ވަކި ޝަރުތުތަކެއްގެ މަތިން އަދި ރަނގަޅަށް ބަލަހައްޓާ ގޮތަށް އިންޑޮނޭޝިއާއިން ގްރޮގް އަލުން ހުއްދަކޮށްފިއެވެ. މިއީ ރައްކާތެރި ޓެކްނޮލޮޖީ އުފެއްދުމަށް ހިތްވަރު ލިބިގެންދިޔަ ނިންމުމެއް ކަމަށް އިންޑޮނޭޝިއާގެ މި ނިންމުމަށް ތާއީދުކުރާ ފަރާތްތަކުން ބުންޏެވެ.
އިންޑޮނޭޝިއާގެ މި ނިންމުމަށް ތާއީދުކުރާ ފަރާތްތަކުން ބުނީ އީޖާދުކުރާ އުފެއްދުންތައް އެއީ ރައްކާތެރި އާލާތްތަކަށް ހެދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެ ގޮތުން ގްރޮކް ހިންގާ ފަރާތުން ރައްކާތެރި ފިޔަވަޅުތައް އަޅަން އެއްބަސްވުމުން އެ ކަމަށް މަރުހަބާ ކިޔެވެ.
ގްރޮކް އަލުން ހުއްދަކުރަން އިންޑޮނޭޝިއާއިން ނިންމި ނިންމުމާ ދެކޮޅު ފަރާތްތަކުން ބުނީ ރަނގަޅަށް ނުބަލަހައްޓައިފިނަމަ ނިވާކަންކުޑަ ގޮތަށް މީހުންގެ ހެދުން ބަދަލުކޮށްފައިވާ މަންޒަރުތައް ގްރޮކްއިން އުފެއްދުމަށް އަލުން ފުރުސަތު ހުޅުވިގެން ހިނގައިދާނެ ކަމަށެވެ. މި ކަމާމެދު ސަރުކާރުން ބުނީ މި ފަދަ ނުރަނގަޅު ކަމަކަށް ގްރޮކްއަށް ފުރުސަތު ނުދޭނެ ކަމަށެވެ.
"މިއީ ގްރޮކް ބަލަހައްޓާ ބެލެހެއްޓުން ހުއްޓައިލުމެއް ނޫން،" އިންޑޮނޭޝިއާގެ މުވާސަލާތާއި ޑިޖިޓަލް ޓެކްނޮލޮޖީއާ ބެހޭ ވުޒާރާގެ އިސް އޮފިޝަލެއް ކަމަށްވާ އެލެކްސެންޑާ ސާބާ އާދީއްތަ ދުވަހު ބުންޏެވެ.
އެންމެ މުއްސަނދި މަހުޖަނު އިލޮން މަސްކުގެ މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޗެޓްބޮޓް ގްރޮކް މަނާކުރި ފުރަތަމަ ގައުމަށް އިންޑޮނޭޝިއާ މި ދިޔަ މަހު ވިއެވެ. އެއާއެކު މެލޭޝިއާ އާއި ފިލިޕީންސްއިން ވެސް ގްރޮކް މަނާކޮށްފައި މިހާރު ވަނީ އަލުން ހުއްދަކޮށްފައެވެ.
ގްރޮކް މައްސަލައަކަށްވީ މީހުންގެ ހުއްދައާ ނުލައި ނިވާކަންކުޑަ ހެދުން ލައިފައި ހުންނަ ގޮތަށް އެ މީހުންގެ ފޮޓޯ ބަދަލުކުރެވޭ ޓެކްނޮލޮޖީ އޭގައި ހުރުމުންނެވެ.
އިނގިރޭސި ވިލާތާއި ޔޫރަޕް އިއްތިހާދާއި އެހެނިހެން ބައެއް ގައުމުތަކުން ދަނީ ގްރޮކްގެ ރައްކާތެރިކަން ތަހުގީގުކުރަމުންނެވެ. ނަމަވެސް ގްރޮކް މަނާ ނުކުރެއެވެ.
މެލޭޝިއާ އާއި ފިލިޕީންސްއިން ގްރޮކް އަލުން ހުއްދަކުރީ މީހުންގެ ފޮޓޯ އެ މީހުން ނިވާކަންކުޑަ ހެދުން ލައިފައި ހުންނަ ގޮތްގޮތަށް ބަދަލު ނުކުރެވޭނެ ގޮތް ހެދުމުންނެވެ.
އިންޑޮނޭޝިއާގައި ގްރޮކް މަނާކުރީ އާއްމުންނާއި އަދި ސަރުކާރުން ވެސް ކަންބޮޑުވުމުންނެވެ.



advertisment