ނޯޓް: މިއީ ސްރީ ލަންކާގެ ޑެއިލީ ނިއުސް ނޫހުގެ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ހަބަރެއްގެ ތަރުޖަމާއެއް
- ބައްޓަރަމުއްލާ އޮފީހުގައި އެތައް ގަޑިއިރެއް ހޭދަކުރަންޖެހޭ
- ސްރީ ލަންކާގެ ޕްރޮފެޝަނަލް މަސައްކަތްތެރިންނަށް ވެސް ރާއްޖޭގެ ވިސާ ސިޔާސަތު ބަދަލުކުރަން މަޖުބޫރުވާނެ
ސްރީ ލަންކާއަށް ޒިޔާރަތްކުރާ ދިވެހިންނަށް ދޮންމަންމައަކު ހިތާހެން އެމިގްރޭޝަން އެންޑް އިމިގްރޭޝަން އޮފިޝަލުން ކަންތައް ކުރަނީ ކީއްވެތޯ ކޮޅުނބުގައި ހުންނަވާ ރާއްޖޭގެ ހައި ކޮމިޝަނަރު (ސަފީރު) މަސްއޫދު އިމާދު ސުވާލު ކުރައްވައިފިއެވެ.
ވިސާއެއް ހޯދުމަށް ހެނދުނު 9.00 އިން ހަވީރު 5.00 އަށް ދިގު ކިޔުތަކުގައި ދިވެހި ރައްޔިތުން ކެތްކުރަން މަޖުބޫރު ކަމަށާއި ދިވެހީންނަކީ ވެސް ހަމުގެ ކުލަ ދޮން ފަދަ ހަމަ ބިދޭސީންކަން ފަހުމް ނުވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ހައިރާންވަނީ ސްރީ ލަންކާއަށް އަންނަ މީހުންގެ ތެރެއިން ހަމައެކަނި ހަމުގެ ކުލަ ދޮން މީހުންނަކީ ދަތުރުވެރިން ކަމަށް އޮފިޝަލުން ދެކެނީ ކީއްވެކަމާމެދު،" ސަފީރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވީ ދިވެހި ދަރިވަރުންނާއި އެ ކުދިންގެ މައިންބަފައިން އަމިއްލަ ގޮތުން ވިސާ ހޯދުމަށް ޑިޕާޓްމަންޓް ދޮށުގައި އެތައް ގަޑިއިރަކު މަޑުކުރަންޖެހޭ ކަމަށެވެ. އެއާ ހިލާފަށް ޓްރެވެލް އެޖެންޓުން މެދުވެރިވާނަމަ އެއްވެސް ދަތިތަކަކާ ނުލައި ވަގުތުން ވިސާ ލިބޭ ކަމަށެވެ.
ހައި ކޮމިޝަނަރު ތުހުމަތު ކުރެއްވީ ޓްރެވެލް އެޖެންޓުން މެދުވެރިކޮށް ވިސާ ފޯމު ހުށަހެޅުމުން ޑިޕާޓްމަންޓްގެ އޮފިޝަލުންނަށް ކޮންމެވެސް ކަހަލަ މާލީ ފައިދާތަކެއް ލިބެނީ ކަމަށް ވެދާނެ ކަމަށެވެ.
"ޓްރެވެލް އެޖެންޓުން މެދުވެރިކުރާނަމަ ވިސާއަށް އެދޭއިރު ދިވެހީންނަށް އިތުރު ފީ ދައްކަންޖެހޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ހައި ކޮމިޝަނަރު ވިދާޅުވީ ތައުލީމާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހީން ކުރީއްސުރެ ލަންކާ ދެކެނީ އެންމެ ރަނގަޅު އަދި އެންމެ ކަމުދާ މަންޒިލު ކަމަށްވިޔަސް މި ހާލަތު ހަލުއިކޮށް ބަދަލުވަމުންދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ލަންކާގެ އެމިގްރޭޝަން އެންޑް އިމިގްރޭޝަން ޑިޕާޓްމަންޓްގެ އޮފިޝަލުން ދިވެހި ރައްޔިތުންނާމެދު ނުރުހޭކަން ރަސްމީ ގޮތުން ފާޅުކުރާ ކަމަށާއި އެ މީހުންނާ ދިމާއަށް ހަޅޭއްލައިކަމަށެވެ.
"އެ މީހުންނަކީ ދަތުރުވެރިންގެ ގޮތުގައި ބަލައިގަންނަން ވަނީ ފޭލިވެފައި،" ސަފީރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަސްޓަމްސް ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކު ދާދި ފަހަކުން ޗުއްޓީއަށް ކޮޅުނބަށް ދަތުރުކުރެއްވި ކަމަށެވެ.
"މީގެ ހަމަ ދެ ދުވަސް ކުރިން ރާއްޖެއިން ކަސްޓަމްސްގެ އިސް އޮފިސަރަކު މި ތަނަށް ޗުއްޓީއަށް ވަޑައިގަތް އަދި އެ ކަމަނާ ވަނީ ސުވާލު ކުރުމަށް ކޮޓަރިއަކަށް ގެންގޮސްފައި. އެ ކަމަނާ ޒިޔާރަތް ކުރެއްވީ ސްރީ ލަންކާ އާއި މި ގައުމުގެ ގުދުރަތީ ރީތިކަން ބަލައިގަންނާތީ،" ސަފީރު ފާހަގަ ކުރެއްވިއެވެ.
ނިންމަވައިލައްވަމުން ހައި ކޮމިޝަނަރު ވިދާޅުވީ މި ހާލަތު ކުރިއަށްދާނަމަ ރާއްޖޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ސްރީ ލަންކާގެ ޕްރޮފެޝަނަލް މަސައްކަތްތެރިންނާ ގުޅޭ ވިސާ ސިޔާސަތު މުރާޖައާކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވާނެ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ސިއްހީ، ތައުލީމީ އަދި ފަތުރުވެރިކަމުގެ ބޭނުންތަކަށް ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހީންގެ އަދަދު 8،000 އިން 1،500 އަށް މަދުވެފައިވާ ކަމަށާއި މިހާރު ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނަށް ދެކުނު އިންޑިއާއިން މާ ރަނގަޅު ތައުލީމީ ފުރުސަތުތައް ލިބިފައިވާ ކަމަށެވެ.
"ދެކުނު އިންޑިއާއިން މާ މޮޅު ތައުލީމީ ހިދުމަތްތަކާއި ސްކޮލާޝިޕްތައް އަހަރެމެންގެ ދަރިވަރުންނަށް ލިއްބައިދޭ،" ސަފީރު ކޮމެންޓް ކުރެއްވިއެވެ.
ހައި ކޮމިޝަނަރު އަދި ވިދާޅުވީ އީސްޓާ ސަންޑޭ ހަމަލާތަކަށްފަހު ރާއްޖެއަކީ ސަލާމަތީ ގޮތުން ކަންބޮޑުވާންޖެހޭ ގައުމެއް ކަމަށް ސްރީ ލަންކާގެ ރަސްމީ އިދާރާތަކުން ކަނޑައަޅައިފައިވާ ގައުމެއް ކަމަށް އެނގިވަޑައިގަންފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ގައުމަކީ ސަލާމަތީ ގޮތުން ކަންބޮޑުވުންތަކެއް ހުރި ގައުމެއްތޯ ސާފުކޮށްދޭން ސްރީ ލަންކާގެ ރަސްމީ އިދާރާތަކުގައި އެދިފައިވާނެ. އެ ފަރާތްތަކުގެ ޖަވާބަށް އަޅުގަނޑު އަދިވެސް އިންތިޒާރު ކުރަމުން މި ދަނީ،" ސަފީރު އިތުރަށް ވިދާޅުވިއެވެ.
ކޮންމެ ގޮތެއް ވިޔަސް، ހައި ކޮމިޝަނަރު ފާހަގަ ކުރެއްވީ، ދިވެހި ދަރިވަރުންނަށް ވިސާގެ މުއްދަތު ހަ މަހުން އެއް އަހަރަށް އިތުރު ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، އެއް އަހަރުގެ ވިސާ ދެނީ ހަމައެކަނި ޓެރަރިޒަމްގެ ކަންބޮޑުވުންތައް ހުރިތޯ އެސް.އައި.އެސްގެ ތެރެއިން ކޮންމެ ދަރިވަރަކު ރަނގަޅަށް ބެލުމަށްފަހު ކަމަށް ހައި ކޮމިޝަނަރު ފާހަގަ ކުރެއްވިއެވެ.
އޭނާ ބާރުލައްވައިފައި ވިދާޅުވީ އެތައް ދަހަރެއް ވަންދެން ރާއްޖެއަކީ ސްރީ ލަންކާގެ ގާތް ބައިވެރިއެއް އަދި ރަހްމަތްތެރިއެއް ކަމަށާއި ބައިނަލްއަގުވާމީ މަންސަތަކުގައި ކެނޑިނޭޅި ސްރީ ލަންކާއަށް ތާއީދު ދެމުން ގޮސްފައިވާ ކަމަށެވެ.
"މަސްވެރިކަމަށްޓަކައި ސްރީ ލަންކާގެ ކަނޑުތަކަށް ގަވައިދާ ހިލާފަށް ދިވެހި މަސް އުޅަނދުތައް ނުވަނަސް ސްރީ ލަންކާގެ މަސް އުޅަނދުތައް ވަދޭ. ޖޫރިމަނާ ކުރުމަށްފަހު އަހަރެމެން އެ މީހުން ޑިޕޯޓްކޮށްލަނީ. ނަމަވެސް މިއީ މައްސަލައެއް ގޮތަށް އަހަރެމެން ދުވަހަކު ވެސް ނުނަގަން،" ހައި ކޮމިޝަނަރު ކޮމެންޓް ކުރެއްވިއެވެ.



advertisment
One Response
ދެން މިހާރު ލަންކާގެ ތިހަރަ ސަފީރަކީ ޑިޕްލޮމަސީ މާކަ ރަގަޅަކަށް އެނގޭ ބޭޅެއް ކަމަކަށް ނުފެނޭ! އެހެންނަމަ މި ކަން މިހާރު އޮންނާނީ ހައްލު ކުރެވިފަ! ކޮންމެހެނަކުން ނޫސްނޫހަށް ބަޔާން ދޭ ހިސާބަށް ދާކަށެއް ނުޖެހޭނެ! ވަރަށް ސަލާން!