މުސްލިމުން ބަލިކަށިވަނީ "އީމާން ކަމުގެ ބަލިކަށި ކަމުން"
ދުޝްމަނުންގެ "އަޅުންގެ ގޮތުގައި" މުސްލިމުން، ވިކެމުން ދިޔުން
"ފަންސަވީސް އިން ސައްތައީ" ދުނިޔޭގެ އާބާދީ ތެރެއިން،
މުސްލިމުން ކަމުގައި ވިޔަސް އަދު "އެއް ގަލަށް ނާރާ ކަމުން"
މުސްލިމުން މަރަމުން، ގެ ދޮރުގައި ހުޅުޖަހައި، އަންދާލިޔަސް،
މުސްލިމުން އެކަމަށް އެހީއެއް ނުވެ، ބަލަން ދުރުގައި ތިބުން
މައި ބަފައިން ނެރެ، މަގުމަތީގައި ޤަތުލު ކުޅަ، "ލޭ ކޯރުގައި"
ހައި ބަނޑާ "ލޫދޭ" ދަރީންނަށް މުސްލިމުންގެ އެހީ ނެތުން
"އެއްގަމާ އަދި، ކަނޑުގެ މުއްސަނދިކަން" އޮތަސް ވެސް މުސްލިމުން،
ދުޝްމަނުން ލައްވާ، އެ ފައިދާވެސް، ނަގައި ހަދަމުން ދިޔުން
މިތިބަ ހުރިހާ މުސްލިމުން ބައިބައިވެ، ސަފުތައް ރޫޅެނީ،
އެތިބަ "ހަރުބީ ކާފަރުންނަށް" މުސްލިމުން ބައިޢަތު ހިފުުން
ދުޝްމަނުން ވަދެ، މުސްލިމުން ނެރެ، މަސްޖިދުލް އަޤްޞާ ހިފާއިރު،
މުސްލިމުން މަންޒަރު ބަލަން ދެނަހުރިކަމަށް ނުހަދާ ތިބުން
މުސްލިމުންގެ ތެރޭ މިއަދު ތިބި "މިލިޔުނަރުނާ ބިލިޔުނަރުނާ"
ދުޝްމަނުންނާ އެކު ޝެއާކޮށް "ދުންޔަވީ ފައިދާ ނެގުން"
މުސްލިމުން ވެރިކަމުގެ ޖާހަށް އުނިކަމެއް ލިބިދާނެތީ،
މުސްލިމުން މެދުވެރިވެގެން އަދު މުސްލިމުން މަރަމުން ދިއުން
ކީރިތި އެމާތް ﷲ މަތިވެރި ޙަޟްރަތަށް އެދި ދަންނަވަން،
ރީތިހާ މާތް ސިފަތަކުން އަދު މުސްލިމުން އެކުވެރި ކުރެއްވުން
