މެސެޖާއި ކޯލް ކުރެވޭ މަގުބޫލު އެމެރިކާގެ ވަޓްސްއެޕް މަނާކޮށްފައި ރަޝިޔާއިން ދައުލަތުގެ އެޕެއް ކަމަށްވާ މެކްސް ބޭނުންކުރުމަށް ރައްޔިތުންނަށް ހިތްވަރު ދޭން ފަށައިފިއެވެ.
އެމެރިކާގެ މެޓަ ކުންފުންޏަށް ވެސް ނުބެލޭ ގޮތަށް ނުވަތަ އެންޑް-ޓު-އެންޑް އެންކްރިޕްޓްކޮށްފައިވާ ފޮޓޯ އަދި ވީޑިއޯ ވެސް ހިއްސާކުރެވޭ އެ ކުންފުނީގެ ވަޓްސްއެޕް އިއްޔެ މަނާކުރީ ރަޝިޔާގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މެޓައިން އަމަލުނުކުރާ ކަމަށް ބުނެފައެވެ.
"އެހެންވެ މަނާކުރުން ނޫން ގޮތެއް ނެތް. މެކްސްއަކީ ފަސޭހަ އަދި ގައުމީ މުވާސަލާތީ ހިދުމަތެއް،" ސަރުކާރުގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޯފް ބުންޏެވެ.
މެޓައިން ބުނީ ރަޝިޔާގެ ބޭނުމަކީ ރައްޔިތުންގެ މުވާސަލާތީ ގުޅުންތައް ސަރުކާރަށް ބެލޭ ހިދުމަތަކަށް 100 މިލިއަން ރައްޔިތުން ހުށަހެޅުން ކަމަށެވެ.
"އަމިއްލަ އަދި ރައްކާތެރި މުވާސަލާތުން އެކަހެރިކޮށްފައި، ރަޝިޔާގެ ރައްޔިތުންނަށް އެ ދެވެނީ އެހާ ރައްކާތެރި ނޫން މުވާސަލާތީ ވަސީލަތެއް،" މެޓަގެ އޮފިޝަލަކު ބުންޏެވެ.
ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނީ ވަޓްސްއެޕް މަނާކުރީ ޔޫކްރެއިން ހިފަން ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ރައްޔިތުންގެ ޑިޖިޓަލް މިނިވަންކަން ހަނިކުރުމަށް ކަމަށެވެ.
މި ދިޔަ ޑިސެމްބަރު މަހު ވެސް ރަޝިޔާގެ ގިނަ ރައްޔިތުންނަށް ވަޓްސްއެޕަށް ވަދެވުނީ ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީ.ޕީ.އެން)ގެ ޒަރީއާއިންނެވެ.
މެޓަގެ ސޯޝަލް މީޑިއާ މަންސަތައް ކަމަށްވާ ފޭސްބުކް އާއި އިންސްޓަގްރާމް ވެސް ރަޝިޔާގައި ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އެމެރިކާގެ އެކްސް ވެސް މަނާކޮށްފައިވާއިރު ޔޫޓިއުބްގެ ބައެއް ހިދުމަތްތަކަށް ވަނީ ހުރަސްއަޅައިފައެވެ.



advertisment