Support Us

"ވަން ބެޓްލް އާފްޓާ އެނަދާ"އަށް ލިބުނު އެންމެ މޮޅު ފީޗާ ފިލްމްގެ އޮސްކާ އެވޯޑާއެކު ޑިރެކްޓަރު ޕޯލް ޓޯމަސް އެންޑަސަން (ކ). ފިލްމްގެ ބަތަލު ލިއޮނާޑޯ ޑިކެޕްރިއޯ، އެންޑަސަނާއެކު ސްޓޭޖްގައި (ވ)

އޮސްކާގައި ވެސް "ވަން ބެޓްލް އާފްޓާ އެނަދާ"އަށް 6 އެވޯޑު

އެމެރިކާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ އޮސްކާގައި ވެސް "ވަން ބެޓްލް އާފްޓާ އެނަދާ"އަށް ހަ އެވޯޑު ލިބިއްޖެއެވެ.

މި ދިޔަ މަހު 22 ގައި، އިނގިރޭސި ވިލާތުގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ ބަފްޓާގައި ވެސް މި ފިލްމަށް ވަނީ ހަ އެވޯޑު ލިބިފައެވެ.

އިއްޔެ ބޭއްވި އެމެރިކާގެ ފިލްމް އެކަޑެމީގެ 98 ވަނަ އެވޯޑު ހަފުލާ ނުވަތަ އާއްމު ގޮތުން ކިޔާ އޮސްކާ އެވޯޑުގައި "ވަން ބެޓްލް އާފްޓާ އެނަދާ"އަށް ހަ އެވޯޑު ލިބުނު ބައިތަކަކީ:

  • އެންމެ މޮޅު ފީޗާ ފިލްމް – ޕްރޮޑިއުސްކުރީ ޕޯލް ޓޯމަސް އެންޑަސަން، ސާރާ މާފީ އަދި މިހާރު މަރުވެފައިވާ އެޑަމް ސޮމްނާ
  • އެންމެ މޮޅު ޑިރެކްޓަރު – އެންޑަސަން
  • ކުރިން ލިޔެފައިވާ ލިޔުމަކުން ތައްޔާރުކޮށްފައިވާ ފިލްމަށް ބިނާކުރި ވާހަކަ ނުވަތަ އެޑަޕްޓަޑް ސްކްރީންޕްލޭ – އެންޑަސަން
  • އެންމެ މޮޅު ދެވަނަ ބަތަލު ނުވަތަ ސަޕޯޓިން އެކްޓަރު – ޝޯން ޕެން
  • އެންމެ މޮޅަށް އެޑިޓްކުރުން
  • އެންމެ މޮޅަށް ހޮވައިލައިފައިވާ އެކްޓަރުންގެ ގްރޫޕް ނުވަތަ ކާސްޓިން (އޮސްކާގައި އަލަށް ހިމެނި ބައެއް)

ގާތްގަނޑަށް ތިން ދަހަރު ފިލްމް ހެދުމުގައި ހޭދަކޮށްފައި އަދި އޮސްކާގައި 14 ފަހަރު ނޮމިނޭޓްވި، މި ފަހަރު ތިން އެވޯޑު ލިބުނު އެންޑަސަން ވަނީ ޑިރެކްޓަރުގެ މަގާމަށް ކުރިން ހަތަރު ފަހަރު ނޮމިނޭޓްވެފައެވެ.

މި ފަހަރު އޭނާއަށް ލިބުނު ތިން އެވޯޑު ބަލައިގަންނަމުން އޭނާވަނީ ސިޔާސީ މެސެޖެއް ދީފައެވެ.

"އަހަރެން މި ފިލްމް ލިޔުނީ އަހަރެންގެ ދަރިންނަށްޓަކައި. އެއީ، އެ ކުދިންނާ ހަވާލުކުރާ މި ދުނިޔެ، ހަޑިވެފައިވާ ގެއެއްގެ ގޮތުގައި އަހަރެމެން އެ ކުދިންނާ މި ދުނިޔެ ހަވާލުކުރާތީ އެ ކަމަށް މާފަށް އެދުމުގެ ގޮތުން،" ސްޓޭޖް މަތީގައި ހުރެ އެންޑަސަން ބުންޏެވެ.

