އަންނަ ހައްޖު މޫސުމަކީ ކޮންމެ އަހަކުވެސް އަހަރުގެ ތެރޭގައި މައްކާއަށް އަންނަ ހޫނުގަދަ ދެ ދުވަސްވަރުން އެއްދުވަސްވަރާ ދިމާވާ ހައްޖު މޫސުމެކެވެ. އަންނަ އަހަރުގެ ޢަރަފާތު ދުވަހާއި މިނާގައި ހައްޖުވެރީން ތިބޭ ދުވަސްކޮޅަކީ، މައްކާ އާއި ޢަރަފާތާއި އެ ސަރަހައްދުގެ އެހެން ތަންތަނަށްވެސް އެންމެ ހޫނުގަދަ ދުވަސްވަރު ދިމާވާ ދުވަސްވަރެކެވެ. އަދި ވަކީން ޚާއްޞާކޮށް ޙައްޖުގެ ދުވަސްވަރާ ދިމާވާ މީލާދީ މަހުގެ ދުވަސްވަރުން މޭ މަހުގެ 27 ވަނަ ދުވަހަކީ، މައްކާއަށް އެންމެ ހޫނުގަދަވާނެ އެއްދުވަހެވެ. ސަބަބަކީ އެދުވަހު މައްކާގެ ގަޑިން 12:18 ގައި ސީދާ ގެފުޅުގެ މައްޗަށް އިރުވެސް އައިސް އޮލަނބު ވާނެތީއެވެ. އެވަގުތު ހަރަންފުޅާއި އެތާނގެ ކައިރީގައި އޮލަނބަށް ހުރި އެއްވެސް އެއްޗެއްގެ ހިޔަނި އެވަގުތު ފާޅެއް ނުވާނެއެވެ. އެއިން އެނގެނީ، އެވަގުތު ގެފުޅާ އިރު އޮލަނބުވާ ކަމެވެ. އެކަމުގެ ޢަލާމާތަކީ، އެވަގުތު މައްކާ ހަރަންފުޅާއި އެތާނގެ ކައިރީގައި އޮލަނބަށް ހުންނަ ކޮންމެ އެއްޗެެއްގެވެސް ހިޔަނި އެ އެއްޗެއްގެ ތެރެއަށްވަދެ ފޮރުވިގެންދާނެ ދިއުމެވެ.
އެކަންކަން އެހެން އެ ދިމާވާ ސަބަބަކީ، އަންނަ ހައްޖު މޫސުމުގެ ދުވަސްވަރު އިރު ހިނގާ ޢަރުޟަކީ ނުވަތަ ލޮންޖިޓިޔުޑަކީ މައްކާ އޮންނަ ޢަރުޟު ކަމަށްވާ އުތުރު ޢަރުޟުން 21 ދަރަޖަ 25 ދަގީގު ކަމުގައި ވާތީއެވެ. އޭގެ އިތުރުން އެދުވަސްވަރު އިރުވެސް ހުންނާނީ ދުނިޔެއާ އެންމެ ދުރުގައި ހުންނަ މިންވަށްވުރެ 33 އިންސައްތަ ކައިރީގައި ކަމަށްވުމުން، ދުނިޔެއާ އެންމެ ކައިރީގައި އިރު ހުންނަ ދުވަސްވަރާ އެއްވަރަށް އެދުވަސްވަރު އިރުގެ ހޫނުކަން ދުނިޔެއަށް ނުފޯރާނެނަމަވެސް އިރުގެ ހޫނުމިން އެދުވަސްވަރު ވަކިދަށެއް ނުވާނެއެވެ. ވަރަށްވެސް ހޫނުކަން މަތިވާނެއެވެ.
އަންނަ އަހަރު ދުނިޔެއާ އެންމެ ކައިރީގައި އިރު ހުންނާނީ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހު ކަމަށް ވިޔަަސް މޭމަހުގައި އިރު ހުންނަ ދުރުމިނަކީ އެންމެ ދުރުގައި އިރު ހުންނަ މިންވަށް ވުރެން ކައިރި މިންވަރެއް ކަމަށްވުމުން އެ ދުވަސްވަރުގައިވެސް އިރުގެ ހޫނުކަމެއް ދަށެއް ނުވާނެއެވެ.
އެ ސަބަބަށްޓަކައި، އަންނަ އަހަރު ރާއްޖޭން ހައްޖަށްދާ މީހުން ޖަމްރާތަކަށް ހިލައުކާ ދުވަސްތަކުގައި ވީހައިވެސް ހެނދުނަކާ ނުކުމެ އިރުގެ ގަދައަވި ނުފޯރަނީސް ޖަމްރާތަކަށް ހިލައުކުމުގެ ކަންތައް ނިންމުމަށް އިރުޝާދު ދިނުމަކީ، ހައްޖާޖީންގެ ކަންކަން އިންތިޒާމުކުރާ ފަރާތްތަކުން ހައްޖާޖީންނަށް އިރުޝާދުދީ ހޭލުންތެރިކޮށް އެކަމަށް ސަމާލުކަން ދިނުމަށް ބާރުއަޅާން ވަރަށް މުހިއްމު ކަމެކެވެ. އަދި މެންދުރު ވަގުތުގައި އަވީގައި ނޫޅުމަށާއި އަބަދުވެސް ފެންފުޅިއެއް ގެންގުޅުމަށާއި ގިނަގިނައިން ފެން ބުއިމަށް އިރުޝާދީނުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.
މިފަދަ ކަންކަން ކުރިޔާލައި ދެނެގަނެ ރައްކާތެރިކަމަށްޓަކައި ކުރާންވީ ކަންތައްތަކަށް ތައްޔާރުވުމަކީ، ނުކުރާންވީކަމެއް ނޫނެވެ.




advertisment