ވަކިވެގެން ތި ދަނީ މިއަދު ދެލޮލުން ކަރުނަ އޮހޮރާފައޭ
ވަކިވުމުގެ ކުރިއަށް އަދާނުވެ "ދަރަނި ތައްވެސް" ހުއްޓައޭ
ކޮންމެ ރެއަކުމެ ފަޖުރުލީމާ އައިސް އެކީ ބައިވެރިވެގެން،
ކޮންމެ ދުވަހަކު މަޣްރިބާ ހަމަޔަށް އެކީގައި އުޅެފައޭ
ކޮންމެ އަހަރަކު އެއްފަހަރު ބައްދަލުވެ ދޭ ހަދިޔާ ތަކަށް
އޮންނަނީ އެކަމަށް ޝުކުރުވެރި ވާނެ ފުރްސަތު ނެތިފައޭ
"ދިހަ ދިހައިން ތިން ދަރަޖައަށް ބޭނުންކުރާ ހަދިޔާ ދިނަސް
ދިހަ ދިހައިން ބޭނުން ނުކޮށް ޣާފިލް ކަމެއްގައި ތިއްބައޭ"
ހާސް އަހަރު ފަދަ އެއް ރެޔެއްގައި ދެއްވި އަގުހުރި ފުރްޞަތެއް
ހާސް ކަމެއްގެ ތެރެއިން އެ ފުރްސަތުވެސް ނުހޯދާ ތިއްބައޭ
އަބަދު އެކުގައި އުޅެދިނުން މިތުރެއްގެ ގޮތުގައި އެދުނަކަސް،
އަހަރަކުން އެއް މަސްދުވަސް ނޫނީ ނެތޭވެސް ބުނެފައޭ
ހާދަހެޔޮ އެކުވެރިއަކަށް ވީތީ އެހީމޭ ކާކުތޯ؟
"މާފަހުން ރަމަޟާން މަހޭ ބުނިއިރު މިތުރު" ވަކިވެއްޖެއޭ
މާބޮޑަށް ދެރަވެއްޖެއޭ ރަމަޟާން މަހަށް، ޣާފިލްވުމުން
މާބޮޑަށް ކަންނެތް ވުމުން މަޤްޞަދު ނުފުދި ނިމިއްޖެއޭ