އޮސްކާގެ ތާރީހުގައި އެންމެ ގިނަ ނޮމިނޭޝަން ކަމަށްވާ 16 ނޮމިނޭޝަން ލިބުނު "ސިނާސް"އަށް ހަތަރު އޮސްކާ ލިބުނެވެ. އެއީ "ވަން ބެޓްލް އާފްޓާ އެނަދާ"އާ ޖެހިގެން މި ފަހަރު ފިލްމަކަށް ލިބުނު އެންމެ ގިނަ އޮސްކާއެވެ. "ސިނާސް"އަށް އެވޯޑު ލިބުނީ އެންމެ މޮޅު ބަތަލު (މައިކަލް ބީ. ޖޯޑަން)، އެންމެ މޮޅު އާ ވާހަކަ ނުވަތަ އޮރިޖިނަލް ސްކްރީންޕްލޭ (ރަޔަން ކޫގްލާ)، އެންމެ މޮޅަށް މަންޒަރު ނެގުން ނުވަތަ ސިނަމަޓޮގްރަފީ އަދި އެންމެ މޮޅު ބެކް މިއުޒިކަށެވެ.

"ފްރެންކަންސްޓެއިން"އަށް ވަނީ ތިން އެވޯޑު ލިބިފައެވެ. އެއީ އެންމެ މޮޅަށް ތަންތަން ތައްޔާރުކުރުން ނުވަތަ ޕްރޮޑަކްޝަން ޑިޒައިން އާއި އެންމެ މޮޅަށް ހެދުން ފަރުމާކުރުމާއި އަދި އެއް ކެޓިގަރީއެއްގެ ގޮތުގައި ހިމެނޭ ބައެއް ކަމަށްވާ އެންމެ މޮޅު މޭކަޕް އާއި ހެއާސްޓައިލްގެ ބައިންނެވެ.

މި ފަހަރުގެ އޮސްކާ އެވޯޑު ދެން ލިބުނީ:

  • އެންމެ މޮޅު ބަތަލާ – ޖެސީ ބަކްލީ ("ހެމްނެޓް")
  • އެންމެ މޮޅު ދެވަނަ ބަތަލާ ނުވަތަ ސަޕޯޓިން އެކްޓްރެސް – އޭމީ މެޑިގަން ("ވެޕަންސް")
  • އެންމެ މޮޅު ކާޓޫނު ފީޗާ ފިލްމް – "ކޭ-ޕޮޕް ޑީމަން ހަންޓާސް"
  • އެންމެ މޮޅު ކުރު ކާޓޫނު ފިލްމް – "ދަ ގާލް ހޫ ކްރައިޑް ޕާލްސް"
  • އިނގިރޭސި ބަސް ނޫން އެހެން ބަހަކުން ހަދައިފައިވާ ފިލްމް – ނޯވޭގެ "ސެންޓިމެންޓަލް ވެލިއު"
  • އެންމެ މޮޅު ކުރު ފިލްމް – މި ފަހަރު މި އެވޯޑު ލިބުނީ ދެ ފިލްމަށް. އެއީ "ދަ ސިންގާސް" އަދި "ޓޫ ޕީޕްލް އެކްސްޗޭންޖިން ސަލައިވާ"އަށް
  • އެންމެ މޮޅު ފީޗާ ޑޮކިއުމެންޓްރީ – "މރ. ނޯބޮޑީ އަގެއިންސްޓް ޕުޓިން"
  • އެންމެ މޮޅު ކުރު ޑޮކިއުމެންޓްރީ – "އޯލް ދި އެމްޓީ ރޫމްސް"
  • އެންމެ މޮޅު ލަވަ – "ކޭ-ޕޮޕް ޑީމަން ހަންޓާސް"ގެ "ގޯލްޑަން"
  • އެންމެ މޮޅު އަޑު – "އެފް-1″
  • އެންމެ މޮޅު ސްޕެޝަލް އެފެކްޓްސް – "އެވަޓާ: ފަޔާ އެންޑް އޭޝް"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *