Support Us

ވާހަކަ: ޔުކްތާ – 6

އާއްމުކޮށް ހުކުރު ދުވަހުގެ ކެއްކުން ތައްޔާރުކުރަނީ އަޒީޒާއެވެ. ނަމަވެސް މިއަދު އޭނާ ބޭރަށް ދާންޖެހުމުން ކެއްކުން ތައްޔާރުކުރީ ޔުކްތާއެވެ. ބަދިގެއާއި ކާގެ ހުންނަނީ އެއްތަނެއް ކަމުގައިވުމުން އާރިޒާއި އަޒީޒާ ކެއުމުގައި އުޅުނުއިރު ޔުކްތާ ބަދިގެ ތެރޭގައި ހަރަކާތް ތެރިވަމުންދެއެވެ.

"ގެއަށް ކުދިން ނުގެންނާށޭ މަންމަ ގާތު ބުންޏަސް ގަބޫލެއްނުކުރޭ. އަހަރެމެން ތިން މީހުންނަށް މީހަކު ނުގެސް ނޫޅެވެނީތަ؟" އާރިޒު ހުރީ އަދިވެސް ރުޅި އައިސްފައެވެ.

"ކުރީގެ ކުދިން އެހެން އުޅުނު ނަމަވެސް ޔުކްތާއަކީ އެކަހަލަ ކުއްޖެއް ނޫނޭ ދަރިފުޅާ."

"އެހެންވެގެން ނޫނޭ. މަންމަ މިހާރު ގޭގައި މަޑު ނުކުރެވޭތީ އޭ މައްސަލައަކީ. މަންމަ ކައްކާ ރިހަ ހާދަމީރޭ. ކައްކަން ނޭނގޭ މީހުން ލައްވާ ކައްކުވާ ކެއުމުގެ ޝައުގުވެރިކަންވެސް މަންމަ ގެއްލުވާލައިފި." ހަގީގަތުގައި އޭނާގެ މަންމަ އުފާކޮށްދިނުމަށް ބުނެވުނު މިބަސްވީ ޔުކްތާއަށް ނުހަނު އަސަރުކުރުވި ކަމަކަށެވެ. އޭނާއަށް ގަބޫލު ކުރެވޭގޮތުގައި އޭނާކުރާ އެއްވެސް ކަމެއް އާރިޒަކަށް ކަމަކުނުދެއެވެ. އާރިޒު އޭނާއަށް ނަފުރަތު ކުރެއެވެ. އޭނާގެ ސަބަބުން އާރިޒުމެންގެ ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެއެވެ. ނަމަވެސް އަޒީއްތަގެ ރުހުން އޭނާގެ ހިތް ހަމައަކަށް އަޅުވައެވެ. ޔުކްތާ އެކަނިވެރިވާވަގުތު އަޒީޒާ ވާހަކަ ދައްކާ އެކަނި ފިލުވައިދެއެވެ. އާރިޒުގެ ސަބަބުން ކަމެއް ދިމާވެއްޖެނަމަ މާފަށް އެދި ދެރަނުވުމަށް ނަސޭހަތްތެރި ވެއެވެ. ދީނީ އަދި މުޖުތަމައުގެ ވާހަކަތަކުން އިބުރަތް ހާސިލްކޮށްދެއެވެ. މިކަމުން އޭނާއަށް ނަފުސުގެ އިތުބާރު މަޑުމަޑުން އިތުރުވަމުން ދެއެވެ.

ގޭގެ ހުރިހާތަނެއް ސާފުކުރަނީ ޔުކްތާ ނަމަވެސް އާރިޒުގެ ކޮޓަރި ސާފުކުރަނީ އަބަދުވެސް އަޒީޒާއެވެ. ނަމަވެސް މިހާރަކަށް އައިސް އަޒީޒާ އުޅެނީ ގިނަ ދުވަސްދުވަހު ބަލިވެއެވެ. އެހެންކަމުން ޔުކްތާ އާރިޒުގެ ކޮޓަރި ސާފުކުރަން ދިޔައެވެ. ކޮޓަރީގެ އެނދާއި ފާރާއި ދިމާ އޭނާ ފިހިގަނޑުން ސާފުކުރިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ވީދާލާފައިވާ ފޮޓޯގަނޑެކެވެ. އޭނާ އެފޮޓޯގަނޑު ރަނގަޅަށް ތަރުތީބު ކުރިއެވެ. އެއީ އާރިޒާއެކު ބަނޑުބޮޑު އަންހެނަކު ނަގާފައިވާ ފޮޓޯ ގަނޑެކެވެ. އެއީ ޝިޔާގެ މަންމަކަމަށްވާތީ އޭނާ އެފޮޓޯ ގަނޑު ޓޭޕުއަޅާ އިރާލެވިފައިވާ ބައި ގުޅުވިއެވެ. އަދި އެ ރައްކާތެރިކަމާއެކު ފޮރުވިއެވެ.

*****

އަޒީޒާގެ ބަލި ބޮޑުވަމުންދެއެވެ. ޑޮކަޓަރަށް ދެއްކުމުން ބުނަނީ މާބޮޑަށް ވިސްނަނީ ކަމަށެވެ. އެކަމާއި އާރިޒު ސުވާލުކުރިއެވެ.

"ދަރިފުޅަށްވެސް މިހާރު މިއޮތީ ތިރީސް އަހަރަށް. މަންމަ ދުނިޔޭގައި ހުއްޓާ ރަނގަޅު ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުންވާކަން ކިތައް ދުވަހު ބުނެވިއްޖެ."

"މަންމައަށްވެސް އެނގެއެއްނު ކަންތައް ދިމާވިގޮތާއި އަޅުގަނޑުގެ ވިސްނުން ހުރިގޮތް."

"އެކަމަކު ޝިޔާ އަކީވެސް ދަރިފުޅުވެފައިވާ ބޮޑު ވައުދެއް. އެދަރިއަށްޓަކައިވެސް ދިރިއުޅުމެއްފަށާ."

"މަންމަދެން މާބޮޑަށް ނުވިސްނާ. އަޅުގަނޑު ތިކަމާ ވިސްނާނަން." އާރިޒު އެހެންބުނީ އަޒީޒާ ހިތްހަމަޖައްސަންކަން އޭނާއަށް އެނގެއެވެ.

ކުރީގެ ކައިވެނި ރޫޅުމާއި އަނބިމީހާގެ އުޅުން ހުރިގޮތުން އޭނާވަނީ އިތުރަށް ކައިވެންޏެއް ނުކުރަން ނިންމާފައެވެ. އޭނާ އަންހެނުންނަށް ކުރާ އިތުބާރުވަނީ ގެއްލިފައެވެ. އޭނާގެ އޯގާތެރިކަމުގެ ބަދަލު އެހާ ހިތި ގޮތަކަށް ލިބުމުން ދެން އެހެން ކައިވެންޏެއް ކުރަން އެއްބަސް ނުވެވެނީއެވެ.

ނަމަވެސް މަންމަގެ އުފަލަށްޓަކައި އޭނާއާއެކު ކިޔެވި ކުއްޖެއް ގެއަށްގެނައެވެ. އެއީ އޭރުން ފެށިގެންވެސް އާރިޒާއި ނުހަނު ގާތްކޮށް އުޅުނު އަނޫޝާއެވެ. އަނޫ އަބަދުވެސް އާރިޒުދެކެ ލޯބިވެއެވެ. އާރިޒުގެ ކައިވެނީގެ ހުރިހާކަމެއްގައި ހަރަކާތްތެރިވެ އާރިޒާއި ނިޔުމާގެ ކައިވެނީގެ ހުރިހާ ކަމެއްގައި އެންމެ ފަހުވަގުތާއި ހަމައަށްވެސް އުޅުނީ އޭނާގެ ލޯބި ސިއްރު ކުރަމުންނެވެ. އާރިޒަށް އަދިއަދަށްވެސް އަނޫގެ ލޯބީގެ ޚަބަރެއް ނޭނގެއެވެ. އޭނާ ގިނަ ވާހަކަތައް އަނޫގާތު ދައްކައެވެ. ދިރިއުޅުމުގެ ވާހަކަތަކާއި އޮފީހުގެ ވާހަކަތަކެވެ. އަނޫވެސް ހުރިހާ ވާހަކައެއް ހިއްސާ ކުރަނީ އާރިޒާ އެވެ. ނަމަވެސް މިހާތަނަށްވެސް ނުބުނެ އޮތް ވާހަކައަކީ އޭނާ އާރިޒުދެކެ ލޯބިވާ ވާހަކައެވެ.

އަނޫ ގިނަގިނައިން ގެއަށް އައުމުން މަންމަ މަޑުމަޑުން ހަމައަކަށް އެޅެއެވެ. މަންމަ ގިނަ ވަގުތު އެމީހުން ގާތު އުޅެއެވެ. ބައެއް ދުވަހު ގިނަ ވަގުތު މަންމަ އަނޫޝާމެން ގާތު މަޑުކުރެއެވެ. އަދި ޝިޔާއާއެކު ވަގުތު ހޭދަކުރެއެވެ. އަޒީޒާއަށް ނޭނގި ނަމަވެސް ޔުކްތާ މަޑުމަޑުން އެކަހެރި ކުރެވެމުން ދެއެވެ. ނަމަވެސް ޔުކްތާއަށް ޝިޔާގެ ލޯބި ދުވަހެއް ދުވަހަކަށް އިތުރު ވަމުންދެއެވެ.

މިރޭވެސް ޝިޔާ ބޮޑާހާކަނީ ޔުކްތާއާއެކު ނިދުމަށެވެ. އާރިޒު ކިތަންމެ ހިތް ހަމަނުޖެހުނަސް އެންމެފަހުން ގޮތްދޫކުރީ ޝިޔާގެ އުފަލަށްޓަކައެވެ. މަޑު ފިޔާތޮށި ކުލައިން ޒީނަތްތެރި ކުރެވިފައިވާ ކޮޓަރީގެ ހުރިހާ ސާމާނެއްވަނީ ހަމައެކުލައިން ފުރިހަމަ ކުރެވިފައެވެ. ކުޅޭ ސާމާނާއި ކޮމްޕިއުޓަރުވަނީ އެ އުމުރުފުރައިގެ ކުދިންނަށް ޚާއްޞަ ކުރެވިފައިވާ ތަކެތިންނެވެ. ޝިޔާ އަބަދުވެސް ނިދަން ބޭނުންވަނީ ވާހަކައެއް ކިޔައިދިނުމުންނެވެ. ޔުކްތާ ވާހަކަ ކިޔައިދިނެވެ.

"ކޮއްކޮ މަންމަ ކޮބާ؟" މިކަމާ ބެހޭގޮތުން އެތައް ސުވާލުތަކެއް އުފެދިފައިވާ ޔުކްތާއެހިއެވެ.

"ނޭނގެ. ބައްޕަބުނުއްވީ އެވާހަކަ ނުދައްކާށޯ. ކޮއްކޮ މަންމައެއް ދެން ނާންނާނެޔޯ." ބާލީހުގައި ބައްދާލަމުން ޝިޔާ ބުންޏެވެ.

"އެހެންތަ؟ ހާދަ ދެރައޭދޯ."

"ނޫން. އަޅުގަނޑު މަންމަ ނެތަސް ބައްޕައާއި މާމައެހެރީނު އަދި ޔުކް ދައްތަވެސް."

"ދައްތަދެކެ ވަރަށް ލޯބިވޭތަ؟"

"ލައްބަ. ދައްތަ މިގޭން ނުދައްޗޭ." އެއީ ކޮންމެ ރެއަކުވެސް ޝިޔާ ބުނާވާހަކައެކެވެ.

ޝިޔާގެ ޢަމަލުތަކާއި ވާހަކަތަކުން ޔުކްތާ އުފާވެއެވެ. ނަމަވެސް އާރިޒު ޔުކްތާ މާބޮޑަށް ޝިޔާ ކަންތަކުގައި އުޅޭތީ ފޫހިވާކަން އޭނާއަށް އެނގެއެވެ. އާރިޒަށް އެހާބޮޑުބަދަލެއް އައީ ކީއްވެގެންކަމެއް އޭނާއަކަށް ނޭނގެއެވެ. ކުޑައިރު ދެމީހުން ޖެހިސަކަރާތާއި ދިމާކުރި ކުރުން މިހާރުވެސް އޭނާ ހަނދާންވެއެވެ. ނަމަވެސް އާރިޒަށް ބަދަލު އައީތީ އޭނާ ބައެއް ފަހަރު ދެރަވެއެވެ.

އަނޫޝާއާއި އާރިޒު ގިނަވަގުތު މަންމަގާތުގައި ހޭދަކުރެއެވެ. އެދެމީހުން ގިނައިން ކަނީވެސް އެކުގައެވެ. ކެއުމުގެ ތެރޭގައި ތަފާތު ވާހަކަދައްކަމުން ދެއެވެ. އެދެމީހުން ތަފާތު ކަންކަމުގައި ޚިޔާލު ބަދަލުކުރެއެވެ. އެދުވަސްވަރެއްގެ މައްސަލަ ތަކާއި ބެހޭގޮތުން ބަހުޘް ކޮށްހަދައެވެ.

"ކުޑަކުދިން ގެންގުޅެވޭނީ ވަރަށް ރަނގަޅަށް ފަރުވާތެރިވެގެން." އަނޫބުންޏެވެ.

"ކީއްވެ  ތިހެންތިބުނީ."

"ރޭގައި މަންމަ ބުނުއްވި ވާހަކައަކުން އަހަރެން ވަރަށް ކަންބޮޑުވި."

"ކީކޭ މަންމަބުނުއްވީ."

" ހަވީރު ނޫހުގައި  ލިޔެފައިއޮތޯ ކުޑަކުއްޖަކާއި އޭނާގެ ދައްތަގެ ފިރިމީހާ ޖިންސީ ގޯނާ ކުރިވާހަކަ. ކޮންމެ ދުވަހަކު ދައްތަ އޮފީހަށް ދާއިރަށް އެމީހާ އެކުޑަ އަންހެން ކުއްޖާއާއި ބެހެނިއްޔޯ."

ބަދިގޭގައި ތަށިތައްނަގާ ސާފުކުރަން ހުރި ޔުކްތާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ހަށިގަނޑަށް އާދަޔާ ޚިލާފު ބަދަލެއް އަންނަމުންދެއެވެ.

"އެއީ ކިތައް އަހަރުގެ ކުއްޖެއްތަ؟"

"އެންމެ ހައަހަރުގެ ކުއްޖެއް. ކުއްޖާއާއި ނުބެހޭ އެއްގޮތެއްވެސް ނެތޯ. އޭނާގެ ފައިގެ ފަލަމަސްގަނޑުގެ މަސްތައްވެސް ހުރީ އިރައިގެން ގޮސްފަޔޯ. ޑޮކްޓަރުންގެ އެއްވެސް އުންމީދެއްނެތޯ އޭނާ ރަނގަޅު ކުރެވޭނެ ކަމަކަށް."

"ތިކަހަލަ ވާހަކަވެސް ނޫހުގައި މިހާރު ޖަހާތަ."

"އެޖެހީނު. އެކަހަލަ ވާހަކަ ގިނަގިނައިން ޖަހަންވީ. މިހާރުވެސް ކޮންމެ ހަތަރު އަންހެން ކުއްޖަކުން ތިން ކުދިންނަކީ ކޮންމެވެސް ގޮތަކުން ޖިންސީ އަނިޔާ ލިބޭކުދިން."

"ތީގައި އަނިޔާ ލިބޭ ކުއްޖާ ސިއްރު ކުރާތީ މައްސަލައަކީ."

"ބެލެނިވެރިންވެސް މައްސަލަ ޖައްސަންވީ. ކޮންމެވެސް ރަށެއްގައި ކުޑައަންހެން ކުއްޖެއް ގިނަ ދުވަސްތަކެއް ވަންދެން ބެހެމުން ދިޔައިރު އެކުއްޖާގެ މަންމަ އެކަން ގަބޫލެއްވެސް ނުކުރޭ."

އޭރު ޔުކްތާގެ ނޭވަޔަށް އުނދަގޫވަނީއެވެ. އޭނައަށް ހީވަނީ ރައޫފުގެ ލާއިންސާނީ ޢަމަލު އޭނާއަށް ފެންނަހެންނެވެ. އަދި އެހަރުކަށި ޢަމަލުތައް އިހުސާސް ކުރެވޭހެންނެވެ. މަޑުމަޑުން އޭނާ ވެއްޓެމުން ދިޔައެވެ. އަދި އަނޫޝާއަށް މިތަންފެނުމުން ދުވެފައިގޮސް ހިފަހައްޓަން އުޅުނެވެ. ނަމަވެސް ޔުކްތާ ހީވަނީ މޮޔައެއް ހެންނެވެ. އޭނާ ހަޅޭއް ލަވަނީއެވެ. ދޫކޮށްލުމަށް އެދި ގޮވަނީއެވެ. އޭނާއަށް ހީވަނީ ރައޫފު އޭނާ ހިފަހައްޓަނީހެންނެވެ. އަނޫޝާއަށް ނުހިފޭއްޓިގެން އާރިޒު ގޮސް އޭނާ ހިފެހެއްޓިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޔުކްތާގެ އަނބުރައިގެންފިއެވެ. އަޒީޒާއަށް މިޚަބަރު ދިނީ އަނޫޝާއެވެ.

"އޭރު އަނޫމެން ތިބީ ކޮންތާކު؟" އަޒީޒާއަށް ޔުކްތާގެ ހާލަތު އެނގެއެވެ. އެހެންކަމުން އޭނާއަށް ދުވަސްގަނޑަކަށްފަހު އެބަދަލުއައި ސަބަބެއް ހޯދަންޖެހެއެވެ.

"އަޅުގަނޑުމެން ދެމީހުން ތިބީކާން."

"އާރިޒު އެއްޗެއް ބުނީތަ؟"

"ނޫން. އަޅުގަނޑުމެން ތިބީ ރޭގައި މަންމަ ކިޔައިދެއްވި ވާހަކައާއި ބެހޭގޮތުން ވާހަކަ ދައްކަން."

"ހަވީރު ނޫހުގައި އޮތް ވާހަކަތަ."

"އެވާހަކައާއި އަދިވެސް އެކަހަލަ ބައެއް ވާހަކަ."

އަޒީޒާއަށް ވީގޮތް އޮޅުންފިލީއެވެ. ޔުކްތާއަކީ ނުބައިމީހެއްގެ ނުބައި އަސަރު ކޮށްފައި ހުރި ކުއްޖެއްކަން އޭނާއަށް އެނގެއެވެ. އުމުރުން އެންމެ ތޭރަ އަހަރުގައި އޭނާއަށް ލިބުނު ކުއްޖަކީ ކޮންމެވެސް މީހެއްގެ ނުބައި އަނިޔާއެއްކަން އޭނާ އޭރުވެސް ގަބޫލު ކުރެއެވެ. އެފަދަ ވާހަކައެއް ދައްކާއިރު އަބަދުވެސް ޔުކްތާއަށް ބަދަލުތަކެއް އާދެއެވެ. ޑޮކްޓަރު އޮޅުން ފިލުވަން މަސައްކަތްކޮށްވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. އޭނާގެ ޑޮކްޓަރު ބުނެފައި ވަނީ އެފަދަ ޚިޔާލެއް އަންނަ ކޮންމެކަމަކާއި އޭނާދުރުކުރަން ޖެހޭކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް އޭނާ ހޭނެން ވަގުތު ބޭނުން ވާކަމަށެވެ. ނަމަވެސް އޭނާ ބޭނުންވަނީ އެއީ ކިހިނެއްވީ ކަމެއްތޯއާއި ކާކުގެ ނުބައި ޢަމަލެއްތޯ ބަލައި ހުރިހާކަމެއް ސާފުކުރުމަށެވެ. އޭނާ އެކަން ހޯދާނެއެވެ. ނަމަވެސް ޔުކްތާއަށް ކޮށްފައިވާ ނަފުސާނީ އަދި ޖިސްމާނީ ގެއްލުންތަކުން ރަނގަޅުނުވަނީހެއް އެކަމެއް އޭނާއަކަށް ނޭނގޭނެއެވެ. ޔުކްތާ ހުރީއެއްވެސް މީހަކަށް އެވާހަކަތައް ކިޔައިދޭކަށް ނޫނެވެ.

ޔުކްތާ ހޭއަރާ ރަނގަޅުވާންދެން އަޒީޒާ އިނީ ޔުކްތާގެ ގާތުގައެވެ. ޔުކްތާގެ އެނދުގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިން އަޒީޒާ ކަޅި ޖަހާނުލާ ޔުކްތާއާއި ދިމާއަށް ބަލަމުން ދިޔައެވެ. ޔުކްތާއަށް މިވީ ދެއަހަރު ތެރޭގައި ވަނީ ވަރަށް ބޮޑެތި ބަދަލު އައިސްފައެވެ. ހިކި އަނަރޫފަ ހަށިގަނޑު ވަނީ ރޫފަ ރަނގަޅުވެ ރީތިވެފައެވެ. ކުރަކި ވެފައިވާ އަތާއި ހަލާކު ވެފައިވާ ނިޔަފަތިތައް ވަނީ ރަނގަޅުވެ ރީތިވެ މަޑުވެފައެވެ. ކަޅުކުލަގަދަ ކަޅިރަވައާއި ދިގު އެސްފިޔަތަކާއި ދޮން މޫނުގެ ތާޒާކަން ވަނީ އޭގެ އިންތިހާގައެވެ. އުމުރުން މިހާރު އަށާރަ އަހަރުގެ ދުވަސްތައް ގުނަމުންދާ ޔުކްތާއަކީ ރީތި ކުދިންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ޚާއްޞަ ރީތި ކަމެއް ލިބިފައިވާ ކުއްޖެއްކަން އެނގެނީ އޭނާއަށް ފުންކޮށް ބަލާލީމައެވެ. ސަބަބަކީ އަބަދުވެސް ޔުކްތާއަކީ ފޮރުވިގެން އުޅެން ބޭނުންވާ ކުއްޖަކަށް ވުމެވެ. ހަށިގަނޑުގެ ވަނާތައް އެނގިދާނެތީ އޭނާލަނީ ހަށިގަނޑާ ނުގުޅޭ ބޮޑެތި ހެދުންތަކެކެވެ. ދިގު އިސްތަށިގަނޑު ހުންނަނީ ހުޅިޖަހާ ބަންދުކޮށްފައެވެ. އަޒީޒާ ވަރަށް ފުންކޮށް ޔުކްތާގެ ދިރިއުޅުމާމެދު ވިސްނިއެވެ. އޭނާއަށް ގޮތެއްވެއްޖެނަމަ އުމަރުގެ ވަސިއްޔަތާ ޚިލާފުވެވުނީއެވެ. ޔަތީމަކަށް އަޅާނުލެވުނީއެވެ. އޭރުން އޭނާގެ މައިގަނޑު މަގުސަދު ކަމުގައިވާ ޔުކްތާގެ ހަގީގަތެއް ނުހޯދޭނެއެވެ. އާރިޒު ޔުކްތާދެކެ ހިތްހަމަނުޖެހުންވާނީ އަޒީޒާ ނެތް ދުނިޔެއެއްގައި ޔުކްތާ އެކަހެރިކޮށްލުމެވެ. ބާކީކޮށްލުމެވެ. މިބޮޑުދުނިޔޭގައި ގަނަތެޅެން ބޭރުކޮށްލުމެވެ.

ދުވަސްތައް އާދައިގެ ގޮތެއްގައި ހިނގަމުންދެއެވެ. އަޒީޒާއާއި ޔުކްތާ ނުހަނު ގާތް ގުޅުމެއް އުފެދި ވާހަކަ ދެކެވެމުންދެއެވެ. އެއްދުވަހެއްގެ ވާހަކައިގެ ތެރޭގައި މަންމައާއި ރައޫފުގެ ގުޅުމުގެ ވާހަކަ އޭނާއަށް ބުނެވުނެވެ. އަޒީޒާގެ އަސްލު މައުޟޫއަށް ވަދެވެން ނުހަނު ގާތް ވެފައިވަނިކޮށް އާރިޒު އައުމުން ޖެހުނީ މެދު ކަނޑާލާށެވެ.

އިރުއޮއްސި ދެނަމާދު ވަގުތެވެ. އާރިޒާއި އަނޫއާއި ދެ މީހުން ތިބީ ކާގޭގައެވެ. އަނޫގެ މަންމަ ތައްޔާރު ކޮށްފައިވާ މީރު ސޫޖީއެއް ގެނެސްފައިވާތީއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަނޫއާއި ކައިވެނި ކުރުމަށް މަންމަ ގަދައަޅާވަރުން އެންމެފަހުން އެކަމަށް އާރިޒު އެއްބަސްވީއެވެ. އަދި އެދަނޑިވަޅު އެވާހަކަ ބުނަން އޭނާ ނިންމިއެވެ. އާރިޒު މަޑުމަޑުން ގޮނޑިން ތެދުވިއެވެ. އަދި އަނޫގެ އަތުގައިހިފާ ކޮޅަށް ނެގިއެވެ. ނުހަނު މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު އަނޫ އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ. އަދި ކަންފަތް ދޮށުގައި މަޑުމަޑުން ސިއްރުވާހަކައެއް ބުނަން ބޭނުންކަމުގައި ބުނެފިއެވެ. އަނޫ ދިޔައީ މިވަގުތަށް ނުހަނު އިންތިޒާރު ކުރަމުންނެވެ. އޭނާ ސިއްރު ކޮށްފައިވީ ދުވަސްވީ ލޯބި މިއަދު ކާމިޔާބު ވަނީކަން އެނގިގެންނެވެ. އަނޫމަޑުމަޑުން އޭނާގެ ދެއަތުން އާރިޒްގެ ގައިގާ ވަށައިގެން ހިފަހައްޓާލިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ޔަޝްފާ އަކީ ވަރަށް ހިތްގައިމު ވާހަކަ ތަކެއް ގެނެސްދޭ ލިޔުންތެރިއެއް. ޔުކްތާ ވާހަކަވެސް އާދަޔާ ޚިލާފަށް މޮޅު. ދެންވާނީ ކިހިނެއް ބާވައޭ ހިތަށްއަރާ އެތައް ވަގުތެއްދޭ.

  2. މިވާހަކަ ކޮންމެ ދުވަހެއްގެ ބައިވެސް މި ނިންމާލަނީ އެންމެ ކިޔާހިއްވާ ހިސާބަށްދިޔައީމާ. ދެން މިޖެހެނީ އަނެއް ބައި ނިކުންނަންދެކަ މަޑުކުރަން. ވާހަކަ ވަރަށް ވަރަށް ރީތި….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *