Support Us

މައިމޫނާއަށް ދަރިއަކު ލިބިގެން

މައިމޫނާގެ ދަރިފުޅު އޭނާގެ ގާތުން ކިރުބުއިމަށް ފަހު ނިދައިފިއެވެ. ދަރިފުޅަށް ހާއްސަކޮށް ހަދައިފައިވާ އެނދުގައި އެ ކުއްޖާ ނިދައިފައި އޮތްތަން ބަލަން މައިމޫނާ އިނެވެ. މައިމޫނާއާ އެކުގައި އޭނާގެ މަންމަވެސް ތުއްތު ދަރިފުޅާ ދިމާލަށް އޯގާތެރިކަމުން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެން އިނެވެ. ތުއްތު ދަރިފުޅުގެ ހެދުން ފަތްޖަހައިދޭން މައިމޫނާގެ ބޮޑުދައިތަ އިނެވެ. މައިމޫނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އޭނާގެ ލޮލުން ކަރުނަ ހިލޭތަން ބަލާ މީހަކަށް ފެންނާނެއެވެ.

މައިމޫނާ: މަންމާ. އަހަރެންނަށް މިވަނީ ކިހިނެތްތަ؟ ހުރިހައި އެންމެން އެބަ ބުނޭ މިއީ އަހަރެންގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި ދުވަސްތަކޭ. އެކަމަކު އެ އުފާވެރިކަން އަހަރެންނަށް އިހުސާސްނުވަނީ ކީއްވެގެންތަ؟

މަންމަ: (މައިމޫނާއާ ދިމާލަށް އެނބުރިލައިފައި ބޮލުގައި ފިރުމައިލައިފައި) ތި ވާގޮތް މަންމައަށް ކިޔައިދީބަލަ.

މައިމޫނާ: އަހަރެން މި ތުއްތު ދަރިފުޅު ދެކެ ހާދަ ލޯތްބެއްވެއޭ. އެކަމަކު އެ ލޯބި އެހާ ބޮޑަކަށް އިހުސާސެއް ނުކުރެވޭ. އަހަރެންނަށް ހޭލެވެނީ ރޮމުން. ހުރެވެނީ ބަރުހެލިވެފައި. މުޅި ދުވަސް ހޭދަވަނީ ބަޔާންކޮށްދޭން ނޭނގޭ ހިތާމައެއްގައި. އަބަދު ވަރުބަލިވެފައި. އެއްވެސް ކަމެއް ކުރާ ހިތެއް ނުވޭ. އުފާވެރިކަމެއް ލިބިގެން އުޅޭ މީހެއްކަން އެއްވެސް މީހަކަށް އަހަރެން ފެނިފައެއް ނޭނގޭނެ.

ބޮޑުދައިތަ: ތިއީ ވިހައިގެން އުޅޭ މައިންނަށް އާންމުކޮށް ދިމާވާ ކަމެކޭ މައިކޯ. އެއީ ކޮންމެހެން ކޮއްކޮ ގޯސް މަންމައަކަށް ވެގެން ވާ ގޮތެއް ނޫނޭ.

މައިމޫނާ: ތިބުނާ ކަންތަކަކީ އެއް ހަފުތާތެރޭގައި ފިލައިގެން ދާ އެއްޗެކޭ މީހުން ބުނޭ ބޮޑުދައިތާ. އެކަމަކު މިހާރު ވިހައިގެން ތިން މަސް ވަނީ. އަދިވެސް މިކަމެއް ފިލައިގެނެއް ނުދޭނު.

މަންމަ: އެކި މީހުންގެ ތަޖުރިބާ ތަފާތުވާނެ ދަރިފުޅާ. މަންމައަށް ދަރިފުޅު ލިބިގެން ތި އިހުސާސުން ދުރަށް ދާން ހަތަރު މަސް ނެގި. އެކަމަކު ދަރިފުޅުގެ ކޮއްކޮ ލިބިގެން އެކަމުން މިންޖުވާން ނެގީ އެންމެ ދެ ހަފުތާ.

ބޮޑުދައިތަ: އާނ. ދައްތައަށް އާއްކޮ ލިބިގެން ތި ހިތްދަތި އިހުސާސުން އަރައިގަންނަން ހަ މަސް ނެގި. މިއީ ވިހެއުމަށް ފަހު އަހަރުމެން އަންހެނުންގެ ހަށިގަނޑަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ހަށިގަނޑު ޝޮކަށް ދާތީ ވާގޮތެކޯ ކޮންމެވެސް ޕްރޮގްރާމަކުން އަޑުއެހި ހަނދާނެއްވޭ. އަހަރުމެންގެ ހޯމޯނުތަކުގެ ލެވެލް ވެއްޓެނީއޯ. އެހެންވެ ނިދި މަދުވެ ކަންކަން ވެގެން ވާގޮތެކޯ. ވިހެއުމުން އަންހެނެއްގެ ދުނިޔެއަށް ކިހައި ބޮޑު ބަދަލެއްދޯ އެ އަންނަނީ ދައްތާ؟

މަންމަ: އާނ. ދަރިއަކު ލިބުމަށް ފަހު ދެން އެ އަންނަ ދުވަސްވަރަކީ މަޔަކަށް އޭނާ ދުނިޔެއަށް އުފަންކުރި ދަރީގެ ޒިންމާގެ ބޮޑުކަން ވެސް ފަހުމުވާން ފަށައި ދުވަސްވަރު. ކުއްލިއަކަށް އަހަރުމެންގެ ދުނިޔެ އެނބުރެން ފަށަނީ ވިހެއި ދަރިފުޅުގެ ވަށައިގެން. އަހަރުމެންގެ ހުރިހައި ކަމެއް ޖައްސައިލެވޭނީ ފަހަތަށް. އެއީ ހާދަ ބޮޑު ބަދަލެކޭ.

މައިމޫނާ: (އަޑުއަހަން އިނދެފައި) ފަހަރެއްގައި މިއީ ޑިޕްރެޝަނަށް ވެދާނެތަ؟

ބޮޑުދައިތަ: މިކަމަށް ވިހައިގެން އަންނަ ޑިޕްރެޝަނޭ މީހުން ކިޔައި އުޅޭދޯ؟ ބޮޑުދައިތައަށް މި ކަން ފެންނަނީ މިއީ އާ ދިރިއުޅުމަށް އަންހެނަކު ހަމަޖެހިލަން ނަގާ ވަގުތު ކުރެވޭ އިހުސާސެކޭ. މައިކޮގެ ކުރީގެ ދިރިއުޅުމަކަށް ދެން އަނބުރައި ރުޖޫއައެއް ނުވެވޭނެތީ އެކަމަށް ކުޑަ ވަގުތުކޮޅަކަށް ކުރެވޭ ހިތާމައެކޭ.

މައިމޫނާ ރޯން ފަށައިފިއެވެ. އޭނާގެ މަންމަ އޭނާގެ ގައިގައި ފިރުމައިލިއެވެ.

މަންމަ: ދަރިފުޅާ. މަންމަމެން މިތިބީ ދަރިފުޅާ އެކުގައިކަން ހަނދާން ނައްތައިނުލާތި.

މައިމޫނާ: ވަރަށް ލަދުގަނޭ އަހަރެންނަށް އުފާވެރިކަން އިހުސާސްނުވާ ވާހަކަ މީހުންގެ ގާތު ބުނަން. އިހަކަށް ދުވަހު އަހަރެންގެ ރައްޓެހި ކުއްޖެއްގެ ދަރިފުޅު ބައިގެން އެ ދިޔައީ. އުފަލެއް ނޫންތަ ވާންވީ އަހަރެންގެ ދަރިފުޅު ހެޔޮހާލުގައި އޮތީތީ؟ އެކަމަކު އެ އުފަލެއް އިހުސާސެއް ނުކުރެވެއޭ މަންމާ!

މަންމަ: (މައިމޫނާގެ ގައިގައި ފިރުމަމުން) ތިއީ ކޮންމެހެން ދަރިފުޅު ޝުކުރުވެރި ނުވާތީ ވާގޮތެއް ނޫނެއްނު. މިހާރު ދަރިފުޅު ތި ކަނޑަތުކުރަނީ ގުދުރަތީ މަރުހަލާއެކޭ. އެކަން ހަނދާން ބެހެއްޓޭތޯ މަސައްކަތްކުރޭ.

ބޮޑުދައިތަ: މައިކޯ. މިއީ ގިނަ އަންހެނުންނަށް އިހުސާސްކުރެވޭ ކަމެކޭ. އެކަމަކު މިކަމާ ބެހޭގޮތުން މީހުން ވާހަކަ ދައްކާއަޑު ނީވެނީ އެމީހުންނަށް މީހުންގެ މަލާމާތް ރައްދުވެދާނެތީ. ގިނަ މީހުން އެކަންތައް އިހުސާސްވިޔަސް އެހެން މީހުންނަށް ފެންނަ ތާނގައި ހިނިތުންވެގެން އުޅޭނީ. އެކަމަކު ނުފެންނަ ތަނުގައި ހަމަ ޔަގީން ރޯނެކަން.

މައިމޫނާ: ކީއްވެތަ އަހަރެންނަށް އެހެން ކަންތައް ނުކުރެވެނީ؟ މިއަދުވެސް އަންވަރު ދަމުން ބުނީ އަހަރެންގެ މޫނުމަތި ފެނިފައި އޭނައަށް ވަރަށް އުނދަގޫވެޔޭ. އަހަރެންނަށް އޭނާ އުފާކޮށްދޭންވެސް ހިނިތުންވެނުލެވޭ.

މަންމަ: ފިރިހެނުންނަށް އަމުދުން މިކަންތަކެއް ނުވިސްނޭނެ ދަރިފުޅާ… އަންވަރުގެ ހިތްހަމަޖެހުމާ މެދު މިވަގުތު އެހާ ބޮޑަށް ނުވިސްނާ. ދަރިފުޅުގެ ސިއްހަތާ މެދު ދަރިފުޅު ސަމާލުވޭތޯ ބަލާ.

މައިމޫނާ: ވިހޭ ފަހުން އަދި ހަމަޖެހިލައިގެނެއް މަށަކަށް ނުއެއް ނިދޭ. ދަރިފުޅު ނުނިދިޔަސް އަހަރެން ހާސްވޭ. ނިދިޔަސް އަހަރެންނަކަށް ހަމަޖެހިލައިގެން ނިދައެއް ނުލެވޭ.

މަންމަ: މަންމަ ބުނިންދޯ ދަރިފުޅު ކައިރީގައި ދުވަސްކޮޅަކަށް މަންމަ މިގެއަށް ބަދަލުވަންހޭ ވެސް. ދަރިފުޅު އިންކާރުކުރީއެއްނު.

މައިމޫނާ: އޭރުން އަހަރެންނަށް ރަނގަޅު މަންމައަކަށް ނުވެވޭނެއެއްނު މަންމާ. މަންމައަކަށް އަބަދު އަހަންނަށް އެހީވާކަށް ނުހުރެވެދެވޭނެ ދޯ؟ އަހަރެން އެކަނި މިކަންތައް ކުރަން އާދަވާން ޖެހޭނެދޯ؟

މަންމަ: ތިއީ މި ޒަމާނުގެ ކުދިންނަށް ވިސްނިފައި އޮންނަ ކުށްހީއެކޭ ދަރިފުޅާ. މަންމަ މިދުވަސްކޮޅު ދަރިފުޅަށް އެހީވެދޭން ކައިރީގައި މަޑުކުރަން މި ބުނަނީ ދަރިފުޅުގެ ހަށިގަނޑަށް އަރާމެއް ލިބި ސިކުނޑި ހަމަޖެހިލަން ފުރުސަތެއް ދިނުމުގެ ބޭނުމުގައޭ. މިއީ ކޮންމެ އަންހެނަކަށްވެސް އޭނާގެ ވަށައިގެންވާ މީހުންގެ އެހީ އެންމެ ބޭނުންވާ ވަގުތުކަން ދަރިފުޅު ވިސްނަބަލަ.

މައިމޫނާ: އަހަރެންގެ ރައްޓެހިންވެސް މިކަންތައް އެކުރަނީ މީހެއްގެ އެހީއަކާ ނުލައި. ކީއްވެތަ މަށަށް ނުވާންވީ؟

ބޮޑުދައިތަ: އެމީހުން އެކަން ކުރީ މީހެއްގެ އެހީއެއް ނެތި ކަމުގައި ވިޔަސް އެހީ ލިބިގަތުމަކީ އުނިކަމެއް ނޫނެއްނު؟ ހަމަޖެހިލައިގެން ނިދައިލައިގެން ނިދި ހަމަވުމުންވެސް ވަރަށް ބޮޑުތަން ކަންކަން ހައްލަކަށް އެޅެން ފަށާނެ. މައިކޮ ބޮޑުދައިތަމެން ދައްކާ ވާހަކަ ގަބޫލުކޮށްބަލަ.

މަންމަ: މަގޭ ބޯހަރު ދަރިފުޅު. ހަމަ ކުޑައިރުވެސް އުޅޭ ގޮތަށް މިހާރުވެސް ތިއުޅެނީ. ކޮންމެ ކަމެއްވެސް އަމިއްލައަށް ކުރެވޭނޭ ކިޔައިގެން. (މަންމަ މައިމޫނާގެ ކޮލުގައި ހިފައިލިއެވެ. މައިމޫނާއަށް ބޭ އިހުތިޔާރުގައި ހިނިތުންވެލެވުނެވެ.)

ބޮޑުދައިތަ: ދައްތާ އަހަރެން ހުންނާނެ މިއަދު ލޮނުކަނދިކޮޅެއް މައިކޮއަށް ދޭން ގެނެސްފައި. އަންނާނަން ތަށްޓަކަށް އަޅައިލައިގެން އެނގޭ.

ބޮޑުދައިތަ ކޮޓަރިން ނުކުތުމުން މައިމޫނާ އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅައިލައި، ލޯމަރައިލައިފައި، ހަމަޖެހުމުގެ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ކައިރީގައި މި ހާލަތުން އަރައިގަތުމަށް އެހީވެދޭނޭ ބަޔަކު ތިބީތީ ޝުކުރުވެރިވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *