ހިތުގެ ބަލިތައް ދެނެގަންނަ އެންމެ ޒަމާނީ މެޝިނެއް އެސްޓީއޯ ހެލްތުކެއާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ދީފިއެވެ.
އެސްޓީއޯ އިން ބުނީ އެންމެ ފަހުގެ ސިސްޓަމެއް ކަމަށްވާ، ޖީ.އީ ހެލްތްކެއަރ ބްރޭންޑުގެ ވިވިޑް E95 ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމެއް ހުޅުމާލޭ ހޮސްޕިޓަލަށް ދިނުން މިއީ، ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޒަމާނީ ޑައިގްނޯސްޓިކް އިކުއިޕްމަންޓް ފޯރުކޮށްދީ، ޚާއްސަ ބަލިތަކަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް އެސްޓީއޯ ހެލްތުކެއާގެ ފަރާތުން ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ސިސްޓަމަކީ މެޑިކަލް އިމޭޖިން އަދި ހެލްތުކެއާ ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރައިފައިވާ ކުންފުންޏެއް ކަމަށްވާ ޖީ.އީ ހެލްތުކެއާ އާއި އެސްޓީއޯ ހެލްތުކެއާގެ ޕާޓްނަޝިޕްގެ ދަށުން ފޯރުކޮށްދިން ސިސްޓަމެކެވެ.
މި ސިސްޓަމް ތަޢާރަފުކުރެވިގެން ދިޔައީ، ހުސްވި މަހުގެ 22 ގައި ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށް ދިޔަ އެޕްލިކޭޝަން ޓްރެއިނިން ސެޝަނަކާ އެއްކޮށެވެ. މި ސެޝަނުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސިއްޙީ މާހިރުންގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަންދޫބުން ވެސް ބައިވެރިވިއެވެ.
"ޖީ.އީ ވިވިޑް E95އަކީ ހިތުގެ ބައިތަކާއި، މަސައްކަތްކުރާ ގޮތް، އަދި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލާލެވޭނެހެން ފަރުމާކޮށްފައިވާ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިން ސިސްޓަމެކެވެ. މި ސިސްޓަމުގައި ބޮޑެތި މީހުންނާއި، ކުޑަކުދިން އަދި އަލަށް އުފަންވާ ކުދިންނަށް ބޭނުންކުރެވޭނެ ޕްރޯބްތައް ހިމެނެއެވެ. މީގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ހިތުގެ އައިބުތައް ދެނެގަތުމަށާއި، ހުރިހާ އުމުރުފުރައެއްގެ ބަލިމީހުންގެ ހިތުގެ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެންދިއުމާއި، ފަރުވާގެ ކަންކަމުގައި އަވަސް ނިންމުންތައް ނިންމުމަށް އެހީތެރިވެދެއެވެ. މީގެއިތުރުން ރާއްޖޭގައި މިފަދަ ޙާއްސަ ޚިދުމަތްތައް ލިބެން ހުރުމަކީ މުޢައްސަސާތަކުގެ ގާބިލުކަން އިތުރުވެ، ބޭރުގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމެއްކަމުގައި ގަބޫލުކުރެވެއެވެ." އެސްޓީއޯ އިން ބުނެއެވެ.

"އެސްޓީއޯ ހެލްތުކެއާގެ ފަރާތުން މެޝިން ފޯރުކޮށްދިނުމުގެ އިތުރުން، އިންސްޓޯލްކުރުމާއި، އެޕްލިކޭޝަން ޓްރެއިނިން ދިނުމާއި މެދުނުކެނޑި ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ އިތުރުން ވޮރެންޓީ އަދި އާފްޓަރ-ސޭލްސް ސާވިސް ސަޕޯޓް ތަމްރީނު ލިބިފައިވާ އެސްޓީއޯގެ ބަޔޯމެޑިކަލް އިންޖިނިއަރުން، ކްލިނިކަލް އެޕްލިކޭޝަން ސްޕެޝަލިސްޓުން ފޯރުކޮށްދެނީ ކަމުގެ ފަންނީ މާހިރުންނާ ގުޅިގެންނެވެ. މީގެ މަޤުސަދަކީ ސިއްޙީ ޚިދުމަތްތެރިންނަށް މި ސިސްޓަމް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އެނގޭނެކަން ކަށަވަރުކުރުމެވެ. އަދި މި ތަކެތި ގިނަ ދުވަހު ބޭނުންކުރެވޭނެކަމާއި އޮޕަރޭޝަނަލް ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ޖީ.އީ ވިވިޑް E95 ސިސްޓަމް ޤާއިމުކޮށް ޚިދުމަތްދޭން ފެށުމަކީ، ރާއްޖޭގެ ޑައިގްނޯސްޓިކް ހިދުމަތްތައް ތަރައްގީކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެސްޓީއޯ ހެލްތުކެއާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ގުޅިގެންކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އަދި ކާޑިއެކް، ޕީޑިއަޓްރިކް އަދި ނިއޯނޭޓަލް ޑައިގްނޯސްޓިކް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ."



advertisment

