ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން، ހުޅުމާލެ ފޭސް 2 ގައި އެޗްޑީސީން ގާއިމްކުރި އައުޓްޑޯ ޖިމް މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.
އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖިމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރާއި ޕީ.އެން.ސީގެ މޭޔަރ ކެންޑިޑޭޓް ޖެނެރަލް މޫސާ އަލީ ޖަލީލެވެ.
މި ޖިމް ގާއިމްކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ޖިމް ޕާކުގަ (ޓާފް ދަނޑު ކައިރި) އެވެ. އެގޮތުން ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމަންޓް މި ޖިމުގައި ބަހައްޓައިފައި ހުރެއެވެ.

މި މަޝްރޫއަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނުވައި، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
"ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެޗްޑީސީގެ އަމާޒަކީ، ސަރުކާރުގެ މި ވައުދު ފުއްދުމަށް އެއްބާރުލުން ދިނުމާއެކު، ކުރިއަށް އޮތް ތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް މިފަދަ ގިނަ މަޝްރޫއުތައް ކުރިއަށްގެންދިއުމެވެ." އެޗްޑީސީން ބުނެއެވެ.



advertisment

