Support Us

ފުރަތަމަ ފަހަރަށް ހަނދަށް ފޮނުވާ "ހިއުމަނޮއިޑް" ރޮބޮޓްތައް ހަނދުގައި އުޅޭނެ ގޮތުގެ ހިޔާލީ ކުރެހުމެއް

އިންސާނުންހެން ހަރަކާތްކުރާ ރޮބޮޓްތައް ހަނދަށް ފޮނުވާ ފުރަތަމަ ގައުމަކަށް ޗައިނާ

ޓެކްނޮލޮޖީގެ ގޮތުން އާދަޔާ ހިލާފަށް ކުރިއަރައިފައިވާ ޗައިނާއިން 2035 ގައި ހަނދުގައި ގާއިމުކުރާ ދިރާސާކުރާ މަރުކަޒެއް ހެދުމަށް އިންސާނުންހެން ހަރަކާތްކުރާ ރޮބޮޓްތައް ފޮނުވަން ނިންމައިފިއެވެ.

މިއީ މި ފަދަ "ހިއުމަނޮއިޑް" ރޮބޮޓްތަކެއް ހަނދަށް ފޮނުވާ ފުރަތަމަ ފަހަރު ކަމަށްވާނެއެވެ. މިހާތަނަށް ގައުމުތަކުން ހަނދަށާއި މާސްއަށް ފޮނުވައިފައިވަނީ "ރޯވާ" ނުވަތަ ރޮބޮޓްތަކެއްހެން ހަރަކާތްކުރި ނަމަވެސް ބިމުގައި ދުވާ އުޅަނދުތަކެކެވެ.

ހަނދުގެ ބިމަކީ އިންސާނުންނަށް ނުރައްކާތެރި ތަނަކަށްވާތީ، އެ ބިމުގެ ތަކެތި ބޭނުންކޮށްގެން ރިސާޗް ސްޓޭޝަން ހަދާނީ މި ރޮބޮޓްތަކެވެ.

ރޮބޮޓްތައް އިންސާނުންނާ ތަފާތުވާނެ ހަމައެކަނި ގޮތަކީ އިންސާނުންގެ ދެ ފައި ހުންނަ އިރު މި ރޮބޮޓްތަކުގެ އަރިކަށިން ތިރި ބައްޓަންކޮށްފައި ހުންނާނީ ފުރޮޅުލައިފައިކަމެވެ. ސަބަބަކީ ދެ ފައިން ހިނގުމުން ވެއްޓުމުގެ ފުރުސަތު ބޮޑުވީމައެވެ.

އެކި ކަހަލަ މަސައްކަތްކުރެވޭ މި މަލްޓިޕާޕަސް ރޮބޮޓްތައް، އިމާރާތްކުރުމާއި އާލާތް އުފުލުމުގައި ހަރަކާތްތެރިވާނެއެވެ. އެއީ ހަނދުގައި ހަދާ މަރުކަޒަށް އިންސާނުން ނުވަތަ އެސްޓްރޮނޯޓުން ދިއުމުގެ ކުރިންނެވެ.

ޗައިނާގެ ސައިންސްވެރިން ހާމަކުރި އާ ދިރާސާއެއްގައި ދެއްކި ފަރުމާތަކުން ފެންނަނީ ފުރޮޅުތަކެއްގެ މަތީގައި އިންސާނެއްގެ ހަށިގަނޑު ކަހަލަ ގޮތަކަށް ހަށިގަނޑު ހުންނަ ގޮތަށް މި ރޮބޮޓްތައް ޑިޒައިންކޮށްފައި ހުރި ގޮތެވެ.

އިމާރާތް ކުރުމުގެ އާލާތްތައް އެކި ގޮތްގޮތަށް ބޭނުންކުރުމާއި އިމާރާތުގެ ތަންތަން ނުވަތަ ސްޓްރަކްޗަރުތައް ރާވައި އަދި ސައިންސްގެ ދިރާސާތައް ކުރުމަށް ވެސް މި ރޮބޮޓްތައް ކުޅަނދާނަވާނެ ކަމަށް އެ ސައިންސްވެރިން ބުންޏެވެ.

އެ މީހުން ބުނީ މި ރޮބޮޓްތަކަށް އިންފްރާސްޓްރަކްޗަރު ރޭވުމާއި ތަންތަނަށް ތަކެތި ގެންދިއުމާއި އާލާތްތަކުގެ މެއިންޓެނަންސް މަސައްކަތް ކުރުމާއި އަދި ދިރާސާ ކުރުމަށް ބޭނުންވާ ހަނދުގެ ވެއްޔާއި ގާ ފަދަ ތަކެތި ވެސް ނަގައިގެން ގެންދެވޭނެ ކަމަށެވެ.

ރޮބޮޓްތަކުގެ އުނަގަނޑު ކޮންމެ ދިމާއަކަށް ވެސް 180 ޑިގްރީއަށް އަނބުރައިލެވެއެވެ. އަދި 90 ޑިގްރީއަށް ކުރިމައްޗަށް ގުދުވެވެއެވެ.

ރޮބޮޓްތަކުގެ ދެ އަތް ހަތަރު ޑިގްރީއަށް އަނބުރައިލެވޭ ކަމަށް ވެސް، ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ހުންނަ، ޖައްވީ އުޅަނދުފަހަރުގެ ނިޒާމުތައް އިންޖިނިއަރިން ކުރުމާ ބެހޭ މަސައްކަތްކުރާ ބެއިޖިންގް އިންސްޓިޓިއުޓް އޮފް ސްޕޭސްކްރާފްޓް ސިސްޓަމް އިންޖިނިއަރިންގްއިން ބުންޏެވެ.

"ދެ ފައި މަތީގައި ހިނގުމަށްވުރެ ފުރޮޅުގައި ދުވެލި މާ ހަލުއިވާނެ. އަދި ބިންމައްޗަށް ފުރޮޅައިލުމުގެ ފުރުސަތު ކުޑަވާނެ. މިހެންވެ، ހަށިގަނޑުގެ މަތި ބޭނުންކޮށްގެން ފަސޭހައިން މަސައްކަތްކުރެވޭނެ،" ދުރު ރާސްތާގެ ޖައްވީ ދަތުރުތަކާ ބެހޭ މައުލޫމާތު ދޭ، ޖާނަލް އޮފް ޑީޕް ސްޕޭސް އެކްސްޕްލޮރޭޝަން މަޖައްލާގައި އެ އިންސްޓިޓިއުޓުން ޝާއިއުކުރި ދިރާސާއެއްގައި ބުންޏެވެ.

ޗައިނާގެ ސައިންސްވެރިން ބުނީ ދެ ފައި މަތީގައި ހިނގާބިނގާވެ އުޅެވޭ ރޮބޮޓް ތައްޔާރުކުރުމަކީ އިންޖިނިއަރިންގެ ގޮތުން ބަލާއިރު އުނދަގޫ ކަމެއް ކަމަށާއި އެ ކަހަލަ ރޮބޮޓްތައް ހަރަކާތްތެރި ކުރުވުމަށް ބޭނުންވާ ހަކަތަ ވެސް މާ ބޮޑަށް އިތުރު ކަމަށެވެ.

ޖައްވީ މިޝަންތަކުގައި މިހާރު ވެސް ގައުމުތަކުން އާއްމުކޮށް ބޭނުންކުރަނީ ފުރޮޅު ލީ ރޯވާ ކަމަށް އެ އިންސްޓިޓިއުޓުން ފާހަގަކުރިއެވެ.

ހަނދުގައި ޗައިނާއިން ބޭނުންކުރާ 'ޔޫޓޫ' ނަމަކަށް ކިޔާ ރޯވާ އާއި މާސްގައި ބޭނުންކުރާ 'ޒުރޮންގް' ނަމަކަށް ކިޔާ ރޯވާ ވެސް ތަންތަނަށް ދަތުރުކުރަނީ ފުރޮޅުގައި ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ސަބަބަކީ ހަނދުގައި ދިގު މުއްދަތުގައި ހަރަކާތްތެރި ކުރުވުމަށް ފުރޮޅު ލީ ރޮބޮޓް ފަސޭހަވީމައެވެ.

އަލަށް ތައްޔާރުކުރާ މި ހިއުމަނޮއިޑް ރޮބޮޓްތަކުގައި ހުންނަނީ ސްޓީރިއޯ ކެމެރާތަކެވެ. އެއީ އިންސާނުންގެ ލޮލުން ފެންނަ ފަދައިން ތަންތަނުގެ ދުރުމިނާއި ފުންމިނާއި އަދި އެއްޗެހީގެ ބައްޓަން ދެނެގަނެވޭނެ ގޮތް ހެދުމަށެވެ.

ރޮބޮޓްތަކުގެ ކަރު، މައްޗަށާއި ތިރިއަށް އަދި ކަނާތަށާއި ވާތަށް އެނބުރޭނެތީ އުދަރެސް ފުޅާކޮށް ބަލައިލެވޭނެއެވެ.

ރޮބޮޓްތަކުގެ ދެ އަތް ތަފާތު ހަތް ގޮތަކަށް އަނބުރައިލެވޭނެއެވެ. އެއީ ކޮނޑައި އުޅަނބޮއްޓާއި އަތުކުރި އިންސާނުންނަށް ވެސް އަނބުރައިލެވޭ ގޮތަށެވެ.

ދިރާސާގައި ބުނީ ހަނދުގައި މަރުކަޒެއް ބިނާކުރުމަށް ބޭނުންވާ އެތައް މަސައްކަތްތަކެއް ކުރުމަށް ރޮބޮޓްތަކަށް މިހާ ގިނަ ގޮތްގޮތަށް ހަރަކާތް ކުރެވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ރޮބޮޓްތައް ހަދާނީ އެ ތަކެތީގެ ބެލެންސް ނުގެއްލޭ ގޮތަށެވެ. އެއީ ހަނދުގެ އަޑިގުޑަން ބިމާއި މަޑު ފަސްގަނޑުގައި ރޮބޮޓްތައް ކައްސައިލައިގެންނުދާ ގޮތަށެވެ.

ޗައިނާގެ ސައިންސްވެރިން ބުނީ ކުރިމަގުގައި ވެސް ހަނދުގައި ބިނާކުރާ މަރުކަޒުތައް އިމާރާތްކުރުމަށް މި ރޮބޮޓްތަކަކީ މިސާލެއް ކަމަށް ބެލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *