Support Us

ގަބުރު ވަޅުލުމުގެ ބަދަލުގައި ފެނުގައި ވިރުވައިލުން ކުރިމަގުގެ ޖަނާޒާތަކަށް ވެދާނެބާ؟

އެކުއާމޭޝަންއަކީ އިންސާނުން މަރުވުމުން ކުރިމަގުގައި ގަބުރު ނައްތައިލައިނެ ގޮތް ކަމަށް ފަހަރެއްގައި ވެދާނެއެވެ. ސަބަބަކީ ސަހަރާތައް ތޮއްޖެހުމާއި ބިނާވެށީގައި ހުންނަ ގަބުރު އަންދާ ތަންތަނުން އަރާ ދުމުން ވައި ތަޣައްޔަރުވުމުގެ މައްސަލަ ވެސް ހައްލުކޮށްދޭ ތިމާވެށްޓާ ރައްޓެހި ނިޒާމަކަށްވާތީއެވެ.

ގަބުރު ވަޅުލުމާއި އަންދައިލުން ނުވަތަ "ކްރިމޭޝަން"ގެ ބަދަލުގައި އަލިފާން ބޭނުންނުކޮށް ގަދަ ހޫނާއި ގަދަ ޕްރެޝަރުގައި އަލްކަލައިނެއް ކަމަށްވާ ޕޮޓޭސިއަމް ހައިޑްރޮކްސައިޑް މާއްދާ ބޭނުންކޮށްގެން ސްޓެއިންލެސް ސްޓީލް ކޮންޓޭނަރެއްގައި ހަށިގަނޑު ވިރުވައިލުމުން ބާކީ ހުންނަނީ ހަށިގަނޑުގެ އެންމެ އަސާސީ ކެމިކަލްތައް ވަކިވަކިވެފައެވެ.

ފެން ކެކެނީ 100 ޑިގްރީ ސެލްސިއަސް (212 ޑިގްރީ ފަރަންހައިޓް)ގައި ކަމަށްވާތީ ހޫނުކަން ބަހައްޓަނީ ފެން ނުކެކޭނެ މިންވަރަށް 93 ޑިގްރީ ސެލްސިއަސް (200 ޑިގްރީ ފަރަންހައިޓް)ގައެވެ. މި ގޮތަށް ޓެމްޕަރޭޗަރު ބަހައްޓައިގެން ހަށިގަނޑު ވިރުވައިލައި މި ނިޒާމަށް "ވޯޓާ ކްރިމޭޝަން" ނުވަތަ "ފެނުގައި އަންދައިލުން" ވެސް ކިޔައެވެ. މީގެ އިތުރުން ރެސޮމޭޝަން އަދި ސައިންޓިފިކް ގޮތަށް އަލްކަލައިން ހައިޑްރޮލަސަސް ވެސް ކިޔައެވެ.

ގުދުރަތީ ގޮތުން ހަށިގަނޑު ކުނިވާ ނިޒާމު މި ސިސްޓަމުން އަވަސްކޮށްދެއެވެ. އެއީ ހަ ގަޑިއިރާއި 12 ގަޑިއިރާ ދޭތެރޭ ހަށިގަނޑު ވިރުވައިލުމަށް އަވަސްކޮށްދޭ މަޑުމައިތިރި ނިޒާމަކަށްވާތީއެވެ. ހަށިގަނޑުގެ މަޑު ޓިޝޫތައް ވިރުވައިލައި ނިމުމުން ބާކީ އޮންނަނީ ހަމައެކަނި ކަށިތަކެވެ. އަދި ބާކީވެފައި ހުންނަ ފެނަކީ ސްޓެރައިލް ނުވަތަ ގެއްލުމެއް ނެތް ފެނެވެ. މީގެ އިތުރުން ބައެއް މީހުންގެ ހަށިގަނޑަށް ލައްވައިފައިވާ ޕޭސްމޭކާ އާއި ހިޕް ޖޮއިންޓް ފަދަ ސިއްހީ އާލާތްތައް ވެސް ނަގައި އަލުން ރިސައިކަލް ނުވަތަ އިއާދަކުރެވެއެވެ.

އަލިފާނުގެ ނިޒާމުން ހަށިގަނޑު އެންދުމުން ހޭދަވާ ހަކަތައަށްވުރެ އެކުއާމޭޝަންގައި ހަށިގަނޑު ވިރުވައިލަން ދާ ހަކަތަ 90 ޕަސެންޓް މަދެވެ. އަދި ޖައްވު ހޫނުކުރާ ވިހަ ގްރީންހައުސް ގޭހާއި ދިރޭރަހަ ނުއުފައްދައެވެ. މިހެންވެ ކާބަން މާއްދާ ތިމާވެށްޓަށް ދޭ ގެއްލުން ކުޑަ ނިޒާމަކަށްވާތީ އެކުއާމޭޝަން ހިޔާރުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ގާތްގަނޑަކަށް 95 ޕަސެންޓް ފެން ހިމެނޭ އަދި ފަސް ޕަސެންޓް ޕޮޓޭސިއަމް ހައިޑްރޮކްސައިޑް ހިމެނޭ ފެންގަނޑެއްގައި ހަށިގަނޑު ވިރުވައިލައި ނިމުމުން ކަށިތައް ހިއްކައި، މުގުރައިލައިފައި ކުނޑިތަކަކަށް ހަދައިލައެވެ. އަލިފާނުން ހަށިގަނޑު އަންދާ ނިޒާމުގައި ވެސް ކަށިތަކަށް ހަދާ ގޮތަށެވެ. ދެން އެ ކުނޑިތައް މަރުވި މީހާގެ އާއިލާއާ ހަވާލުކުރެއެވެ. އަލިފާނުން އަންދައިލުމުން ހަށިގަނޑުން ބާކީވާ އަޅިތަކަށްވުރެ އެކުއާމޭޝަންގައި ބާކީ ހުންނަ އަޅިތައް 30 ޕަސެންޓް ގިނައެވެ. އެއީ ކަށިތައް ނުއަނދާތީ އާއި ދުން ދޫކުރާ ހޮޅިތަކެއް މި ނިޒާމުގައި ނެތުމުންނެވެ.

ހަށިގަނޑު ވިރުވައިލައި ނިމުމުން ބާކީ ހުންނަ ފެން ބޭނުންކުރަނީ ފަޓިލައިޒަރު ނުވަތަ ގަސް ކާނާގެ ގޮތުގައެވެ. ނުވަތަ ތިމާވެށްޓަށް ގެއްލުން ނުދޭތީ ދުނިޔޭގެ ފެނުގެ ނިޒާމަށް ވެސް ދޫކޮށްލައެވެ. އެއީ ނަރުދަމާގެ ނިޒާމަށް އެ ފެން ދޫކޮށްލައިގެންނެވެ.

މިއީ އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 30 ސްޓޭޓްގައި ހުއްދަކޮށްފައިވާ ނިޒާމެކެވެ. ކެނެޑާގެ ބައެއް ސަރަހައްދުތަކާއި މެކްސިކޯ، ދެކުނު އެފްރިކާ، އަޔާލޭންޑް، އޮސްޓްރޭލިއާ އަދި ނިޒު ޒިލޭންޑްގައި ވެސް ހުއްދައެވެ.

މިހާރު އެކުއާމޭޝަން ދަނީ އިނގިރޭސި ވިލާތުގައި މަޑުމަޑުން ތައާރަފުކުރަމުންނެވެ. އެ ގޮތުން އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއް ކަމަށްވާ ސްކޮޓްލޭންޑްގެ ސަރުކާރުން ވަނީ އެކުއާމޭޝަން ކުރިއަށްގެންދިއުމަށް މި ދިޔަ ހޯމަ ދުވަހު ހުއްދަ ދީފައެވެ. ސްކޮޓްލޭންޑްގައި ގަބުރު ނައްތައިލުން ހުއްދަކުރެވިފައިވާ އަނެއް ދެ ނިޒާމަކީ ވަޅުލުމާއި އަލިފާނުން އެންދުމެވެ.

އެކުއާމޭޝަން އީޖާދުކުރީ 1888 ގައި އިނގިރޭސި ރައްޔިތެއް ކަމަށްވާ އޭމަސް ހާބަޓް ހޮބްސަންއެވެ. އަދި އޭނާ މި ނިޒާމު ކޮޕީރައިޓްކޮށް، ޕޭޓަންޓް ވެސްކުރިއެވެ.

އޭމަސް އެކުއާމޭޝަން ފުރަތަމަ ފަރުމާކުރީ ފަޓިލައިޒަރު އުފެއްދުމަށް ހައިވާނުންގެ ހަށިގަނޑު ވިރުވައިލުމަށެވެ.

މި ނިޒާމާ ބެހޭ ގޮތުން އޭނާ ބުނެފައިވާ ވާހަކައެއް ތާރީހީ ރެކޯޑުތަކުން އެނގޭކަށް ނެތެވެ. ނަމަވެސް ތިމާވެށްޓާ ރައްޓެހި ކަންތައްތައް ޕްރޮމޯޓްކުރާ ފަރާތްތަކުން ބުނަނީ މި ނިޒާމަކީ "ދިރިހުރުމާއި މަރުވުމާ ދެމެދުގައިވާ ފަރުދާ ތުނިކޮށްލުމެއް" ކަމަށާއި "އިންސާނާގެ ހަށިގަނޑު ގުދުރަތަށް އަނބުރައި ފޮނުވައިލުމަށް މަޑުމައިތިރިކަމާއެކު ބޭނުންކުރެވޭ ނިޒާމެ"އް ކަމަށެވެ.

"އަހަރެމެން މި ކުރާ ކަމަކީ އިންސާނާގެ ހަށިގަނޑުގެ އަސްލު އޭގެ ގޮތުގައި ދުނިޔޭގެ ފަސްގަނޑަށް އަނބުރައި ފޮނުވައިލުން. އެއީ ގުދުރަތީ ގޮތުން ވެސް އެ ކަން ވާ ގޮތް. ހަމައެކަނި ތަފާތަކީ ގަބުރު ކުނިވާ ނިޒާމު އަވަސްކުރުން،" ޓެކްނޮލޮޖީ ބޭނުންކުރުމުގައި ސުލޫކީ މިންގަނޑުތައް ގެންގުޅެން ތަރުހީބު ދޭ މީހެއްކަމަށްވާ ފިލިޕް އޮލްސަން ބުނެފައިވެއެވެ. އޭނާއަކީ އެމެރިކާގެ ވާޖިނިއާ ސްޓޭޓްގެ ވާޖިނިއާ ޕޮލިޓެކްނިކް އިންސްޓިޓިއުޓް އެންޑް ސްޓޭޓް ޔުނިވާސިޓީގެ، މުޖުތަމައުގައި ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރެވޭ ގޮތާ ބެހޭ އެސޮސިއޭޓް ޕްރޮފެސަރެކެވެ.

އެމެރިކާގެ މިނަސޯޓާ ސްޓޭޓްގެ މާޔޯ ކްލިނިކްގެ ކުރީގެ ޑިރެކްޓަރު ޑީން ފިޝާއަކީ ވެސް އެކުއާމޭޝަންއަށް ތާއީދުކުރާ މީހެކެވެ.

އެކުއާމޭޝަންގެ ކެމިކަލް ނިޒާމު އީޖާދުކުރީ ހޮބްސަން ކަމަށް ވިޔަސް މި ޒަމާނަށް ތަރައްގީކޮށް ވިޔަފާރީގެ ގޮތުގައި ތައާރަފުކުރީ 1990 ގެ އަހަރުތަކުގައި ގޯޑަން ކޭ އަދި ޕީޓާ ސަންޑީއެވެ.

އިނގިރޭސި ވިލާތުގެ ރެސޮމޭޝަން ލިމިޓެޑް އާއި އެމެރިކާގެ ބަޔޯ-ރެސްޕޮންސް ސޮލިއުޝަންސްއަކީ އެކުއާމޭޝަންގެ ހިދުމަތް ދިނުމުގައި ކުރީގައި އުޅޭ ދެ ކުންފުންޏެވެ.

އެކުއާމޭޝަންއަށް ދުނިޔޭގެ ސަމާލުކަން ލިބުނީ ދެކުނު އެފްރިކާގައި ކަޅު ނަސްލު މީހުންނަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނުވަތަ އެޕާތެއިޑް ނިޒާމާ ދެކޮޅަށް ވަކާލާތުކޮށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ނަސޯރާ ފާދިރީ ޑެސްމަންޑް ޓޫޓޫ މި ނިޒާމު އިހްތިޔާރު ކުރުމުންނެވެ. އޭނާ މަރުވީ އުމުރުން 90 އަހަރުގައި 2021 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *