އައްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ގެ މަޝްރޫޢު އިފްތިތާޙް ކޮށްފިއެވެ.
މި މަޝްރޫޢު އިފްތިތާޙް ކުރުމަށް އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޚާއްޞަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ،ލ ދާޚީލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މީގެ އިތުރުން އެންގްލޯ ބެލްޖިއަން ކޯޕަރޭޝަންގެ ފަރާތުން މިޑްލް އީސްޓް، ނޯތު އެމެރިކާ އަދި ސައުތު އެފްރިކާއަށް ކަނޑައަޅައިފައިވާ އޭރިއާ މެނޭޖަރ ކެޕްޓަން ވިންސެންޓް ޕިރީ، ޑެފިނިޓް ސޮލިއުޝަންސްގެ ސީ.އީ.އޯ އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލު ކުރައްވާ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފެނަކަގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ އެތައް ދުވަހެއްވީ މައްސަލައެއް ކަމަށާއި، އެގޮތަށް އެކަން ދިމާވެފައިވަނީ، ދާއިމީ ޙައްލެއް ހޯދައިދިނުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައި ނުވުމުގެ ސަބަބުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ދަށުން، އައު ފަރާތަކަށް މި މަސައްކަތް އެވޯޑް ކުރެވި ޢަމަލީ މަސައްކަތް މިހާރު މިވަނީ ފެށިފައެވެ.
"ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ސި.ޕީ.އެސް ފުރިހަމަކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގެ އިތުރުން، އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން މި ޕަވަރ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއް ކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭ.ބީ.ސީ)ގެ އުފެއްދުމެކެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެކެވެ." ފަނަކައިން ބުނެއެވެ.
އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު ފުރިހަމަވާއިރު، އައްޑޫ ސީ.ޕީ.އެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެއެވެ. މި މަޝްރޫޢު ފުރިހަމަވުމުން އައްޑޫސިޓީގެ ދުވަސްވީ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެން ދާނެއެވެ.
މީގެ އިތުރުންވެސް، އައްޑޫ ސިޓީގެ ކަރަންޓާއި ފެނާ ނަރުދަމާގެ ޚިދުމަތް ރަނގަޅު ކުރުމަށްޓާލަކައި ވަރަށް ގިނަ މަސައްކަތަކެއް ކުރެވި އަދި މިހާރުވެސް ކުރެވެމުންދާ ކަމުގައި މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވިއެވެ. އަދި ސީ.ޕީ.އެސް މަޝްރޫޢު ނިމި ޚިދުމަތް ފެށޭއިރު، އައްޑޫ ސިޓީގައި ހުއްޓިފައިވާ ފެނަކައިގެ ދެ އޮފީސް އިމާރާތުގެ މަސައްކަތް ނިންމާ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އައު އޮފީހެއްވެސް ލިބިގެންދާނެ ކަމުގައި މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.



advertisment

