Support Us

ލައިލަތުލްޤަދްރިގެ މާތްކަން

ރަޙްމަތުން ފުރިގެންމިވާ ރަމަޟާންމަހުގެ މަތިވެރިރެޔެއް
އަޅުކަމެއް ކުޅަނަމަ އެރޭ ހާހުން ދަރުމަ ދެއްވާ ރެޔެއް

ލައިލަތުލްޤަދުރުގެ ނަމުން ޤުރުއާނުގައި އެންގެވިރެޔެއް
ސޫރަތުލްޤަދުރުން އެކަން ސާބިތުވެ އެނގިގެންވާރެޔެއް

ރޯދަމަހު ފަހުދިހަތެރޭން އޮނަހިރި ރެޔެއްކަމުގައިވަނީ
ހޯދުމަށް އެހެނަސް އެރޭ، ކަނޑައެޅި އެނގެންވެސް ނެތްރެޔެއް

އެންމެމާތް ޤުރްއާން ބާވާލެއްވިރޭކަން އަންގަވާ،
އެންމެ ބަރާތްތެރި ރެޔެއްކަމުގައި އެރޭ ، ލެއްވެވިރެޔެއް

އަންނަ އޮނަހިރި ރޭތަކުންވެސް ކޮންރެޔެއްކަން އެރެޔަކީ
"ޖައްލަރައްބީ އަޅަމެނަށްމީ ކަޝްފުކޮށް ދެއްވެވި" ރެޔެއް

ސިއްރު ދެނެވޮޑިގެންވަނީ ﷲ ޖައްލަ ޖަލާލުހޫ
ހިތްތަކުން ޤުރްބާންވުމަށް ތަޤްވާގެ މަގުގައި މޮޅު ރެޔެއް

ފަޖުރުލައްޖައުމާއި ހަމަޔަށް މާތްވި ޖިބްރީލުލްއަމީން،
އަރިހުގައި އެތަކެއް މަލާއިކަތުން މިބިމުގައިވާ ރެޔެއް

މުއުމިނުންގެ ދުޢާތަކާ ތަސްބީޙަ ތަހުލީލުގެ ތެރޭން
"މުއުމިނުންނާއެކު މަލާއިކަތުން އެކީގައިވާ" ރެޔެއް

ރަޙްމަތާ ބަރަކާތް އަދައިގެން އަޅުކަމެއް ކުޅަނަމަ އެރޭ
އަޅުތަކުން ކުޅަ އަޅުކަމަށް ހާހުން ދަރުމަ ދެއްވާ ރެޔެއް

ފާފަފުއްސެވުމަށް އެރޭ ކުރެވޭ ދުޢާ ރޫޙީ ގޮތުން
ޚާއްސަކޮށް އެއްހާސް މަހާ އެއްވަރު ސަވާބު ލިބޭ ރެޔެއް

މުއުމިނުންގެ ދުޢާތަކާ ތަސްބީޙަ ތަހުލީލުގެ ތެރެއިން
މުއުމިނުން ކުޅަ ކުށްތަކަށް ތައުބާވުމަށް މަތިވެރި ރެޔެއް

ފުރުޞަތެއް މީ އަހަރަކުން އެއްފަހަރު ރަމަޟާންމަހު ލިބޭ
ޤުދްރަތުގެ ރަޙްމަތް އަދައިގެން ދޫނުކޮށްލަންވީ ރެޔެއް

ދޫނުކޮށް އަޅުކަން ކުރާށޭ ރޯދަމަހު ފަހު ދިހަތެރޭގައި
ދޫނުކުޅަނަމައީ! ދިމާވާނޭ އެއިން ހަމަ، އެއް ރެޔެއް

 

 

 

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *