Support Us

ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަން "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް" އަށް ބަދަލުކުރައްވައިފި

ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަން، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑް" އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބަދަލުކުރައްވައިފިއެވެ.

ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑަކީ ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހަދައި، އިގްތިސާދު ކުރިއެރުވުމަށް މިދިޔަ އަހަރު އުފެއްދި، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ފައިނޭންސާއި، ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމް އަދި ބޭންކިންގ ފަދަ މާލީ ޚިދުމަތްތައް ރާއްޖޭގައި ތަރައްގީކޮށް ތަންފީޒުކުރުމެވެ.

މި ކުންފުނީގެ ނަން، ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑަށް ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމެވީ، ކުންފުނީގެ ނަމާއި ކުންފުނީގެ މަގުސަދުތަކަށް ބަދަލު ގެނައުމަށް ކުންފުނީގެ ބޯޑުން ނިންމެވުމާ ގުޅިގެންނެވެ. އެ ގޮތުން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތަކާއި، ޑިޖިޓަލް ބޭންކިންގގެ ޚިދުމަތްތަކާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމް ހިމެނޭގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުން ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަހައްދުގެ އިސްތިރާޖީ މަންފާ އެންމެ އެދެވޭ ގޮތެއްގައި ހާސިލުކުރުމާއި، "ތިލަދުންމަތީ އުތުރުބުރީ އިހަވަންދިއްޕޮޅު" ތަރައްޤީކުރުމާއި އެ މަޝްރޫޢު ވިލަރެސްކުރުމާއި ތަންފީޒުކުރުމުގެ އެންމެހައި މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއްނެތި ކުރުމުގެ މަގުސަދު ހާސިލުކޮށް، އެ ލަނޑުދަނޑިތަކަށް ސީދާ ވާސިލުވުމަށް ޚާއްޞަވެފައިވާ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ހަރަކާތްތެރިވެ، އެ ތަޞައްވުރާ އެއްގޮތަށް އޮތުމަކީ އިސްތިރާޒީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވަނީ ބަޔާންކުރައްވާފައެވެ.