އަންނަ ޖޫން އިން ޖުލައިއަށް އުތުރު އެމެރިކާ ބައްރުގައި ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބޮއިކޮޓްކުރަން ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ގޮވައިލުމުން ފުޓުބޯޅަ ސަޕޯޓަރުންނަށް ހައިރާންކަން ލިބިއްޖެއެވެ.
ދުނިޔޭގެ ފުޓުބޯޅަ އިދާރާ ފީފާގެ މިންގަނޑުން ބްލެޓާގެ މައްޗަށް ކޮރަޕްޝަން 2015 ގައި ސާބިތުވެ، ފީފާގެ ސުލޫކީ ކޮމިޓީން އޭނާ ވަނީ ފުޓުބޯޅައިން ހަ އަހަރަށް ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ސްވިޒަލޭންޑްގެ ކޯޓެއްގެ ޝަރީއަތުން އޭނާ ވަނީ ޖިނާއީ ދައުވާއިން ސަލާމަތްވެފައެވެ.
ފީފާގައި ކޮރަޕްޝަން އޮތްކަން ފަޅައިއަރުވައިލައި، ޚުދު ބްލެޓާ ވެސް ފީފާއިން ވަކިކުރުމަށް ދިމާވި ތަހުގީގު ހިންގި ސިވްޒަލޭންޑްގެ ގާނޫނީ ވަކީލު މާކް ޕިތު، އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯއިން ގުޅިގެން ބާއްވާ މި ފަހަރުގެ މުބާރާތް ބޮއިކޮޓްކުރުމަށް ގޮވައިލި ގޮވައިލުމަށް ތާއީދުކުރާ ކަމަށް ބްލެޓާ އިއްޔެ ބުންޏެވެ.
"އަހަރެންނަށް ހީވަނީ މި ފަހަރުގެ ވޯލްޑް ކަޕާ ދޭތެރޭ މާކް ސުވާލު އުފެއްދުމަކީ ރަނގަޅު ކަމެއްހެން،" ބްލެޓާ އެކްސްގައި ބުންޏެވެ.

އޭނާ ބުނީ ފުޓުބޯޅަ ސަޕޯޓަރުން ވޯލްޑް ކަޕް ބަލަން އެމެރިކާއަށް ނުދިއުމަށް އެދޭ ސަބަބަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދާހިލީ އަދި ހާރިޖީ ސިޔާސަތުތަކާ ދޭތެރޭ ކަންބޮޑުވުންތަކެއް ހުރީމާ ކަމަށެވެ. ޓްރަމްޕް ވަނީ އެމެރިކާއަށް ޒިޔާރަތްކުރުމާއި އެ ގައުމަށް ހިޖުރަކުރުމާ ގުޅޭ ގޮތުން ބައެއް ގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. އެހެންވެ އެ ގައުމުތަކުގެ ރައްޔިތުންނަށް ވޯލްޑް ކަޕް ބަލަން ދިއުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ވޯލްޑް ކަޕް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ބްލެޓާ އާއި މާކްގެ ގޮވައިލުންތަކަށް ފާޑުކިޔައިފައެވެ.
"ކުޅިވަރު ވާން ޖެހޭނީ ސިޔާސީ ކަންތައްތަކާ އެކަހެރި ކުރެވިފައިވާ ކަމަކަށް. ރާވައިފައިވާ ގޮތަށް މި މުބާރާތް ކުރިއަށްދާނެ،" އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ބުންޏެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ ބައިވެރިވާ ގައުމުތައް އިތުރުކުރެވުނު މުބާރާތެކެވެ. އެ ގޮތުން 48 ގައުމުން 104 މެޗު ކުޅޭނެއެވެ. އެއީ އުތުރު އެމެރިކާ ބައްރުގެ ތިން ގައުމުގެ 16 ސަހަރުގައެވެ.
ފުރަތަމަ މެޗު ބާއްވަނީ މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގައި ޖޫން 11 ގައެވެ. ފަހު މެޗު އޮންނާނީ ޖުލައި 19 ގައި އެމެރިކާގެ އެންމެ ބޮޑު ސަހަރު ނިއު ޔޯކްގައެވެ.



advertisment