ޒަމާނީ ޔޮޓް މެރީނާއެއް ހއ. އުލިގަމުގައި ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ އަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދެވެ.
ސަސް އީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއްފަހަރާ ބަނދަރުކުރެވޭ މެރީނާއެއް ތަރައްޤީކުރެވޭނެއެވެ. މި މެރީނާއިން ޔޮޓްފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތައް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްވެސް މި މެރީނާއިން އިން ފޯރުކޮށްދޭނެއެވެ.
އެމް.ޕީ.އެލް އިން ދަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.
"އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ. އުލިގަމަށް ޚާއްސަ އިޤްތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްޤީކޮށް މި ޚިދުމަތް ފުޅާކޮށް، އިޤްތިސާދީ ނަފާ ހޯދުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ." އެމް.ޕީ.އެލުން ބުންޏެވެ.



advertisment

