Support Us

ވިސްނަވާލެއްވީމުތޯއެވެ؟

ސަލާމްލެއްވި ޔޫސުފުގެފާނަށް ކުޑައިރުއްސުރެ ފެނިވަޑައިގަތީ، ދިރިއުޅުމުގެ ހަރުކަށި ފަރާތް ކަމަށް ވުމާއެކުވެސް، މާތް اللهގެ ރަސޫލާ ޔޫސުފްގެފާނު ހިތްޕުޅުގައި އުފެދިފައިވާ އިހުސާންތެރިކަމާއި އޯގާވެރިކަމުގެ ސިއްރާ މެދު އަޅުގަނޑު އަބަދު ވެސް ވިސްނަމެވެ! އެ ހުރިހާ އުނދަގޫ ހާލަތްތަކެއް ބަރުދާސްތުކުރެއްވުމާއެކު ވެސް އެކަލޭގެފާނު އިހުސާންތެރިކަންމަތީ، ދެމިހުންނެވީ ކިހިނެއްބާވައެވެ؟

ނަމަވެސް އެކަލޭގެފާނުގެ ވާހަކަ ފުންކޮށް ވިސްނުންތެރިކަމާއެކު، ކިޔައި ނިންމާލުމުން އަޅުގަނޑަށް ކަމުގެ ސިއްރު ހޯދިއްޖެކަމަށް ވިސްނުނެވެ. ޚާއްޞަކޮށް އެކަލޭގެފާނުގެ އަންނަނިވި ބަސްފުޅަށް ވިސްނާލުމުންނެވެ. "وقد أحسن بي"

މާނައީ: "ތިމަންނާ އާ މެދު އެކަލާނގެ ރަނގަޅު ގޮތް މެދުވެރިކުރައްވާ އިޙްސާންތެރިވެވޮޑިގެންނެވިއެވެ."

އަޖައިބެކެވެ. އެ ހުރިހާ އިމްތިޙާނަކާއި ބަލާއާއި މުސީބާތްތަކުގައި، މާތްالله އެކަލޭގެފާނަށް ލެއްވި ރަޙްމަތްފުޅާއި އޯގާވެރިކަން ފިޔަވައި އެހެން އެއްޗެއް އެކަލޭގެފާނަކަށް ފެނިވަޑައެއްނުގަންނަވައެވެ.

އެކަލޭގެފާނުގެ ހިތްޕުޅުގައި އަންނަނިވި ސުވާލެއް ނުއުފައްދަވައެވެ: "އަނިޔާ ލިބިފައިވާ ޙާލެއްގައި އަހަންނަށް ޖަލަށް ދާންޖެހުނީ ކީއްވެގެން ހެއްޔެވެ؟" އޭގެ ބަދަލުގައި އެކަލޭގެފާނު ވިދާޅުވީ އަންނަނިވި ޝުކުރުވެރި ބަސްފުޅެވެ.

وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ .. (سورة يوسف آية 100)

މާނައީ: "އަދި ޖަލުން އަހަރެން ނެރުއްވި ހިނދު ތިމަންނާއާ މެދު އެކަލާނގެ ރަނގަޅުގޮތް މެދުވެރިކުރައްވާ އިޙްސާންތެރިވެވޮޑިގެންނެވިއެވެ."

އަންނަނިވި ސުވާލެއް ވެސް ހިތްޕުޅުގެ ތެރެއަކު ނުއުފައްދަވައެވެ.

"އަހަރެންގެ އަޚުން އަހަންނާ މެދު މިގޮތަށް ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކުށަކީ، ކޮބައިހެއްޔެވެ؟" އޭގެ ބަދަލުގައި އެކަލޭގެފާނު ވިދާޅުވީ މިފަދައިންނެވެ.

"وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ وَجَاءَ بِكُم مِّنَ الْبَدْوِ مِن بَعْدِ أَن نَّزَغَ الشَّيْطَانُ بَيْنِي وَبَيْنَ إِخْوَتِي" (سورة يوسف آية 100)

"އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ އަޚުންނާ ދެމެދު ޝައިޠާނާ ނުބައިކޮށްފުމަށް ފަހުގައި، ބަދަވީންގެ ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވި ކަމާއި، މިހުރިހާ ކަމެއްގައި ތިމަންނާއަށް އެކަލާނގެ އިޙުސާންތެރި، ރަނގަޅުގޮތް މެދުވެރިކުރެއްވިއެވެ."

ޢަޒީޒުގެ އަނބިކަނބަލުންގެ ސަބަބުން ކުރިމަތިވި ފިތުނަވެރި މައްސަލާގައި ވެސް އެކަލޭގެފާނަށް ސާބިތުކަން ލިބިވަޑައިގަތީ މާތް الله އެކަލޭގެފާނާ މެދު ބަހައްޓަވަމުން ގެންދެވި އިޙުސާންތެރިކަމާއި، އެކަލާނގެ ރަޙުމަތްފުޅު ހަނދުމަފުޅުން ކެހިގެންދިޔަނުދީ ބެހެއްޓެވުމުގެ ސަބަބުންނެވެ.

"قَالَ مَعَاذَ اللَّهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ" (سورة يوسف، آية 24)

މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. "معاذ ﷲ" އެވެ. (އެބަހީ: ﷲގެ ރައްކާތެރިކަމަށް އެދެމެވެ.) އަހަރެންގެ ވެރި މާތް الله އަހަރެންނަށް އިޙުސާންތެރިކޮށް ހިއްތަވާ، މާތްކޮށް ހިތްތެވިއެވެ. (ކަނބުލޭގެ ތިޔަ އެދޭ ފަދަ ހުތުރު ޢަމަލެއްކުރުން ތިމަންކަލޭގެފާނު ފަދަ ބޭކަލަކަށް ހެޔޮވެދާނެހެއްޔެވެ؟)

އެކަލޭގެފާނަށް ކުރިމަތިވާ ކޮންމެ އިމްތިޙާނެއްގައި އެކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ، ހަމައެކަނި މާތް اللهގެ ރަޙުމަތާއި ޢިނާޔަތާއި އޯގާވަންތަކަމެވެ.

ޝައްކެއްނެތެވެ. މިފަދަ ބޭކަލެއްގެ ހިތްޕުޅު އޮންނާނީ، ޝުކުރުވެރިކަމުގެ ޝުޢޫރުތަކުން ފުރިފައެވެ. އިލާހީ ނޫރުފުޅުން ނޫރުލެއްވިފައެވެ. އަދި ވަށައިގެންވާ އެންމެތަކުންނަށް އެހިތްޕުޅުގެ އޯގާވެރިކަމުގެ ނަސީބު ހާސިލުވާނެކަން ކަށަވަރެވެ.

ހަމަ މިމޭރުމުން އަޅުގަނޑުމެން އެންމެން މި ތިބީ، މާތް الله އޯގާވަންތަކަމާއި ރަޙުމަތުގެ ކަނޑަށް ޣަރަޤުވެފައެވެ. އަޅުގަނޑުމެންނަކީ ވިސްނާ ފިކުރުކުރާ ބަޔަކަށް ވާނަމަ، އަޅުގަނޑުމެންގެ ހިތުގައި ވެސް މި ޝުޢޫރު އޮންނަންވާނެ ނޫންތޯއެވެ؟

 

* އިސްލާމީ މުފައްކިރު އަދި މެޑިކަލް ޑޮކްޓަރު މުޞްޠަފާ މަޙްމޫދު رحمه اللهގެ ލިޔުއްވުމެއްގެ ތަރުޖަމާ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *