަށް ހަމަލާދިނުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަމަށް ވިދާޅުވެ، މިހާރުން މިހާރަށްވެސް ހަމަލާތައް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
އިސްރާއީލަކީ ދިވެހި ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫން ކަމަށާއި، މިއަދާ ހަމައަށް އައިއިރު، އެތައް ޒަމާނެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކުރަމުން އައި ނިކަމެތިކަމަކީ ދިވެހި ރައްޔިތިން އެއްގޮތަކަށްވެސް މަޢާފުކުރާނޭ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



advertisment